އެސްބީއައި ކައިރިން ފޭރުނު ކަމަށް ބުނެ ހުށަހެޅީ ދޮގު މައްސަލައެއް

އެސްބީއައިގައި ކައިރި --- ސަންފޮޓޯ: މުހައްމަދު އަފްރާހް

ސްޓޭޓް ބޭންކް އޮފް އިންޑިއާ ކައިިރިން ފައިސާ ފޭރުނު ކަމަށް ބުނެ މިދިޔަ މަހުގެ 26 ވަނަ ދުވަހު ހުށަހަޅާފައިވަނީ ދޮގު ރިޕޯޓެއް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އަމިއްލަ ކުންފުންޏެއްގެ މުވައްޒަފަކު އެސްބީއައި އިން ދެ ކުންފުންޏެއްގެ ޗެކް ތަކަކަށް ފައިސާ ނަގައިގެން ދަނިކޮށް ފޭރުނު ކަމަށް ބުނެ ހުށަހަޅާފައިވަނީ ދޮގު މައްސަލައެއް ކަމަށް އޭނާ އަމިއްލަ އަށް އިއުތިރާފުވެފައިވާ ކަމަށެވެ.

ޓޫރިޒަމް އޮޕަރޭޓު ކުރުމުގެ ވިޔަފާރި ކުރާ ކުންފުންޏެއްގެ ބިދޭސީ މުވައްޒަފަކު ޗެކުތަކަކަށް އެ ކުންފުނީގެ ފައިސާ ނަގައިގެން ދަނިކޮށް އޭނާ ރަހީނުކުރި އިރު އޭނާގެ އަތުގައި ގާތްގަނޑަކަށް 130،000 ރުފިޔާ ހުރިކަމަށް ބުނެ ފުލުހުންނަށް މައްސަލަ ހުށަހެޅި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގުގައި އިތުރަށް ސާފުކޮށް ބެލުނު ކަންތައްތަކުން، އޭނާ ފުލުހުންނަށް ދޮގު މައުލޫމާތުދީ ދޮގު ރިޕޯޓެއް ކޮށްފައިވާކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

އަދި އެކަން ޔަގީންވި ހިސާބުން ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް އޭނާ ދިރިއުޅޭތަން ބަލައި ފާސްކުރުމުން އެނާ ދިރިއުޅޭ ތަނުން 8000 ޑޮލަރު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ޑޮލަރުތަކާ ގުޅޭގޮތުން ސުވާލުކުރުމުން އޭނާގެ އަތުން ފޭރުނީ ނޫން ކަމަށާއި އޭނާ އެ ފައިސާ ނަގައިގެން ގެންގޮސް ފޮރުވާ ފައިސާ ޑޮލަރަށް މާރުކުރި ކަމަށް އެއްބަސްވީ ކަމަށެވެ. އަދި ބާކީ ފައިސާ ބޭނުން ކުރި ކަމަށް އަމިއްލަ އަށް އިއުތިރާފު ވެފައިވާ ކަމަށް ވެސް ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ އަދިވެސް އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

https://sun.mv/129446

comment ކޮމެންޓް