ސެމްސަންގްގެ އާ ޑިވައިސްތައް ދައްކާލުން އަންނަ މަހު

މިއަހަރު ނެރުމަށް ހަމަޖެހިފައިވާ ގެލެކްސީ އެސް ސީރީޒްގެ ފޯނު ހުންނާނެގޮތް ކަމަށް ބެލެވޭ ރެންޑާތަކެއް --- ފޮޓޯ : އޮން ލީކްސް

ސެމްސަންގްގެ ފްލެގްޝިޕް ޑިވައިސްތައް ދައްކާލުމަށް ކުރިއަށް ގެންދާ ބޮޑު އިވެންޓު އަންނަ މަހުގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް ލީކުތަކުން ހާމަވެއްޖެ އެވެ.

ދާދި ފަހުން ސޯޝަލް މީޑިއާގައި ދައުރުވި ލީކަކުން ހާމަވާ ގޮތުގައި ސެމްސަންގްގެ "އަންޕެކްޑް" އިވެންޓު އަންނަ މަހުގެ 11ގައި ބޭއްވުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.

އެކްސްޑީއޭގެ ޑިވެލޮޕަރެއް އާންމުކޮށްފައިވާ ސެމްސަންގްގެ ޕްރޮމޯއަކުން ދައްކާގޮތުގައި ގެލެކްސީގެ ޓެގާއެކު ދެ ފޮށިގަނޑު ފެނިގެންދެއެވެ. އާންމުންގެ މެދުގައި ސުވާލު އުފެދިފައިވަނީ އެއީ ކޮން ފޮށިގަނޑުތަކެއް ކަމާ މެދުގައެވެ.

ޕްރޮމޯ ވީޑިއޯއިން މާ ގިނަ މައުލޫމާތު ތަކެއް އެނގޭކަށް ނެތެވެ. އެގޮތުން ސެމްސަންގުން އާންމުކުރާނެ ޑިވައިސްތަކުގެ މައުލޫމާތެއްވެސް އާންމުވެފައެއް ނުވެއެވެ. ނަމަވެސް ލިކްތަކުން ދައްކާގޮތުގައި މިއަންނަ މަހުގެ އިވެންޓުގައި ގެލެކްސީ ފްލެގްޝިޕް ފޯނުތައް ފެނިގެން ދެއެވެ.

މައުލޫމާތު ލިބޭގޮތުގައި މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ގެލެކްސީ އެސް ސީރީޒް ފްލެގްޝިޕްގެ ތިން ފޯނެއް ނެެެރޭނެއެވެ. އެހެންނަމަވެސް ގެލެކްސީ ލައިންއަޕްގެ ނަންތަކަށް ބަދަލު އަންނާނެއެވެ. ތަރުތީބުން ދާ ނަމަ މިއަހަރު ނެރެން ޖެހޭނީ ގެލެކްސީ "އެސް11"ގެ ފޯނުތަކެވެ. ނަމަވެސް އެ ފޯނުތަކަށް ކިޔާނީ "އެސް20" ކަމަށް މައުލޫމާތު ލިބެއެވެ.

comment ކޮމެންޓް