ވަސީލަތްތައް ހަލާކުވެފައި ހުރިކަން އާންމުކުރުމުން ނުރައްކާވެދާނެ: އާދަމް ޝަރީފް

25 އޭޕްރިލް 2018: ސިފައިންގެ ޚިދުމަތަށް 126 އަހަރު ފުުރުމުގެ މުނާސަބަތުގައި ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމީ ޖަލްސާގެތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަދި ކޯސްޓްގާޑު އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ވަސީލަތްތައް ހަލާކުވެފައިވާކަން އާންމުކުރުމަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމެއް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ ކޯސްޓްގާޑުގެ ގިނަ އުޅަނދުތައް ހަލާކުވެފައިވާތީ މަރާމާތުކުރަން މަސައްކަތް ކުރަމުންދާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިއްޔެ ވިދާޅުވުމާ ގުޅިގެންނެވެ.

މިނިސްޓަރުގެ ވާހަކައާ ގުޅިގެން އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަލާމަތީ ބާރުތަކުގެ ވަސީލަތްތައް ހަލާކުވެފައިވާކަން އާންމުކުރުމަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމެއް ކަމަށާއި، ވަގުތާއި ހާލަތުގެ ނާޖައިޒް ފައިދާ ބަޔަކު ނަގާފާނެ ކަމަށެވެ.

"އެމްއެންޑީއެފް، ކޯސްޓްގާޑު، ޕޮލިސްގެ ވަސީލަތްތައް ހަލާކުވެފައިވާކަން އާންމު ކުރުމަކީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމެއް. ވަގުތާއި ހާލަތުގެ ނާޖާއިޒް ފައިދާ ބަޔަކު ނަގާފާނެ. ކޮންމެ ސަރުކާރަކުން ވެސް އެ ތަންތަނުގެ ވަސީލަތްތައް މަރާމާތު ކުރާނެ،" އޭނާ ވިދާޅުވި އެވެ.

ކޯސްޓްގާޑްގެ ހިދުމަތަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި އިއްޔެ މިނިސްޓަރު ދެއްވި ވީޑިއޯ މެެސެޖުގައި ވިދާޅުވީ އާ ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ވެސް ކޯސްޓްގާޑުގެ ވަރަށް ގިނަ އުޅަނދުތައް ހަލާލުވެފައިވާ ކަމަށާއި އެ އުޅަނދުތައް މަރާމާތު ކުރުމަށްޓަކައި މި އަހަރުގެ ބަޖެޓުގައި ފައިސާ ކަނޑައަޅާފައިވާ ކަމަށެވެ.

comment ކޮމެންޓް