މަހަށްގޮސް ފީނަން އުޅުނު މީހަކު ޑިކޯވެގެން ފަރުވާ ދެނީ

މަހަށްގޮސް ފީނަން އުޅުނިކޮށް ޑިކޯވި މީހާ--- ފޮޓޯ: އެމްއެންޑީއެފް

މަހަށްގޮސް ފީނަން އުޅުނު މީހަކު ޑައިވިން ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ވެގެން ފަރުވާ ދޭން ފަށައިފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގދ. ކޮންޓާ ހިސާބުގައި މަސްވެރިކުރަން އުޅުނު "ހުދުހުދު" ނަމަކަށް ކިޔާ ދޯނިން ފީނަން ފޭބި 26 އަހަރުގެ ދިވެހި ފިރިހެނެއް ޑިކޯވި ކަމަށެވެ.

އޭނާ ޑިކޯވުމުން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑްގެ އެހީތެރިކަމާއެކު ސީ އެމްބިއުލެންސްއެއްގައި ގދ. ތިންދޫއަށް މިރޭ 06:10 ގައި ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ ޑިކޯވި މީހާ އުޅުނީ ފުޅިއަޅައިގެން ފީނަން ކަމަށާއި އަދި ކުއްލިއަކަށް އަތުގައި ރިއްސަން ފެށީ ކަމަށެވެ.

މިދިޔަ ނޮވެމްބަރު މަހުވެސް ދެ މީހަކު ގދ. އަތޮޅުގައި ޑިކޯވެގެން ބަނޑޮސްގައި އެކަމަށް ފަރުވާދޭ ތަނުގައާއި އަދި އައިޖީއެމްއެޗްގައި ފަރުވާދިނެވެ.

ފީނުމުގައި ޑިކޯވުމުގެ މައްސަލައަކީ ރާއްޖޭގައި އާންމު ކަމެކެެވެ. އެ މައްސަލަ އިތުރުވާތީ ކާށިދޫ ދާއިރާގެ މެމްބަރުއަބްދުﷲ ޖާބިރު އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މިދިޔަ ނޮވެމްބަރުމަހު މަޖިލީހަށް މައްސަލައެއްވެސް ހުށަހެޅިއެވެ.

comment ކޮމެންޓް