މިދިޔަ އަހަރު 4.3 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އިމާރާތް -- ސަން ފޮޓޯ

މިދިޔަ އަހަރު އެމްއެމްއޭއިން ޓީބިލް ވިއްކި އަދަދު 4.3 ބިލިއަން ރުފިޔާއަށް އަރާފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސަރުކާރުގެ ހަރަދުތަކަށް ފައިސާ ހޯދަން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް 4.3 ބިލިއަން ރުފިޔާގެ ޓީބިލް ދައްކާފައިވެެއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ދިވެހި ރުފިޔާ އިން ޓީބިލް ވިއްކި އަދަދު 1.96 ބިލިއަނަށް އަރައެވެ. އެ އަދަދު ނޮވެމްބަރު މަސް ނިމުނު އިރު ހުރީ 1.2 ބިލިއަނުގައި ކަމުން، ޑިސެމްބަރު މަހު އެކަނި ގާތްގަނޑަކަށް 700 މިލިއަން ޑޮލަރުގެ ޓީބިލު ވިއްކާފައިވެއެވެ.

ޔޫއެސް ޑޮލަރުގެ ގޮތުގައި ވިއްކި ޓީބިލުގެ އަގު އުޅެނީ 2.3 ބިލިއަން ރުފިޔާގައެވެ. އެއީ 150 މިލިއަން ޑޮލަރެވެ.

ޔޫއެސް ޑޮލަރުގެ ގޮތުގައި 2.3 ބިލިއަން ރުފިޔާގެ ޓީބިލު ވައްކާފައިވާ އިރު މި އަހަރުގެ ތެރޭގައި އިންޑިއާއަށް ގިނަ އަދަދަކަށް ޓީބިލު ވިއްކާފައިވެއެވެ.

ޓީބިލަކީ އިންޓަރެސްޓާ އެކު އަނބުރާ ދައްކާ ގޮތަށް ސަރުކާރުން ނަގާ ފައިސާ އެވެ. ޓީބިލު އަނބުރާ ދައްކަން ޖެހޭ މުއްދަތު އިތުރުވާ ވަރަކަށް އެއަށް ދައްކަން ޖެހޭ އިންޓްރެސްޓުވެސް އިތުރުވާނެ އެވެ.

މިހާރު އެމްއެމްއޭއިން ވިއްކަނީ 28 ދުވަހުން ފައިސާ އަނބުރާ ދައްކަން ޖެހޭ ޓީބިލާއި 98 ދުވަހުން ފައިސާ އަނބުރާ ދައްކަން ޖެހޭ ޓީބިލާއި 182 ދުވަހުން ފައިސާ ދައްކަން ޖެހޭ ޓީބިލުގެ އިތުރުން 364 ދުވަހުގެ ތެރޭގައި ފައިސާ އަނބުރާ ދައްކަންޖެހޭ ޓީބިލެވެ.

comment ކޮމެންޓް