އައްޑޫގައި އަޅާ ގޭދޮށު މަސް ޕްލާންޓް ތަކަށް ކޮންސަލްޓެންސީ ހޯދަނީ

އައްޑޫ ސިޓީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫ ސިޓީގެ ތިން އަވަށެއްގައި ގާއިމްކުރާ "ގޭދޮށު މަސް ޕްލާންޓް" ތަކަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ މަސައްކަތަށް ކޮންސަލްޓެންސީ ހޯދުމަށް މީގެ ކުރިން ކުރި އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ، އެ މަސައްކަތަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާނު ކުރާ ކަމަށެވެ.

މި މަސައްކަތަށް ކޮންސަ؛ްޓެންސީ ދޭން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ ނުވަ ވަނަ ދުވަހުގެ މެންދުރު 1:00 އަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ބިޑް ޑޮކިޔުމެންޓް ދޫކުރާނެ ކަމަށް އިއުލާނުގައި ވެއެވެ.

އިންޑިއާ އިން އައްޑޫ ސިޓީގައި ތިން މަސް ޕްލާންޓު ގާއިމް ކޮށްދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

މީގެ މަގްސަދަކީ އައްޑޫ ސިޓީގައި މަސް ޕްލާންޓްތައް ބަހައްޓައި، ކަނޑުމަސް ގަނެ، ޕްރޮސެސްކޮށް، އަގު އެއްކުރެވޭ ބާވަތްތައް އުފެއްދުމެވެ. މީގެ ކޮންމެ މަސްޕްލާންޓެއް ގާއިމުކުރަން ނިންމާފައިވަނީ 20 ޓަނުގެ އައިސް އުފައްދައި 10 ޓަނުގެ މަސް ފިނިކޮށް ބެހެއްޓޭނެ ވަސީލަތްތައް ހިމެނޭގޮތަށެވެ.

މި މަސްޕްލާންޓުތަކުން މަސް ކިރުމާއި ސާފުކުރުމާއި ފިނިކުރުމާއި ގަނޑުކުރުމާއި ވެކިއުމްޕެކް ކުރުމާއި ޕެކޭޖްކުރުމާއި ކޮލިޓީ ޓެސްޓުކުރުމާއި ތަފާތު ވައްތަރުގެ މަސް ޕްރޮސެސްކުރުމުގެ މަސައްކަތް ކުރެވޭނެ އެވެ. މި މަސްޕްލާންޓުތައް ޤާއިމު ކުރުމުން 400 ޓަނާއި 800 ޓަނާއި ދެމެދުގެ އަދަދަކަށް މަސް ގަނެ ޕްރޮސެސް ކުރުމަށް މަގުފަހިވެގެންދާނެއެވެ.

މަސްޕްލާންޓުތައް ތައްޔާރުކޮށް ހިންގަން ފެށުމަށް ހަ މަސް ދުވަސް ހޭދަވާނެކަމަށް ލަފާކުރެވޭއިރު، ގޭދޮށު މަސްޕްލާންޓަކީ މި ސަރުކާރުގެ މެނިފެސްޓޯގައި ފާހަގަކޮށްފައިވާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ އަނެއް ބޭނުމަކީ މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކުރުމާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމާއި މަސްގަތުމާއި މަސް ޕްރޮސެސްކުރުމުގެ ވަސީލަތްތައް ރާއްޖޭގައި އިތުރުކުރުމާއި އަގު އެއްކުރެވޭ މަހުގެ އުފެއްދުންތައް އިތުރުކޮށް، ރައްޔިތުންގެ އާމްދަނީ އިތުރުކުރުމެވެ.

އައްޑޫ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން ހިންގާ މި މަޝްރޫއުތަކުގައި ހިމެނޭ ގޭދޮށު މަސްޕްލާންޓްތައް ގާއިމުކުރުމަށް ހަމަޖެހިފައި ވަނީ އައްޑޫސިޓީ ހިތަދޫ، ހުޅުދޫ-މީދޫ އަދި މަރަދޫގައެވެ.

comment ކޮމެންޓް