އެމްޑީޕީ ޕްރައިމަރީ އައްޑޫގެ މޭޔަރު ކަމަށް ވާދަކުރައްވަން ނިޒާރު ފޯމް ހުށަހަޅުއްވައިފި

އަލީ ނިޒާރު ޕްރައިމަރީގައި ވާދަކުރައްވަން ފޯމު ހުށަހަޅުއްވަނީ --

އައްޑޫ ސިޓީގެ މޭޔަރު ކަމުގެ މަގާމަށް އެމްޑީޕީއިން ވާދަ ކުރާ ކެންޑިޑޭޓަކު ހޮވަން އެ ޕާޓީއިން ބާއްވާ ޕްރައިމަރީގައި ވާދަ ކުރައްވަން އައްޑޫ ސިޓީ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު ފޯމު ހުށަހަޅުއްވައިފި އެވެ.

ޕްރައިމަރީގައި ވާދަ ކުރައްވަން ފޯމު ހުށަހެޅުއްވިކަން ނިޒާރު ވަނީ އޭނާގެ ޓްވިޓާގައި ހާމަކުރައްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި ޕްރައިމަރީގައި އޭނާގެ ކެންޑިޑޭޓު ނަމްބަރަކީ 2 އެވެ.

ކައުންސިލުތައް އުފެއްދި ފަހުން ބޭއްވި ހުރިހާ ކައުންސިލު އިންތިހާބެއްގައިވެސް ކާމިޔާބު ހޯއްދަވައި އައްޑޫގެ މޭޔަރުކަން މިހާރުވެސް ކުރައްވަމުން ގެންދަވާ އަބްދުﷲ ސޯދިގު (ސޯބެ)ވެސް މިފަހަރުގެ ޕްރައިމަރީ އިންތިހާބުގައި ވާދަ ކުރައްވާނެ އެވެ.

ސޯބެގެ އިތުރުން އެމްޑީޕީގެ އައްޑޫ ސިޓީގެ ދާއިރާ ރައީސް އަހުމަދު އަދުހަމްވެސް ޕްރައިމަރީގައި ވާދަ ކުރައްވާނެ އެވެ.

ޕްރައިމަރީގައި ވޯޓުލާ މީހުންގެ ލިސްޓު އާންމު ކުރާނީ މި މަހުގެ ހަތް ވަނަ ދުވަހު އެވެ. އެ ލިސްޓަށް ޝަކުވާ ހުށަހަޅަން ދޭނީ ތިން ދުވަހެވެ. ފައިނަލް ވޯޓާސް ލިސްޓު 15 ޖެނުއަރީގައި އާންމު ކުރާނެ އެވެ. ޕްރައިމަރީގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ލިސްޓު އާންމު ކުރާނީ ޖެނުއަރީ 13ގައެވެ. އިންތިހާބު ބާއްވާނީ ޖެނުއަރީ 31 ވަނަ ދުވަހު އެވެ.

comment ކޮމެންޓް