ޗެމްޕިއަން ޓީސީ ބަލިކޮށް ޔޫވީ ކުރިއަށް ޖައްސާލައިފި

ޔޫވީއާއި ޓީސީ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު ޔޫވީއިން ކާމިޔާބު ކުރީ 2-4 ގެ ނަތީޖާއަކުން --- ފޮޓޯ// އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގެ ފަހު މެޗުގައި އިއްޔެ، ޗެމްޕިއަން ޓީސީ ބަލިކޮށް ޔުނައިޓެޑް ވިކްޓަރީއިން ކުރިއަށް ޖެހިލައިފި އެވެ.

ޔުނައިޓެޑް ވިކްޓްރީގެ ކޯޗުކަމާ އަލަށް ހަވާލުވި މުހައްމަދު އާދަމްގެ އިރުޝާދުގެ ދަށުން އެ ޓީމަށް ލިބުނު ފުރަތަމަ މޮޅު އިއްޔެ، ޓީސީއާ ދެކޮޅަށް ކުޅެ ހޯދީ 2-4 ގެ ނަތީޖާއަކުންނެވެ. މީގެ ކުރިން ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ، ދެ މެޗުން ވަނީ އެއްވަރުވެފަ އެވެ.

ލީގުގައި ޔުނައިޓެޑް ވިކްޓްރީ އަށް ލިބުނު ފަސް ވަނަ މޮޅާ އެކު އެ ޓީމުން ދެ ވަނަ ބުރު ނިންމާލީ ހަތް ވަނައިގަ އެވެ. ޔުނައިޓެޑް ވިކްޓްރީ އަށް 16 މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ. މި މެޗުން ބަލިވި ޓީސީ އޮތީ ތާވަލުގެ ހަތަރުވަނައިގައި 14 މެޗުން 25 ޕޮއިންޓާއެކު އެވެ.

ޔޫވީއާއި ޓީސީ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު ޔޫވީއިން ކާމިޔާބު ކުރީ 2-4 ގެ ނަތީޖާއަކުން --- ފޮޓޯ// އެފްއޭއެމް

އިއްޔެގެ މެޗު ފަށައިގެން ދެ ޓީމުން ވެސް ޓީމު ކުރިއަށް ޖައްސައިގެން ކުޅުނީ އެޓޭކިންގް ކުޅުމެކެވެ. އެހެން ނަމަވެސް ޔޫވީއިން ވަނީ މެޗުގެ ކުރީކޮޅު ލީޑު ނަގައި މެޗުގެ ކޮންޓްރޯލް ގެންގޮސްފަ އެވެ. ޔޫވީއިން މެޗުގެ ނުވަވަނަ މިނެޓުގައި ލީޑު ނެގި އިރު، އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ހައިޝަމް (ޗުމްޕު) އެވެ.

ގޯލަށްފަހު ވެސް ޔޫވީގެ ފަރާތުން އެއްވެސް ކަހަލަ މަޑު ޖެހުމެއް ފެނިގެން ނުދިޔަ އިރު މެޗުގެ 20 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. ނާވީ މުހައްމަދު ދިން ޕާހަކުން މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ހަމްދާނެވެ.

މެޗުގައި ޔޫވީގެ ތިންވަނަ ގޯލް ދެވަނަ ހާފު ފަށައިގެން 50 ވަނަ ސިކުންތުުގައި ސިލިޗް ދިން ޕާހަކުން ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އިސްމާއީލް ޝަފީއު (އިއްސެ) އެވެ.

ޔޫވީގެ ތިންވަނަ ގޯލާ އެކު ޓީސީއިން ކުޅުން ރަނގަޅުކޮށް ހަމަލާތައް އިތުރު ކުރި އެވެ. އެގޮތުން މެޗުގެ 62 ވަނަ މިނިޓްގައި އެ ޓީމުގެ ފޯވާޑް އިޝާން އިބްރާހިމް (ސައްޓު) މުޅިން ހުސްކޮށް އޭރިއާތެރެއަށް ވަދެ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. އެކަމަކު އޭގެ އަށް މިނިޓް ފަހުން ލިބުނު ފުރުސަތުގެ ބޭނުންހިފައި ސައްޓު ވަނީ ލަނޑެއް ޖަހައި ޓީސީއަށް ފަރަގު ކުޑަކޮށްދީފަ އެވެ.

އެއަށްފަހުން 81 ވަނަ މިނެޓުގައި އިސްމާއީލް އީސަ (މެސީ) ނުރައްކާތެރި ހަމަލާއެއް އުފެއްދި ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. އޭގެ ހަތަރު މިނެޓު ފަހުން ޔޫވީން ވަނީ އެޓީމުގެ ހަތަރުވަނަ ގޯލް ކާމިޔާބުކޮށްފައެވެ. ސިލިޗް ހުރަސްކޮށްދިން ބޯޅައަކުން މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ޗުމްޕު އެވެ. އެކަމަކު 88 ވަނަ މިނެޓުގައި މެސީ ވަނީ ޓީސީއަށް އިތުރު ގޯލެއް ޖަހައިދީފަ އެވެ.

މި މެޗުން ބަލިވުމުން ލީގުގެ ތިން ވަނަ އަށް ޖެހިލަން ޓީސީ އަށް ލިބުނު ފުރުސަތު ވަނީ ގެއްލިފަ އެވެ. މި ބުރުގައި ދެން ބާކީ އޮތް ދެ މެޗަކީ ޓީސީގެ ދެ މެޗެވެ. އެއީ ޓީސީން ގްރީން ސްޓްރީޓްސް އާއި ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅެން އޮތް މެޗުތަކެވެ.

comment ކޮމެންޓް