މިދިޔަ އަހަރު ޝަރީއަތަށް ނުގޮސް 2253 މައްސަލަ ނިންމައިފި

ސިވިލް ކޯޓު ----

މިދިޔަ އަހަރު ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނަށް ހުށަހެޅު މައްސަލަތަކުގެ ތެރެއިން 2253 މައްސަލަ، ޝަރީއަތަށް ނުގޮސް ހައްލުކުރެވިފައިވާކަމަށް އެ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެ ކޯޓުން އާންމުކުރި "ސިވިލް ކޯޓުގެ ތުޅުދަނޑި" ތަފާސް ހިސާބުތަކުން ދައްކާގޮތުން 2019 ވަނަ އަހަރު ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނަށް 3081 މައްސަލަ ވަނީ ހުށަހަޅައިފައެވެ.

އެ މައްސަލަތަކުގެ ތެރެއިން 2019 ވަނަ އަހަރު ނިމުނު އިރު ޝަރީއަތަށް ނުގޮސް ޑިސްޕިއުޓް ރިޒޮލިއުޝަނުން ވަނީ 2253 މައްސަލައެއް ނިންމައިފައެވެ. އެއީ 62 ޕަސެންޓު މައްސަލައެވެ.

ކޯޓުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރު އެ ކޯޓަށް 4700 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. ދެހާސް އަށާރަ ވަނަ އަހަރު ނިމުނު އިރު، ބަލައި ނުނިމިހުރި 1781 މައްސަލައާއެކު، މިދިޔަ އަހަރު ސިވިލް ކޯޓުން ވަނީ އޭގެ ތެރެއިން 4907 މައްސަލައެއް ނިންމައިފައެވެ.

އަހަރު ނިމުނު އިރު 1574 މައްސަލަ ނުނިމި އޮތް އިރު، އޭގެ ތެރޭގައި ހިމެނެނީ އެއް އަހަރަށް ވުރެ ގިނަ ދުވަސްވީ ހަ މައްސަލަ ކަމަށް ސިވިލް ކޯޓުން ބުންޏެވެ.

ސިވިލް ކޯޓުން ބުނީ މިދިޔަ އަހަރު އެކި މައްސަލަތަކުގައި 326 މިލިއަން ރުފިޔާ އާއި 18 މިލިއަން އެމެރިކާ ޑޮލަރު އަދި ލައްކައަކަށް ވުރެ ގިނަ ޔޫރޯ ދަރަނީގެ ގޮތުގައި ސާބިތުވެފައިވާ ކަމަށެވެ. އެއީ ޖުމްލަ 613 މިލިއަން ރުފިޔާއެވެ.

އަދި އެ ކޯޓަށް މިދިޔަ އަހަރު ވަނީ 79 މިލިއަން ރުފިޔާ އާއި ދެ މިލިއަން އެމެރިކާ ޑޮލަރާއެކު 118 މިލިއަން ރުފިޔާ ބަލައިގެންފައެވެ.

ސިވިލް ކޯޓު ހުޅުމާލެ ޑިވިޝަން އިން މިދިޔަ އަހަރު ހުށަހެޅުނު 251 މައްސަލައާއި 2018 ވަނަ އަހަރު ނުނިމި ހުރި 70 މައްސަލަ ހިމެނޭ ގޮތަށް، މިދިޔަ އަހަރު ވަނީ 244 މައްސަލަ ބަލާ ނިންމައިފައެވެ. މިދިޔަ އަހަރު ނިމުނު އިރު ނުނިމި ވަނީ 77 މައްސަލައެވެ.

ދެހާސް އަށާރަ ވަނަ އަހަރު ނިމުނު އިރު 1958 މައްސަލައެއްގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓު ލިޔެވިފައި ނުވި ނަމަވެސް، މިދިޔަ އަހަރު 7109 ރިޕޯޓެއް ލިޔެފައިވެއެވެ. އެއާއެކު މިހާރު އެކޯޓުން ނިންމި ހުރިހާ މައްސަލައެއްގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ވަނީ ލިޔެ ނިމިފައެވެ.

އަދި 1495 މައްސަލައެއްގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓު މިދިޔަ އަހަރު ވަނީ ދޫކޮށްފައެވެ. ސިވިލް ކޯޓުން ބުނީ މިދިޔަ އަހަރު އެ ކޯޓަށް ހާޒިރުވުމަށް އަންގައި 45،922 އަމުރެއް ރައްދުކޮށްފައިވާނެ ކަމަށެވެ.

މިދިޔަ އަހަރު ޝަރީއަތްތަކާ ގުޅިގެން އަށް ތަނެއް ވަނީ އަގުކޮށްފައެވެ.

ސިވިލް ކޯޓުން ބުނީ 2019 ވަނަ އަހަރު ނެރެވުނު ނަތީޖާ ދެމެހެއްޓުމަށް މި އަހަރު ގިނަ މަސައްކަތްތައްތަކެއް ކުރުމަށް ރޭވިފައިވާ ކަމަށެވެ. އެގޮތުން 2020 ވަނަ އަހަރުގެ ތެރޭގައި އެއް އަހަރަށްވުރެ ގިނަ ދުވަސްވީ މައްސަލައެއް ނުބޭއްވުމަށާއި، ހުށަހެޅުނު މައްސަލަ އަދަދާއި އެއްވަރަށް މައްސަލަ ނިންމުމަށް މަސައްކަތް ކުރުމަކީ އަޒުމެއް ކަމަށް ސިވިލް ކޯޓުން ބުންޏެވެ.

comment ކޮމެންޓް