ތަރާވީސް ކުރުމަށް ގެންނަ ހާފިޒުންގެ ގޮތް ބެލުމަށް ކޮމިޓީއެއް އެކުލަވާލައިފި

އެންސީޓީސީގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ރޯދަ މަހު އިމާމްވެ ތަރާވީސް ނަމާދު ކުރުމަށް ރާއްޖެއިން ބޭރުން ގެންނަ ހާފިޒުންނަކީ ކޮންކަހަލަ ބައެއްތޯ ބެލުމަށް ނޭޝަނަލް ކައުންޓަރ ޓެރެރިޒަމް ސެންޓަރު (އެންސީޓީސީ) އިން ކޮމިޓީއެއް އެކުލަވާލައިފި އެވެ.

އެފަދަ ކޮމިޓީއެއް އެކުލަވާލުމަށް ނިންމީ އެ ސެންޓަރުން މިއަދު ޑިފެންސް މިނިސްޓްރީގައި ބޭއްވި ކައުންޓަރ ރެޑިކަލައިޒޭޝަން ކޮމެޓީގެ ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމުގައި ވަނީ ރޯދަ މަހުގެ ތަރާވީސް ނަމާދަށް ރާއްޖެއިން ބޭރުން ހާފިޒުން ގެންނަ އުސޫލު ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފަ އެވެ. އެގޮތުން ގެނެވޭ ހާފިޒުންނަކީ، ކަމަށް އެކަށީގެންވާ އަދި ރާއްޖޭގައި އޮންނަ ދީނީ އެއްބައިވަންތަ ކަމުގެ އުސޫލުތަކަށް ތަބާވާ ރަނގަޅު ބައެއްތޯ ދެނެގަތުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށް އެންސީޓީސީން ބުންޏެވެ.

ހާފިޒުން ގެނައުމުގެ ކަންކަން ހަރުދަނާ ކުރުމަށް އެކުލަވާލި ސަބް-ކޮމެޓީގައި ހިމެނެނީ އިސްލާމިކް މިނިސްޓްރީގެ އިތުރުން ހޯމް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ އާއި އެމްއެންޑީއެފް އާއި ފުލުހުން އާއި އިމިގިރްރޭޝަނާއި އެންސީޓީސީ އެވެ.

ހާފިޒުން ގެނައުމަށް އެކުލަވާލެވޭ އުސޫލުގައި ސަރުކާރުގެ ތަންފީޒީ އިދާރާތަކުގެ ދައުރު ފުޅާކުރުމާއި ސިޓީ އަދި އަތޮޅާއި ރަށު ކައުންސިލްތަކުގެ ދައުރު ފުޅާކޮށް ބޭރުން ގެނެވޭ ހާފިޒުން ބެލެހެއްޓޭނެ އުސޫލަކާ މެދުގައި ވަނީ މަޝްވަރާކޮށްފަ އެވެ.

އޭގެ އިތުރުން ރާއްޖޭގައި ތިއްބެވި ހާފިޒުންނަށް އިމާމުވެ ތަރާވީސް ނަމާދު ކުރެވޭނެ ފުރުސަތު އިތުރުކޮށް އެ ހާފިޒުންގެ ބޭނުންކުރެވޭނެ ގޮތްތަކާ މެދު ވެސް މަޝްވަރާ ކުރެވުނު ކަމަށް އެންސީޓީސީން ބުންޏެވެ.

ހާފިޒުން ގެނައުމުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް ނިންމާފައި މިވަނީ އިސްލާމް ދީނުގެ ނަމުގައި ރާއްޖޭގައި ހަރުކަށި ފިކުރު ފަތުރާ ކަމަށް އަޑުފެތުރިފައިވާ ދުވަސްވަރެއްގަ އެވެ.

comment ކޮމެންޓް