ގެއްލުނު މީހާގެ ނިޝާނެއް ނުފެނޭ، ސާޗް އޮޕަރޭޝަން ފުޅާކޮށްފި

އެމްއެންޑީއެފްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ/ އެމްއެންޑީއެފް

ބ. ދޮންފަނާއި އެއަތޮޅު ހަނިފަރާ ދެމެދު ދަތުރު ކުރަމުން ދިޔަ ލޯންޗަކާއި ޑިންގީއެއް ޖެހުނު ހާދިސާގައި ގެއްލުނު މީހާގެ އެއްވެސް ނިޝާނެއް ނުފެންނަ ކަމަށާއި، ހޯދުމުގެ މަސައްކަތް އިތުރަށް ފުޅާކޮށްފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.

ބަންޑާރަކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑައިރެކްޓަރު ލެފްޓިނެންޓް ކާނަލް އަހްމަދު މުޖުތަބާ މުހައްމަދު ވިދާޅުވީ، ރޭ 7:06 ހާއިރު ހިނގި އެ އެކްސިޑެންޓްގައި ގެއްލުނު، ބ. އޭދަފުށީ މުޝްތަރީގޭ، ނަސްރުﷲ އަބްދުﷲ، 41 ހޯދުމަށްޓަކައި އިތުރު އުޅަނދުފަހަރާއި ޑައިވަރުން އެ ސަރަހައްދަށް ފޮނުވާފައިވާނެ ކަމަށެވެ.

އެކްސިޑެންޓްގައި ގެއްލުނު އޭދަފުށީ މުޝްތަރީގޭ ނަސްރުﷲ އަބްދުﷲ 41 --- ފޮތޯ/ އޭދަފުށީ ޓައިމްސް

"މިއަދު ދުވާލު މަސައްކަތް ފަށާފައިވާނީ ކަނޑުއަޑިން ދެ ޑައިވެއް ކުރެވި، އެ ސަރަހައްދުން މީހާ ފެނޭތޯ ބަލާފައި. އަދި އޭގެ އިތުރަށް ރޭ ދަންވަރުގެ ވަގުތެއްގައި ހުޅުމާލޭން ކޯސްޓްގާޑް ޝިޕް 'ޝަހީދު އަލީ' އިތުރު ޑައިވަރުންނާއި އަޅުގަނޑުމެން ބޭނުންކުރާ 'ރިމޯޓްލީ އޮޕަރޭޓަޑް ވެހިކަލް' [އާރްއޯވީ] އާއެކު އެ ސަރަހައްދަށް ގޮސް، މިއަދު ހެނދުނު އަނެއްކާ ކަނޑުއަޑިން މަސައްކަތް ވާނީ ފަށާފައި،" މުޖުތަބާ ވިދާޅުވި އެވެ.

މުޖުތަބާ ވިދާޅުވީ ސާފެސް ސާޗް އޮޕަރޭޝަނުގައި ކޯސްޓްގާޑް ޝިޕް ޝަހީދު އަލީގެ އިތުރުން ފާސްޓް އިންސެޕްޓާއާއި ހާބަ ކްރާފްޓާއެކު ތިން އުޅަނދު ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ގެއްލުނު މީހާ ހޯދުމަށް ކުރަމުންދަނީ "ތްރީ ޑައިމެންޝަނަލް" ސާޗެއް ކަން ފާހަގަކޮށް މުޖުތަބާ ވިދާޅުވީ، ވައިގެ މަގުން އެ މީހާ ފެނޭތޯ ބަލަން މިހާރު ހެލިކޮޕްޓަރެއް ވެސް އެ ސަރަހައްދަށް ގޮސްފައިވާ ކަމަށެވެ.

"[ހެލިކޮޕްޓަރުން] ގާތްގަނޑަކަށް ދެ ގަޑިއެއް ހާއިރުގެ ސާޗެއް ކުރާނެ. ނެޗުރަލް އަތޮޅުގެ ގާތްގަނޑަކަށް ތިންބައިކުޅަ ދެ ބައި ސަރަހައްދެއް ވައިގެ މަގުން ބަލާނެ. ވައިގެ މަގުން ބޮޑަށް މި ބަލަނީ [ގެއްލުނު] އެ މީހާ ސާފަސްގައި ފްލޯޓްވާ ކަމަށް ވަންޏާ ފެންނާނެ، ނޫނީ ވިލެއް ކަހަލަ ތަނެއްގައި އަޑީގައި އޮތް ކަމުގައި ވިޔަސް ވައިގެ މަގުން ބަލައިގެން ފަސޭހައިން ފެންނާނެ. ވައިގެ މަގުން ގާތްގަނޑަކަށް 120 ސްކޮޔާ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާ ގޮތަށް ހަމަޖެހިފައިވަނީ [މިއަދު]." މުޖުތަބާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އެކްސިޑެންޓް ހިނގިއިރު، ޑިންގީ އާއި ލޯންޗް ދަތުރު ކުރަމުން ދިޔައީ ދެކޮޅަށް ކަމަށެވެ. އަދި އެކްސިޑެންޓް ހިނގި ސީދާ ސަރަހައްދު ދެނެގަނެވިފައި ނުވާ ކަމަށް ވެސް މުޖުތަބާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ބޮޑަށް ލަފާ ކުރެވެނީ މި އެކްސިޑެންޓް ހިނގި ސަރަހައްދަކީ ބ. ދޮންފަނުގެ ހުޅަނގު ދެކުނުން އޮންނަ އަނގަފަރު ކިޔާ ފަރެއްގެ ކައިރިން ކަމަށް... ހޯދި ހޯދުންތަކުން މައުލޫމާތު ލިބުނު ގޮތުގައި މި ދެ އުޅަނދު ވެސް ދުއްވަމުން ދިޔައީ. ލޯންޗް މި އައީ އުތުރުން ދެކުނަށް. ޑިންގީ، އުތުރުން ދެކުނަށް ކަހަލަ ގޮތަކަށް ދުއްވި ކަމަށް މައުލޫމާތު ލިބެނީ." މުޖުތަބާ ވިދާޅުވި އެވެ.

މީގެ އިތުރުން އެ ސަރަހައްދުން މަސް ބާނަން ގެންގުޅޭ ކަންވާރު ރޯލު ފަދަ ތަކެތި ފެނުނު ނަމަވެސް، އެއީ ސީދާ އެ ގެއްލުނު ޑިންގީއަށް ނިސްބަތްވާ ތަކެތި ކަން ކަށަވަރުވެފައި ނުވާ ކަމަށް މުޖުތަބާ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުން ނިމުނު ފަހުން އެމްއެންޑީއެފްއިން ވަނީ އެކްސިޑެންޓް ހިނގި ސަރަހައްދާއި އެކްސިޑެންޓްގައި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ހިނގަމުންދާ ގޮތުގެ މައުލޫމާތު ހިމެނޭ ފޮޓޯތަކެއް ހިއްސާކޮށްފަ އެވެ.

އެ ފޮޓޯތަކުން އެނގޭ ގޮތުގައި ރޭގެ ވަގުތެއްގައި ނުވަ ޑައިވަރުންނާއެކު ކުރި ފުރަތަމަ ޑައިވްގައި ދޮންފަނާއި އަނގަފަރާ ދެމެދުން ރޭޑިއަސްގައި 30 މީޓަރު ހުރި ސަރަހައްދެއް، 33 މީޓަރުގެ ފުންމިނަށް ވަނީ ބަލާފަ އެވެ.

ހަމައެއާއެކު މިއަދު 6 ޑައިވަރުންގެ ޓީމަކުން ކުރި ދެ ޑައިވްގައި 300 މީޓަރުގެ ދެ ސަރަހައްދަކުން، 30 މީޓަރުގެ ފުންމިނަށް ޑައިވްކޮށްގެން ގެއްލުނު މީހާ ފެނޭތޯ ވަނީ ބަލާފަ އެވެ.

ފޮޓޯ/ އެމްއެންޑީއެފް

އެ އެކްސިޑެންޓްގައި ޑީންގީގައި ތިބި ތިން މީހުންގެ ތެރެއިން އެކަކު ގެއްލިފައިވާއިރު، ދެން ތިބި ދެ މީހުންނަށް އެކި ވަރުގެ އަނިޔާ ވަނީ ލިބިފަ އެވެ.

ގެއްލުނު މީހާ ހޯދަން ކޯސްޓްގާޑުން އޮޕަރޭޓްކުރާ ބ. އަތޮޅުގެ ސީ އެމްބިއުލެންސްއާއި އެ ސަރަހައްދުގައި ހިމެނޭ ރަށްތަކާއި ބައެއް ރިސޯޓުތަކުގެ ލޯންޗް އަދި ޑައިވަރުން ވެސް ދަނީ ބޭނުން ކުރަމުންނެވެ.

comment ކޮމެންޓް