ބުރިޖާއި ހައިވޭގައި ސައިކަލު މަޑު ކުރާތީ ހިނގާ އެކްސިޑެންޓްތައް އިތުރުވަނީ

ހައިވޭގައި މިއަދު ހިނގި އެކްސިޑެންޓް. އެކްސިޑެންޓްތައް މަދު ކުރުމަށްޓަކައި ހައިވޭއާއި ބުރިޖުގައި ވެހިކަލް މަޑު ނުކުރުމަށް ފުލުހުން އިލްތިމާސް ކުރޭ--

ބުރިޖާއި ހައިވޭއަކީ ވެހިކަލް މަޑުކޮށްގެން އޮތުން މަނާ ސަރަހައްދެއް ކަމަށާއި އެ ސަރަހައްދުގައި ވެހިކަލް މަޑުކޮށްގެން އޮތުމުން އެކްސިޑެންޓް ހިނގަން މަގުފަހިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން އެހެން ބުނީ މާލެ - ހުޅުމާލެ ހައިވޭގައި މިއަދު ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގުމާ ގުޅިގެންނެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 16:38 ހާއިރު ހައިވޭގެ މާލޭން ހުޅުމާލެއަށް ދަތުރުކުރާ ލޭނުން ދުއްވަމުން ދިޔަ ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބްރިޖުގެ އެއް ފަރާތުގައި އެއް ސައިކަލު މަޑުކޮށްފައި ނައްޓާލަން އުޅުނު ވަގުތު، ފަހަތުން އައި ސައިކަލެއް ޖެހިގެން ކަމަށް މައުލޫމާތު ލިބޭ." ފުލުހުން ބުނެފައިވެ އެވެ.

އެ އެކްސިޑެންޓްގައި ފަހަހުން އައި ސައިކަލު ދުއްވަން ހުރި 26 އަހަރުގެ ދިވެހި ފިރިހެން މީހާއާއި މަޑުކޮށްގެން ހުރި ސައިކަލު ދުއްވަން އިން 30 އަހަރުގެ ދިވެހި އަންހެން މީހާ އަތުގައި ވެސް ލައިސެންސް އޮތް ކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓްގައި އެ ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބުމުން ފަރުވާ ދިނުމަށްޓަކައި ހުޅުމާލެ ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ. އަދި ދެ ސައިކަލަށް ވެސް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މިފަދަ އެކްސިޑެންޓްތައް އިތުރުވާ ކަން ފާހަގަކޮށް، އެ ސަރަހައްދުތަކުގައި މަޑު ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

"ބްރިޖު އަދި ހައިވޭ އަކީ ވެހިކަލް މަޑުކޮށްގެން އޮތުން މަނާ ސަރަހައްދެއް. މި ސަރަހައްދުގައި ވެހިކަލް މަޑުކޮށްގެން އޮތުމުގެ ސަބަބުން އެކްސިޑެންޓް ހިނގަން މަގުފަހިވޭ. އިއްޔެ ވެސް ވަނީ މިފަދަ އެކްސިޑެންޓެއް ހިނގާފައި،" ފުލުހުން ބުނެ އެވެ.

އިއްޔެ ހިނގި މިފަދަ އެކްސިޑެންޓެއްގައި އަންހެނެއްގެ އަތް ވަނީ ބިންދައިގެން ގޮސްފަ އެވެ.

comment ކޮމެންޓް