ގުއިންގޭމްޕްގެ ޒުވާން ފޯވާޑް ނަތައެލް ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ

ގުއިންގޭމްޕްގެ ފޯވާޑް ނަތައެލް ބޯޅައާ އެކު: އޭނާ ވަނީ ރޭ ހިނގި ކާރު އެކްސިޑެންޓެއްގައި މަރުވެފަ ---

ފްރާންސްގެ ގުއިންގޭމްޕަށް ކުޅެމުން އަންނަ އުމުރުން 23 އަހަރުގެ ނަތައެލް ޖޫލާން ކުލަބު ފަރިތަކުރުންތައް ނިންމާ ގެޔަށް ދިޔަ މަގުމަތީގައި، އޭނާ ދުއްވި ކާރު އެކްސިޑެންޓްވެ މަރުވެފައިވާ ކަމަށް އެ ކުލަބުން ބުނެފި އެވެ.

ރޭގެ ވަގުތެއްގައި ހިނގި މި ހާދިސާ ހިނގީ ގުއިން ގޭމްޕްގެ ޕްރެކްޓިސް ނިންމާލުމަށްފަހު ނަތައެލް އޭނާގެ ކާރުގައި ޕޯޑިކްއަށް ދިޔަ މަގުމަތީގައި އޭނާ ދުއްވި އޯޑި ކޮންޓްރޯލުން ނައްޓައި ފުރޮޅާލައިގެންނެވެ.

ނަތައެލް މަރުވެފައިވާ ކަން އެންގުމުގެ ގޮތުން ކުލަބުން ވަގުތުން ނެރުނު ބަޔާނެއްގައި ބުނީ މި ހިތްދަތި ހާދިސާގެ ސަބަބުން މުޅި ކުލަބު ވެސް އޮތީ ފުން ހިތާމައެއްގަ ކަމަށާއި ނަތައެލް އަކީ ކުލަބުގައި ހުރި އެންމެ މޮޅު އެއް ހުނަރު ކަމަށެވެ.

"މި ލިބުނު ހިތްދަތިކަމާ އެކު މުޅި ކުލަބާއި މެނޭޖްމެންޓް އެކަތިގަނަޑަކަށްވެ ނަތައެލްގެ އާއިލާއަށާއި ރައްޓެހިންނަށް ހަމްދަރުދީވުމަކީ މިވަގުތު އެންމެ މުހިއްމު ކަންތައް." ގުއިންގޭމްޕުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ނަތައެލްގެ މަރާ އެކު މިއަދު އެ ކުލަބުން ކޮންކާނެއުއާ އެކު ކުޅެން އޮތް ރަހުމަތްތެރިކަމުގެ މެޗު ވަނީ ކެންސަލްކޮށްފަ އެވެ.

ފްރާންސްގެ ލެ ހާވްރޭއިން ކެރިއަރު ފެށި ނަތައެލް ގުއިންގޭމްޕާއި ގުޅުނީ 2018 ވަނަ އަހަރު އެވެ. އޭނާ ވަނީ އެ ކުލަބާ އެކު މިހާތަނަށް 13 މެޗު ކުޅެދީ ދެ ގޯލު ޖަހައިފަ އެވެ.

comment ކޮމެންޓް