ބުރިޖުގައި ދެ ސައިކަލު ޖެހި، އަންހެނެއްގެ އަތް ބިދިއްޖެ

ސިނަމާލެ ބުރިޖުން ދަތުރު ކުރަމުންދިޔަ ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 8:30 ހާއިރު މާލޭން ހުޅުމާލެއަށް، ބުރިޖު މަތިން ދަތުރު ކުރަމުންދިޔަ ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބުރިޖުގައި އެއް ފަރާތުގައި އެއް ސައިކަލު މަޑުކޮށްލި ވަގުތު ފަހަތުން އައި ސައިކަލު ޖެހިގެން." ފުލުހުން ބުނެފައިވެ އެވެ.

އެ އެކްސިޑެންޓްގައި ފަހަތުން އައި ސައިކަލު ދުއްވަން އިނީ 34 އަހަރުގެ އަންހެނެއް ކަމަށާއި މަޑުކޮށްގެން ހުރި ސައިކަލުގައި ހުރީ 29 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ.

އެކްސިޑެންޓްގައި 34 އަހަރުގެ އަންހެން މީހާގެ އަތް ބިންދައިގެން ދިޔުމުން ފަރުވާ ދިނުމަށްޓަކައި ހުޅުމާލެ ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ. އަދި 29 އަހަރުގެ ފިރިހެން މީހާއަށް އެއްވެސް އަނިޔާއެއް ލިބިފައިނުވެ އެވެ.

އެ ދެ މީހުންނަކީ ވެސް އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަން އޮންނަ ދެ މީހުން ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އެކްސިޑެންޓްގައި ދެ ސައިކަލަށް ވެސް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށާއި އެ މައްސަލައިގައި ބަލަން ޖެހޭ އިތުރު ކަންކަން ބަލަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް