ޕީޕީއެމް ޕްރައިމަރީގައި ވާދަކުރުމުގެ މުއްދަތު އިތުރުކޮށްފި

ޕީޕީއެމުން ބޭއްވި ޖަލްސާއެއްގެ ތެރެއިން: އެ ޕާޓީގެ ޓިކެޓްގައި ކުރުިއަށް އޮތް ކައުންސިލް އިންތިހާބްގައި ކުރިމަތިލުމުގެ ފުރުސަތު ވަނީ އިތުރުކޮށްފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ޕީޕީއެމްގެ ޓިކެޓްގައި ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމަށް ފޯމް ހުށައެޅުުމުގެ މުއްދަތު އެ ޕާޓީން އިތުރު ކޮށްފި އެވެ.

ހުރިހާ ގޮނޑިއަކަށް ވެސް ވާދަކުރުމަށް ނިންމާފައިވާ ޕީޕީއެމުން އެޕާޓީގެ ޓީކެޓަށް އެދުމުގެ ފުރުސަތު މީގެ ކުރިން ހުޅުވާލާފައިވަނީ މިމަހުގެ ހަތް ވަނަ ދުވަހާ ހަމައަށެވެ.

ނަމަވެސް މިއަދު އެ ޕާޓީން ބުނީ އެ މުއްދަތު މިހާރު ވަނީ މި މަހުގެ 13 ވަނަ ދުވަހުގެ 16:00ގެ ނިޔަލަށް އިތުރުކޮށްފައި ކަމަށެވެ.

ޓިކެޓަށް އެދުމުގެ މުއްދަތު އިތުރު ކުރި ނަމަވެސް އެ ޕާޓީގެ ޕްރައިމަރީ ބާއްވާ ދުވަސް ބަދަލު ކޮށްފައެއް ނުވެއެވެ. އެގޮތުން ޕްރައިމަރީ ބާއްވަން ހަމަޖެހިފައިވަނީ ޖެނުއަރީ 24 ވަނަ ދުވަހު އެވެ.

ޕްރައިމަރީގައި ވޯޓު ލެވޭނީ ޖެނުއަރީ މަހުގެ 17 ގެ ކުރިން އެ ޕާޓީގެ މެންބަރަކަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކަށް އެކަނިކަމަށް ވެސް ޕީޕީއެމުން ވަނީ މީގެ ކުރިން ބުނެފަ އެވެ.

ކައުންސިލު އިންތިހާބު އޮންނާނީ އޭޕްރީލް ހަތަރު ވަނަ ދުވަހު އެވެ. ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތާކައި، އަދި ސިޓީ ކައުންސިލްތައް ހިމެނޭ ގޮތަށް 980 ކައުންސިލަރުން އިންތިހާބު ކުރެވިގެން ދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފި އެވެ. އޭގެ ތެރޭގައި އަންހެން ކައުންސިލަރުންނަށް 384 ޖާގަ ވަނީ ހާއްސަކޮށްފައެވެ.

comment ކޮމެންޓް