އަލީ ވަހީދު ކަންތައް ކުރައްވަނީ ހަމަހަމަކޮށް: ޑީއާރްޕީ

ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު --- ސަން ފޮޓޯ/ އަހުުމަދު އަވްޝަން އިލްޔާސް

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޓޫރިޒަމްގެ ދާއިރާގައި ކަންތައްތައް ކުރައްވަނީ އިންވެސްޓަރުންނާއި މުވައްޒަފުންނާ މެދު ހަމަހަމަކޮށް ކަމަށް ޑީއާރްޕީއިން ބުނެފި އެވެ.

ރާއްޖޭގެ ރިސޯޓުތަކުން ސާވިސްޗާޖު ދޭ މައްސަލައާ ބެހޭގޮތުން އަލީ ވަހީދު ދެއްކެވި ވާހަކަތަކާ މެދު ބައެއް ރިސޯޓު މުވައްޒަފުން ހިތްހަމަނުޖެހި އެ މައްސަލަ ހޫނުވެފައި ވަނިކޮށް، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ލީޑާޝިޕުގެ ދަށުގައި މިހާރު އޮތް ޑީއާރްޕީގެ ރަސްމީ ޓްވިޓާއިން ކުރި ޓްވީޓެއްގައި ބުނީ އަލީ ވަހީދު ކަންތައްތައް ކުރައްވަމުން ގެންދަވަނީ ހަމަހަމަކޮށް ކަމަށެވެ.

"މިނިސްޓަރު އަލީ ވަހީދު އަކީ މިފަހުގެ ތާރީހެއްގައި އެންމެ ބެލެންސްކޮށް ކަންކަން ނިންމަވަމުންދާ ޓޫރިޒަމް މިިނިސްޓަރު ކަމަކީ ޝައްކެއް އޮތް ކަމެއް ނޫން. މިނިސްޓަރު ގެންދަވަނީ މުވައްޒަފުންނާއި އިންވެސްޓަރުންގެ މަސްލަހަތު ވެސް ހިމާޔަތްކުރައްވަމުން. ވަކި ފަރާތެއްގެ ޒާތީ މަސްލަހަތާ ހެދި މިނިސްޓަރު ގޯސް ނުކުރައްވާ،" ޑީއާރްޕީއިން ބުންޏެވެ.

އަލީ ވަހީދު ވިދާޅުވީ ކޮންމެ ރިސޯޓެއްގެ މެނޭޖްމެންޓުން ޓީމަށް ނުވަތަ ލޭބާ ޕާޓީއަށް ސްޓާފެއްގެ ބޮލަށް 6.50 ޑޮލަރު ދައްކަން މަޖުބޫރު ކުރުވާ ސިޓީއެއް އޭނާގެ އަތުން ހޯދަން ޓީމްއިން މަސައްކަތް ކުރާ ކަމަށެވެ. އެކަން ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްދުގައި ޓީމްއިން ބުނީ އެ ޖަމިއްޔާއަކީ ޔޫނިއަން އެއް ކަމަށާއި އަދި އެތަން ހިންގަނީ މެމްބަރުންގެ އަތުން ފައިސާ ނަގައިގެން ކަމަށެވެ. މިހާރު ވެސް ޓީމްއަށް ޗަންދާ ދައްކާ އެތަށް ރިސޯޓް މުވައްޒަފުން ތިބޭ ކަމަށާއި، އެއްވެސް މެމްބަރަކަށް އޮޅުވާލައިގެން އަދި މަޖުބޫރުން ޗަންދާ ނުނަގާ ކަމަށް ޓީމްއިން ބުންޏެވެ.

ޓޫރިޒަމްގެ ސިނާއަތުގައި މަސައްކަތް ކުރާ ބައެއް މީހުންގެ ފާޑުކިޔުން އަލީ ވަހީދަށް އަމާޒުވީ ޓޫރިޒަމްގެ ހިދުމަތްދޭ ފާހަގަކޮށްލެވޭ ކުންފުނިތަކުން ސާވިސް ޗާޖު ދޭ ގޮތް ރަނގަޅު ކަމަށް އޭނާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވުމާ ގުޅިގެންނެވެ. ސާވިސް ޗާޖްއާ ގުޅޭ ގޮތުން އަލީ ވަހީދު ދެއްކެވި ވާހަކަ ސާފުކޮށްދީ މިނިިސްޓްރީން ބަޔާނެއްވެސް ނެރުނެވެ. އެ ބަޔާނުގައި ބުނެފައި ވަނީ މިނިސްޓަރު ޖުމްލަ ގޮތެއްގައި ސާވިސްޗާޖު ދޭ ގޮތް ރަނގަޅު ކަމަށް ނުވަތަ ގޯސް ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުނުވާ ކަމަށެވެ. އެ ބަޔާނުގައިވާ ގޮތުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފާހަގަކޮށްލެވޭ ބޮޑެތި "ކީ" އިންވެސްޓަރުން ސާވިސް ޗާޖު ދޭ ގޮތް ރަނގަޅު ކަމަށެވެ.

އެ މައްސަލައިގައި އަލީ ވަހީދުގެ ދިފާއުގައި މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމްވެސް ވާހަކަފުޅު ދައްކަވާފައިވެއެވެ.

comment ކޮމެންޓް