ނޮވެމްބަރުގެ އިންފްލޭޝަން ރޭޓް 0.13 ޕަސެންޓް ދަށްވެއްޖެ

މާލެ މަތިން -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިދިޔަ ނޮވެމްބަރު މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް 0.13 ޕަސެންޓް ދަށްވެފައިވާ ކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފި އެވެ.

އެ ބިއުރޯއިން އެންމެ ފަހުން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ނޮވެމްބަރު މަހު މުޅި ރާއްޖޭގެ އިންފްލޭޝަން ރޭޓް ހުރީ 99.91 ޕަސެންޓުގަ އެވެ.

ނޮވެމްބަރު މަހު އަގުތައް ދަށްވި ބައިތަކުގެ ތެރޭގައި ތަރުކާރީގެ ބާވަތްތައް (5.63 ޕަސެންޓް)، ކުލި (0.73 ޕަސެންޓް)، ފަރުނީޗަރު (6.32 ޕަސެންޓް) އަދި ކަނޑު ދަތުރުފަތުރުގެ ބައި (3.85 ޕަސެންޓް) ހިމެނެ އެވެ.

އެ މުއްދަތުގައި އެންމެ ބޮޑަށް އަގުތައް މައްޗަށް ގޮސްފައިވާ ބައިތަކަކީ ފޯނު ކޯލުގެ ހިދުމަތުގެ ބައި (2.28 ޕަސެންޓް)، މަހުގެ ބާވަތްތައް (1.23 ޕަސެންޓް)، އެއްގަމު މަހުގެ ބައި (1.42)، މޭވާގެ ބާވަތްތައް (1.44 ޕަސެންޓް) އަދި ބޭހުގެ ބައި (0.44 ޕަސެންޓް) އެވެ.

އޮކްޓޫބަރު މަހާ އަޅާބަލާ އިރު ނޮވެމްބަރު މަހު މާލޭގެ އިންފްލޭޝަން ރޭޓު 0.30 ޕަސެންޓް ދަށްވި ނަމަވެސް، އަތޮޅުތަކުގެ އިންފްލޭޝަން ރޭޓް ވަނީ 0.09 ޕަސެންޓް މަތިވެފަ އެވެ.

މާލޭން އަގުތައް ދަށްވި ނަމަވެސް އަތޮޅުތަކުގައި އަގުތައް މައްޗަށް އުފުލުނު ބައިތަކުގެ ތެރޭގައި ކާބޯތަކެތި، ދުންފަތާއި ދުމުގެ ބައި އަދި ސިއްހީ ހިދުމަތްތަކުގެ ބައި ހިމެނެ އެވެ.

އޮކްޓޫބަރު މަހުން ނޮވެމްބަރު މަހަށް އިންފްލޭޝަން ރޭޓް 0.13 ޕަސެންޓް ދަށްވި ނަމަވެސް، 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާ އިރު މިދިޔަ ނޮވެމްބަރު މަހު އޮންފްލޭޝަން ރޭޓް ވަނީ 0.54 ޕަސެންޓް މަތިވެފަ އެވެ.

comment ކޮމެންޓް