ތައުރީފް ކުރަމުން މަޓާޓޯވެސް މިނިސްޓަރު އަލީގެ ދިފާއުގައި

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2019ގައި މަޓާޓޯގެ ރައީސް އަބްދުﷲ ސުއޫދު- ސަންފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވަން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކުރައްވާ މަސައްކަތްތައް ބަލައިގަންނަ ކަމަށާއި އެ މިނިސްޓްރީގެ އަގު ވައްޓާލައި، އެ ސިނާއަތުގެ މަސްލަހަތު ނަގާލަން ބަޔަކު ކުރާ މަސައްކަތަށް ހިތްވަރު ނުދިނުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ގޮވާލައިފި އެވެ.

މަޓާޓޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސާވިސް ޗާޖާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރު ދެއްކެވި ވާހަކައިގެ މާނަ އޮޅުވާލައިގެން މަސްލަހަތު ނަގާލަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ބައެއްގެ ސިޔާސީ މަގްސަދުތަކެއް ހާސިލުކުރުމަށް ޓުއަރިޒަމް މިނިސްޓްރީއާއި ޓުއަރިޒަމް މިނިސްޓަރުގެ އިތުބާރު ގެއްލުވާލުމުގެ ބޭނުމުގައި ދިވެހި މުވައްޒަފުން އުޒުރަކަށް ހެދުން އެއީ ހިތާމަ ހުރި ކަމެއް. މިފަދަ ނުފޫޒުތަކަށް ހިތްވަރު ނުދިނުމަށް އިލްތިމާސް ކުރަން." މަޓާޓޯގެ ބަޔާނުގައި ބުނެފައިވެ އެވެ.

މި ފަހުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ޖަމްއިއްޔާ އާއި ލޭބާ ޕާޓީއިން ކިތަންމެ ވަރަށް ބިރު ދައްކައި އެކަމަށް އެދުނު ނަމަވެސް، ކޮންމެ ރިސޯޓެއްގެ މެނޭޖްމަންޓުން ސްޓާފެއްގެ ބޮލަށް 6.50 ޑޮލަރުގެ ރޭޓުން ޓީމްއަށް ފީއެއް ދައްކަން މަޖުބޫރު ކުރުވާ ސިޓީއެއް ނުދެއްވާނެ ކަމަށެވެ.

ނަމަވެސް މިނިސްޓަރު ކުރެއްވި ތުހުމަތުތައް ޓީމްއިން ވަނީ ދޮގުކޮށްފަ އެވެ. އަދި އެފަދަ ސިޓީއެއް ފޮނުވާފައިވާނަމަ ހެކި ދެއްކެވުމަށް ޓީމްއިން އެދިފައިވެ އެވެ.

މިނިސްޓަރުގެ އެ ޓުވީޓާ ގުޅިގެން މިފަހުން ބޯޓިންގް އެސޯސިއޭޝަނުން ވެސް ވަނީ ޓީމް ޖަމުއިއްޔާ އާއި ލޭބާ ޕާޓީއަށް ފާޑުކިޔައި ބަޔާނެއް ނެރެފަ އެވެ.

https://sun.mv/129713

ޓޫރިޒަމް މިނިސްޓަރުގެ މަގާމާ އަލީ ވަހީދު ހަވާލުވެވަޑައިގެންނެވި ފަހުން އައި ކުރިއެރުންތަކަށް އަލިއަޅުވާލަމުން މަޓާޓޯއިން ބުނީ ފަތުރުވެރިކަމުގެ ސިނާއަތުން ދިވެހިންނަށް ލިބޭ ނަފާ އިތުރުކޮށް، މިއީ ދެމެހެއްޓެނިވި ސިނާއަތަކަށް ހެދުމަކީ ގިނަ ގޮންޖެހުންތަކެއް ހުރި މަސައްކަތެއް ކަމަށާއި އެއީ އެއް ދުވަހުން ކުރެވޭނެ މަސައްކަތެއް ވެސް ނޫން ކަމަށެވެ.

"ފަތުރުވެރިކަމުގެ ވުޒާރާއާ ހަވާލުވެވަޑައިގަތުމަށްފަހު މިނިސްޓަރު އަލީ ވަހީދު އެންމެ ފުރަތަމަ ކުރެއްވި އެއް މަސައްކަތްޕުޅަކީ މި ސިނާއަތް ތަމްސީލު ކުރާ އިދާރާތަކާއި ޖަމިއްޔާތަކާ ވަކިވަކިން ބައްދަލު ކުރައްވައި، ސިނާއަތުގެ އުދާސްތަކާއި ގޮންޖެހުންތަކުގެ އަޑު އެއްސެވުން. މަޓާޓޯއިން އެކަމުގެ އަގުވަޒަން ކުރަން." މަޓާޓޯގެ ބަޔާނުގައިވެ އެވެ.

މަޓާޓޯއިން ބުނީ ފާއިތުވި ދުވަސްތަކުގައި ފަތުރުވެރިކަމުގެ ސިނާއަތަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި އެ ސިނާއަތުން ހެޔޮ ބަދަލުތަކެއް ފެންނަމުންދާ ކަމަށާއި ތަރައްގީގެ ދުވެލި ކުރިއަށްވުރެ އަވަސް ވެފައިވާ ކަމަށް ވެސް ބުންޏެވެ.

comment ކޮމެންޓް