ޗައިނާއާ އެކު ރާއްޖެއަށް ގިނަ މަސައްކަތްތައް ކުރެވޭނެ: ޝާހިދު

އަބްދުﷲ ޝާހިދު ޗައިނާ ސަފީރާއެކު--- ފޮޓޯ: ފޮރިން މިނިސްޓްރީ

ޗައިނާ އާ ގުޅިގެން މި އަހަރުވެސް އިތުރު މަސައްކަތްތަކެއް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޗައިނާގެ އެހީގައި ހުޅުމާލޭ ހޮސްޕިޓަލުގައި ގާއިމް ކުރާ ލޮލުގެ ބަލިތަކަށް ފަރުވާދޭ ކްލިނުކާ ގުޅޭގޮތުން ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ކުރެއްވި ޓްވީޓެއް ރީޓްވީޓު ކުރައްވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ލޮލުގެ ކްލިނިކަކީ ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމުގެ ވަރަށް ފުރިހަމަ ހެއްކެއް ކަމަށެވެ.

ރައްޔިތުންނަށް ފައިދާ ހުރި މިފަދަ ގިނަ މަސައްކަތްތައް މުސްތަގުބަލުގައިވެސް ދެ ގައުމު ގުޅިގެން ކުރިއަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޗައިނާގެ އެހީގައި ހުޅުމާލޭގައި ގާއިމް ކުރާ ލޮލުގެ ކްލިނިކް މިމަހުގެ މެދުތެރޭ ހުޅުވަން ތައްޔާރުވެފައިވާއިރު އެ ކްލިނިކްގައި ފަރުވާ ދެއްވާނީ ލޮލުގެ ބަލިތަކަށް ފަރުވާ ދިނުމުގައި 30 އަހަރުގެ ތަޖުރިބާ ހޯއްދަވާފައިވާ ޗައިނާގެ ޑޮކްޓަރު ޑރ. ޗަންގް ވެޔޮންގް އެވެ.

ޑރ. ޗަންގް އަކީ ލޮލުގެ އެތައް ހާސް އޮޕަރޭޝަނެއް ކުރައްވާފައިވާ، އަދި ދުނިޔޭގެ އެތައް ގައުމަކަށް ދަތުރުކޮށް ގިނަ އަދަދެއްގެ ބަލިމީހުންނަށް ފަރުވާ ދެއްވާފައިވާ ޑޮކްޓަރެއް ކަމަށް ސަފީރު ލިޖޮންގް ވިދާޅުވި އެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި ގާއިމްކުރާ ލޮލުގެ ސެންޓަރަކީ ރާއްޖޭގައި ގާއިމްކުރާ މިފަދަ ފުރަތަމަ ސެންޓަރު ކަމަށާއި ޗައިނާ ސަރުކާރުގެ އެހީގައި ގާއިމްކުރާ މި ސެންޓަރުން ލޮލުގެ ފުސްކެހުމާއި، ގުލޮކޮމާ، ހަކުރު ބަލީގެ ސަބަބުން ލޮލަށް ލިބޭ ގެއްލުންތައް ލޮލުގެ ކޮއެގެ ބަލިތަކާއި ނަންބަރު ނެގުން ފަދަ ހިދުމަތްތައް ދޭނެ ކަމަށް ސަފީރު ވިދާޅުވި އެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި ގާއިމްކުރާ ސެންޓަރުން ލޮލުގެ ފަރުވާގެ އެންމެ ރަނގަޅު ހިދުމަތް ފޯރުކޮށްދޭނެ ކަމަށް އެ ސެންޓަރުގައި މަސައްކަތްކުރައްވާ ޑޮކްޓަރު ވަނީ ވިދާޅުވެފަ އެވެ.

މީގެ ކުރިން 2015 އަދި 2017 ވަނަ އަހަރުވެސް ޗައިނާ ސަރުކާރާ ގުޅިގެން ހުޅުމާލޭގައި ވަނީ ލޮލުގެ ފަރުވާ އަށް ހާއްސަ ކޭމްޕެއް ކުރިއަށް ގެންގޮސްފަ އެވެ. އެ ކޭމްޕުގައި ލޮލުގެ އޮޕަރޭޝަންތައް ވަނީ ކޮށްފަ އެވެ.

comment ކޮމެންޓް