އައްޑޫގެ ދާއިރާތަކަށް ދިނީ ޒަމާނުއްސުރެ ބޭނުންކުރަމުން އައި ނަންތައް

އައްޑޫ ސިޓީ ކައުންސިލް އިދާރާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި، އައްޑޫ ސިޓީ ކައުންސިލަށް ކައުންސިލަރުން އިންތިހާބުކުރާނެ ދާއިރާތައް އިއުލާނުކޮށްފިއެވެ.

ސިޓީ ކައުންސިލްތަކުގެ އިންތިހާބީ ދާއިރާތަކަށް ދީފައިވާ ނަންތަކާ ގުޅޭގޮތުން ހިޔާލު ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. ނަންތަކަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޑިސެމްބަރު 29 ގައި ބަންދުވި އިރު، ރައްޔިތުންގެ ހިޔާލާއެކު، އައްޑޫ ސިޓީގެ ބައެއް ދާއިރާތަކުގެ ނަންތަކަށް މިވަނީ ބަދަލުތަކެއް އައިސްފައެވެ.

މިހާރު އައްޑޫ ސިޓީގެ އިންތިހާބީ ދާއިރާތަކަށް ދީފައި ވަނީ ތަފާތު، ނަންތަކެކެވެ. ދާއިރާތަކަށް ނަން ދީފައި ވަނީ އައްޑޫ ބަހުރުވައިންނެވެ.

އައްޑޫ ސިޓީގެ ދާއިރާތަކުގެ ނަންތައް:

  • ހިތަދޫ މޫލެކެޑެ އޮޑައްސައު ދާއިރާ
  • ހިތަދޫ ކޮރޮވައު ދާއިރާ
  • ހިތަދޫ ބޭރުމަތި ދާއިރާ
  • ހިތަދޫ މެދެވައު ދާއިރާ
  • ހިތަދޫ މާމެންދޫ ދާއިރާ
  • ހިތަދޫ ރަސްގެދަރު ދާއިރާ
  • މަރަދޫ ދާއިރާ
  • މަރަދޫ ފޭދޫ ދާއިރާ
  • ފޭދޫ، މަގުއްދޫ ދާއިރާ
  • ފޭދޫ، މާދެލަ ދާއިރާ
  • ހުޅުދޫ ދާއިރާ
  • މީދޫ ދާއިރާ

އައްޑޫ ސިޓީގެ އިންތިހާބީ ދާއިރާތަކަށް ދީފައިވާ ނަންތަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވީ އައްޑޫ ސިޓީގެ ދާއިރާތަކަށް ދީފައިވަނީ ޒަމާނުއްސުރެ އައްޑޫގައި ބޭނުންކުރަމުން އައި ނަންތައް ކަމަށެވެ.

ދާއިރާތަކަށް ދިން ނަންތަކާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު، މުހައްމަދު ޔަސްރިފް "ސަން" އަށް ވިދާޅުވީ ދާއިރާތަކަށް ދީފައި ވަނީ އެންމެ އިހު ޒަމާނުއްސުރެ ހިތަދޫގެ އެކި ސަރަހައްދުތަކަށް ދީފައިވާ ނަންތައް ކަމަށެވެ. އޭގެ އިތުރުން ފޭދޫގެ ދެ ދާއިރާއަށް ވެސް ދީފައި ވަނީ ޒަމާނުއްސުރެ ފޭދުގެ ދެ ސަރަހައްދަކަށް ކިޔާ ދެ ނަން ކަމަށެވެ.

"ސީދާ އެ ސަރަހައްދުތަކަށް އަދި އެ ދާއިރާތައް ނުފެތުނު ކަމުގައި ވިޔަސް، ދާއިރާތަކަށް ދީފައި އެވަނީ އެންމެ އިހު ޒަމާނުއްސުރެ އައްޑޫ ރައްޔިތުން ބޭނުންކުރަމުން އަންނަ ނަންތައް،" އޭނާ ވިދާޅުވިއެވެ.

ޔަސްރިފް ވިދާޅުވީ އިހުޒާމާނުއްސުރެ ބޭނުންކުރަމުން އައި ނަންތައް ބޭނުންކުރަން ނިންމީ، އެ ނަންތަކާއި އައްޑޫ ބަހުރުވަ ދިރުވައި އާލާކުރުމުގެ މަގުސަދުގައި ކަމަށެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީއަށް މޭޔަރު ނުލާ 12 ދާއިރާއަކުން 12 ކައުންސިލަރުން ހޮވަން ޖެހޭނެއެވެ. މޭޔަރު އިންތިހާބުކުރަން ޖެހޭނީ މުޅި ސިޓީގެ ވޯޓަކުންނެވެ.

comment ކޮމެންޓް