ފުރަތަމަ ދުވަހުވެސް ތިމާވެށީގެ ޝަކުވާތަކާ އެކު ދެ މީހަކު މިނިސްޓަރުގެ އަރިހަށް

ތިމާވެއްޓާ ބެހޭ ކަންކަމުގައި އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެން ރަޝީދުު ހަސަން އާ ބައްދަލުވުކުރުމުގެ ފުރުސަތު ހުޅުވާލުމުން ފުރަތަމަ ދުވަހު ދެ މީހަކު މިނިސްޓަރާ ބައްދަލު ކުރި ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީ އިން ބުނެފިއެވެ.

އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޖްވަދު މުސްތޮފާ "ސަން"އަށް ވިދާޅުވީ ކޮންމެ އާދިއްތަ ދުވަހެއްގެވެސް ހެނދުނު 9:00-10:00 އަށް އެޕޮއިންޓް މެންޓަކާ ނުލާ އެންވަޔަރަމެންޓް މިނިސްޓަރާ ބައްދަލު ކުރުމަށް ހުޅުވާލި ފުރުސަތުގައި މިއަދު ހެނދުނު ދެ ރައްޔިތަކު މިނިސްޓަރާ ބައްދަލު ކުރި ކަމަށެވެ.

"ރުއްގަސް އުފުރުމާ ގުޅޭ ކަންކަމުގައި މިއަދު މަޝްވަރާ ކުރެވުނީ،" ޕީއެސް ވިދާޅުވި އެވެ.

އެގޮތުން ރަށްރަށުން ރުއްގަސް އުފުރުމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް މިނިސްޓަރާ އެބޭފުޅުން ހިއްސާ ކުރެއްވި ކަމަށާއި، އެކަމާ ގުޅޭ ގަވައިދުތައް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތްތައް މިނިސްޓަރު ހިއްސާ ކުރެއްވި ކަމަށް ޕީއެސް ވިދާޅުވި އެވެ.

މީގެ އިތުރުން ވެލާ ކަހަނބު ގެންގުޅުމާ ގުޅޭގޮތުންވެސް މިނިސްޓަރާ މިއަދު މަޝްވަރާ ކުރި ކަމަށް ޕީއެސް ވިދާޅުވި އެވެ.

"ވެލާ ކަހަނބަކީ ހިފާގެންގުޅުން މަނާއެއްޗެއް. އެކަމަކު ބައެއް މީހުން އެތަކެތި ގެންގުޅުމުގެ ޝައުގުވެރިކަން ހުރޭ. އެކަމާ ގުޅޭ ގޮތުން މިއަދު އާންމުންގެ މީހަކު މަޝްވަރާ ކުރި. އަޅުގަނޑުމެން ދެންނެވީ އެއީ ގާނޫނީ ގޮތުން މަނާ ކަމެއްކަމަށް،"

ޕީއެސް ވިދާޅުވީ ކޮންމެ އާދިއްތަ ދުވަހެއްގެ ހެނދުނު 9:00-10:00 އަށް އެޕޮއިމްޓްމެންޓަކާ ނުލާ އާންމުންނަށް މިނިސްޓަރާ ބައްދަލު ކުރެވޭނެ ކަމަށާއި އެނޫން ގަޑިތަކުގައި އެޕޮއިންޓްމެންޓާއެކު މިނިސްޓަރާ ބައްދަލު ކުރުމުގެ ފުރުސަތު ކުރިއެކޭ ވެސް އެއްގޮތަށް އާންމުންނަށް އޮންނާނެ ކަމަށެވެ.

comment ކޮމެންޓް