އަހަރުގެ ފުރަތަމަ މެޗުގައި އެސްޕަންޔޯލް އަތުން ބާސާ އެއްވަރުވެއްޖެ

ބާސެލޯނާއާއި އެސްޕަންޔޯލް ރޭ ކުޅުނު މެޗުގައި މިޑްފީލްޑަރު ޑެ ޔޮންގްއަށް ދެއްކި ރަތް ކާޑު --- ފޮޓޯ// ސްޓީފެން ކްރީކް

ވިންޓާ ބްރޭކަށްފަހު ސްޕެނިޝް ލީގުގެ ކުޅުން އަލުން ފެށި އިރު ރޭ އެސްޕަންޔޯލް އަތުން އެއްވަރުވެ އެއްވަނައިގައި ލީޑު ފުޅާ ކުރުމަށް ލިބުނު ފުރުސަތު ބާސެލޯނާއިން ނަގާލައިފި އެވެ.

އެސްޕަންޔޯލުގެ އާރުސީޑީއީ ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފިސިކަލް ފުޓުބޯޅައެއް ފެނިގެން ދިޔަ އިރު މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އެ މެޗުން މޮޅުވެ އެއްވަނައިގައި ދެ ޕޮއިންޓްގެ ލީޑެއް ނެގުމުގެ ފުރުސަތު ބާސާއަށް އޮތް ނަމަވެސް މެޗުން ލިބުނު ޕޮއިންޓާ އެކު މިވަގުތު އެ ޓީމު އެއްވަނައިގައި އޮތީ ގޯލުގެ ތަފާތުންނެވެ.

ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވެސް ބާސެލޯނާ އެކޭ އެއްފަދައިން 17 މެޗު ކުޅެ 40 ޕޮއިންޓް ލިބިފައިވާ އިރު ބާސެލޯނާ ކުރީގައި އޮތީ ފައިދާ ދެ ގޯލުގެ ތަފާތުންނެވެ. ރޭގެ މެޗުގައި ބާސެލޯނާއާ އެއްވަރު ކުރި އެސްޕަންޔޯލް ތާވަލުގެ ފުލުގައި އޮތީ 11 ޕޮއިންޓާ އެކު އެވެ.

ރޭގެ މެޗު ފެށިގެން ބާސެލޯނާއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް އެ ޓީމަށް ރަނގަޅު ހަމަލާއެއް އުފެއްދޭ ގޮތެއް ނުވި އެވެ. އެސްޕަންޔޯލުން ފަހަތުގައި އެތުރިގެން ތިބެ ލިބޭ ބޯޅަތަކުން ބާސެލޯނާގެ ޑިފެންސަށް ނުރައްކާކުރަމުން ދިޔަ އިރު މެޗުގައި ފުރަތަމަ ގޯލު ވެސް ޖެހީ އެ ޓީމުންނެވެ. އެސްޕަންޔޯލުން އެ ގޯލު ޖެހީ ލިބުނު ދުރު ހިލޭ ޖެހުމެއްގެ ފައިދާ ނަގައި އެ ޓީމުގެ ޑޭވިޑް ލޮޕޭޒް ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެންނެވެ.

އަނިޔާގެ ސަބަބުން ބާސެލޯނާގެ ފުރަތަމަ ގޯލް ކީޕަރު ޓާ ސްޓޭގެން އެމެޗުގައި ކުޅެފައި ނުވާ އިރު ގޯލު ބެލެހެއްޓީ ޑަބަލް ކީޕަރު ނެޓޯ އެވެ. ނެޓޯ ވަނީ ރޭގެ މެޗުގައި މުހިއްމު ސޭވްތަކެއް ކޮށްފަ އެވެ.

ދެވަނަ ހާފު ބާސެލޯނާއިން ފެށީ ބަދަލަކާ އެކު އެވެ. އެ ޓީމުގެ މެދުތެރެއަށް ކުޅެމުން ދިޔަ އީވާން ރަކިޓިޗްގެ ބަދަލުގައި އާތުރޯ ވިޑާލް ކުޅެން ނުކުން އިރު އެ ހާފުގެ ނުވަ ވަނަ މިނަޓުގައި ނަތީޖާ ހަމަހަމަކޮށްދިނީ ލުއިސް ސުއަރޭޒް އެވެ. އޭގެ އިރަކޮޅެއް ފަހުން ސުއަރޭޒް ނަގައިދިން ހުރަހަކުން ވިޑާލް ވަނީ ބާސެލޯނާއަށް ލީޑު ނަގައިދީފަ އެވެ.

ދެ ގޯލު ޖަހައި ބާސެލޯނާއިން މެޗުގެ ކޮންޓްރޯލް ގެނައުމަށް މަސައްކަތް ކުރަމުން ދަނިކޮށް އެ ޓީމަށް ދިމާވި އެންމެ ބޮޑު އުނދަގުލަކީ މެޗު ނިމެން ބާކީ 15 މިނަޓު އޮއްވާ މިޑްފީލްޑަރު ޑެ ޔޮންގްއަށް ރަތް ކާޑު ދެއްކުމެވެ. އެއާ އެކު އެއް ކުޅުންތެރިއަކު މަދުކޮށް ބާސެލޯނާއިން ކުޅެމުން ދިޔަ އިރު މެޗު ނިމެން ދަނިކޮށް އެސްޕަންޔޯލަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުން ޗައިނާގެ ފޯވާޑް ވޫ ލީ އެވެ.

comment ކޮމެންޓް