ފަރަށް ގެއްލުންދޭ ސަން ސްކްރީން ރާއްޖެ އެތެރުކުރުން މަނާކުރުމާމެދު ވިސްނަނީ

އޮކްޓޯބަރު 1، 2019: ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނިގެން މިނިސްޓްރީ އޮފް ޓޫރިޒަމުން އިންތިޒާމް ކޮށްގެން "ނޭވާ"ގެ ނަމުގައި 521 ޑައިވަރުންނާ އެކު ރާއްޖޭގައި ބޭއްވި ފްރީޑައިވިންގް ވަރލްޑް ރެކޯޑް ގާއިމް ކުރުން: ފްރީޑައިވްގައި ރައީސް ސޯލިހް ވަނީ އަމަލީގޮތުން ބައިވެރިވެ ވަޑައިގެންފައި -- ފޮޓޯ/ ރައީސް އޮފީސް

ފަރަށް ގެއްލުންދޭ ސަންސްރީން ރާއްޖެ އެތެރުކުރުން މަނާކުރުމާ މެދު ވިސްނަމުންދާ ކަަމަށް ސަރުކާރުން ބުނެފި އެވެ.

ރާއްޖެ ފަދަ ކުޑަކުޑަ ޖަޒީރާ ގައުމެއް ކަމަށްވާ ޕަލާއުއިން ދާދި ފަހުން ވަނީ ކަނޑުގެ ދިރުންތަކަށާއި މުރަކައަށް ނުރައްކާތެރި ސަން ސްކްރީން މަނާކޮށްފަ އެވެ. މިއީ އެފަދަ ސަންސްކްރީން މަނާކުރި ފުރަތަމަ ގައުމުވެސްމެ އެވެ.

ޕަލާއުގައި ވިއްކުމާއި ބޭނުން ކުރުން މަނާކޮށްފައި ވަނީ 10 ކެމިކަލެއް ހިމެނޭ ސަން ސްކްރީން އެވެ. އަދި އޭގެ ތެރެއިން އެއްވެސް ކެމިކަލެއް ހިމެނޭ ސަން ސްކްރީނެއް ޕަލާއުއަށް އެތެރެކޮށް، ވިއްކައިފި ނަމަ އެ މީހަކު 1،000 ޑޮލަރުން ޖޫރިމަނާ ކުރާނެ އެވެ.

އެކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕަލާއު ފަދައިން ރާއްޖޭގައި ވެސް އެފަދަ ސަން ސްކްރީން މަނާކުރެވޭތޯ ބަލާނެ ކަމަށެވެ.

އިންޓަނޭޝަނަލް ކޮރަލް ރީފް ފައުންޑޭޝަނުން ބުނި ގޮތުގައި ޕަލާއު އިން މަނާކޮށްފައިވާ ކެމިކަލްތަކަކީ "ތިމާވެށި ތަޣައްޔަރު ކުރާ އަދި ޅަ އުމުރުގެ ދިރުންތަކަށް ވިހަގަދަ" ކެމިކަލްތަކެވެ. ނަމަވެސް އެފަދަ ކެމިކަލްތައް ސަން ސްކްރީންގައި މިހާރު ބޭނުން ކުރާ ވަރު މަދުވެފައިވާ ކަމަށާއި، 2018 ވަނަ އެފަދަ ކެމިކަލްތައް ހުންނަ ސަން ސްކްރީން ވަނީ ދެބައިކުޅަ އެއްބަޔަށް މަދުވެފައިކަން ފާހަގަކޮށްފަ އެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ޕަލާއުއިން ވަނީ އެގައުމުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް)ގެ 80 ޕަސެންޓު ހިމާޔަތް ކުރަން ގާނޫނެއް ފާސްކޮށްފަ އެވެ. އަދި އިއްޔެ އަމަލު ކުރަން ފެށި އެ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި މަސްވެރިކަމާއި ޑްރިލް ކުރުން ފަދަ ހަރަކާތްތައް ވަނީ މަނާކޮށްފަ އެވެ.

އެމެރިކާގެ ހަވާއީން ވެސް ވަނީ ފަރުތަކަށް ނުރައްކާތެރި ސަން ސްކްރީން މަނާ ކުރަން ނިންމައިފަ އެވެ. ނަމަވެސް އެގަވާއިދަށް އަމަލު ކުރަން ފަށާނީ އަންނަ އަހަރުގަ އެވެ. އަދި ޔޫއެސް ވާޖިން އައިލެންޑްސްގައި ވެސް އަންނަ މާޗް މަހުން ފެށިގެން އެފަދަ ގާނޫނަކަށް އަމަލު ކުރަން ފަށާނެ އެވެ.

comment ކޮމެންޓް