ގޭމް އިންވެސް މިނިސްޓަރު އަލީ ވަހީދުގެ ދިފާއުގައި

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު -- ސަން ފޮޓޯ: އަހުމަދު އައުޝަން އިލްޔާސް

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބެން ޖެހޭ ހައްގުތަކާއި އެ ދާއިރާގައި ހުރި މައްސަލަތައް ދެނެގަނެ އެކަމަށް ހައްލު ހޯދައިދިނުމަށްް ޓޫރިޒަމް މިނިސްޓްރީ އިން މަސައްކަތް ކުރަމުން ދަނިކޮށް ޓޫރިޒަމް އެމްޕްލޯއިމެންޓް އެސޯސިއޭޝަނުން (ޓީމް) އަމިއްލަ މަންފާއެއް ހާސިލްކުރުމަށް މަސައްކަތް ކުރި ކަމަށް ބުނެ ގެސްޓްހައުސް އެސޯސިއޭޝަން (ގޭމް) އިން ފާޑުކިޔައި، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދިފާއުކޮށްފި އެވެ.

ގޭމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޓީމް އިން އަމިއްލަ މަންފާއެއް ހާސިލް ކުރުމަށް މަސައްކަތްކުރާ ކަމަށް ބުނެ މި އަހަރުގެ ފުރަތަމަ ދުވަހު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޓްވީޓެއް ކުރެއްވުމަކީ ގޭމް އިން ކަންބޮޑުވާ ކަމެއް ކަމަށާއި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ އެއްވެސް ފަރާތެއްގެ ހައްހގަށް އުނިކަން އައިސްދާނެ އެއްވެސް ކަމެއް އެއްވެސް ޖަމްއިއްޔާ އަކުން އަދި ޖަމާއަތަކުން ވެސް ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މިމަހުގެ ފުރަތަމަ ދުވަހު މިނިސްޓަރު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޓީމް ޖަމްއިއްޔާ އާއި ލޭބާ ޕާޓީއިން ކިތަންމެ ވަރަށް ބިރު ދައްކައި އެކަމަށް އެދުނު ނަމަވެސް، ކޮންމެ ރިސޯޓެއްގެ މެނޭޖްމަންޓުން ސްޓާފެއްގެ ބޮލަށް 6.50 ޑޮލަރުގެ ރޭޓުން ޓީމްއަށް ފީއެއް ދައްކަން މަޖުބޫރު ކުރުވާ ސިޓީއެއް ނުދެއްވާނެ ކަމަށެވެ.

ނަމަވެސް މިނިސްޓަރު ކުރެއްވި ތުހުމަތުތައް ޓީމްއިން ވަނީ ދޮގުކޮށްފަ އެވެ. އަދި އެފަދަ ސިޓީއެއް ފޮނުވާފައިވާ ނަމަ ހެކި ދެއްކެވުމަށް ޓީމްއިން އެދިފައިވެ އެވެ.

ގޭމް އިން ނެރުނު ބަޔާނުގައި ބުނީ ޓޫރިޒަމް ދާއިރާގައި ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް ޓޫރިޒަމް މިނިސްޓަރާއި މިނިސްޓަރުގެ ޓީމުން ކުރައްވާ މަސައްކަތްތައް އުފަލާއެކު ފާހަގަ ކުރާ ކަމަށެވެ.

އަދި މިނިސްޓަރު އަލީ ވަހީދު ގެސްޓްހައުސް ސިނާއަތް ކުރިއެރުުވުމަށް ކުރައްވާ މަސައްކަތް ފާހަގަކޮށް އެ ބަޔާނުގައި ބުނީ ދާއިރާގެ މަސައްކަތްތަކުގައި އެ ޖަމްއިއްޔާ ބައިވެރިކުރާ މިންވަރު އިތުރުވެފައިވާ ކަމަށެވެ.

ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ހައްގުތައް ނުގެއްލޭ ގޮތަށް މަސައްކަތް ކުރުމަށް ނޭޝަނަލް ބޯޓިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ވެސް ވަނީ ޓީމް އަށް ފާޑުކިޔައި ބަޔާނެއް ނެރެފަ އެވެ.

https://sun.mv/129713

comment ކޮމެންޓް