ޗާނދުރަޔާން 3: އިންޑިއާއިން އަނެއްކާވެސް ހަނދަށްދާން މަސައްކަތް ފަށައިފި

އިސްރޯގެ ޗެއާމަން ކޭ ސިވާން--ފޮޓޯ:އިންޑިއާޓުޑޭ

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު، އިންޑިއާ އިން ހަނދަަށް ފޮނުވި ޖައްވީ އުޅަނދު ޗާނދުރަޔާން 2 ގެ ކްރޭޝް ލޭންޑިންއަށްފަހު، އަނެއްކާވެސް އިންޑިއާއިން ހަނދަށް ދިއުމަށް ނިންމާ އެކަން އިއުލާންކޮށްފިއެވެ. ޗާނދުރަޔާން-3 ގެ ނަންދީފައިވާ މި މިޝަން އިއުލާންކޮށްފައިވަނީ އިންޑިއަން ސްޕޭސް ރިސާރޗް ފައުންޑޭޝަން (އިސްރޯ) ގެ ޗެއާމަން ކޭ ސިވާން އެވެ.

މި މިޝަންއާއި ބެހޭގޮތުން މައުލޫމާތު ދެމުން އިސްރޯއިން ބުނެފައިވަނީ މި މިޝަން ލޯންޗްކުރުމަށް މަސައްކަތްކުރަމުންދަނީ މިއަހަރުގެ ތެރޭގައި ނަމަވެސް، 2021 އަށް ވެސް ލަސްވުން އެކަށީގެންވާކަމަށެވެ.

(https://sun.mv/128313
ޗާނދުރަޔާން-2 އަކީ އިންޑިއާއިން މިހާތަނަށް ހަނދަށް ފޮނުވި އެންމެ ވަރުގަދަ އުޅަނދެވެ. އިންޑިއާގެ އަންދްރަ ޕްރަދޭޝްގައި ހުންނަ ސަތިޝް ދަވަން ސްޕޭސް ސެންޓަރުން ޗަންދުރަޔާން-2 ލޯންޗު ކުރީ މިދިޔަ ޖުލައި 19އިގަ އެވެ. އަދި އެ އުޅަނދު ހަނދުގައި ޖެއްސުމަށް މަސައްކަތް ކުރީ ސެޕްޓެމްބަރު ހަ ވަނަ ދުވަހުގެރޭ ދަންވަރު 1:30 އާއި 2:00 އާ ދެމެދުގެ ވަގުތެއްގަ އެވެ. ނަމަވެސް އޭތި ހަނދަށް ޖައްސަން 2.1 ކިލޯ މީޓަރުގެ ރާސްތާއެއް އޮތްވައި ވިކްރަމް ލޭންޑާއާ ގުޅުން ކެނޑުނެވެ.

ޗާނދުރަޔާން-2 މިޝަންގެ ފޮޓޯއެއް--ފޮޓޯ:އިސްރޯ

އިސްރޯ އިން މިހާރު އިއުލާނުކޮށްފައިވާ ޗާނދުރަޔާން-3 ލޭންޑްކުރުމަށްވެސް ހަމަޖެހިފައިވަނީ ޗާނދުރަޔާން-2 ޖެއްސަން މަސައްކަތްކުރި ސަރަހައްދު ކަމުގައިވާ ސައުތު ޕޯލްގައެވެ. މިހާތަނަށް ދުނިޔޭގެ އެއްވެސް ޖައްވީ އިދާރާއަކުން މި ސަރަހައްދުގައި ލޭންޑްކޮށްފައި ނުވާޢިރު، އިންޑިއާ އިން މިދިޔަ އަހަރު މަސައްކަތްކޮށްފައިވަނީ އެތަނުގައި ލޭންޑް ކުރުމާއި އެކު، ހަނދުން ފެނާއި، މިނަރަލްސް އަދި މޫން ކުއޭކްސް މިންއެޅުމަށެވެ.

އިސްރޯގެ ޗެއާމަން ސިވާން ވިދާޅުވާގޮތުގައި، ޗާނދުރަޔާން-3 ވެގެންދާނީ ޚަރަދު ކުޑަ މިޝަންއަކަށެވެ. ސަބަބަކީ ޗާނދުރަޔާން-2 ގެ އޯބިޓާ އަދިވެސް ޖައްވުގައި މަސައްކަތްކުރަމުންދާތީއެވެ.

މިއަހަރު ތެރޭގައި ޖުމްލަ 25 ސްޕޭސް މިޝަންއެއް ކުރިއަށްގެންދިއުމަށް އިސްރޯއިން ނިންމާފައިވާއިރު، އެއްވެސް އިންސާނަކާއި ނުލާ ކުރިއަށްގެންދިއުމަށް ނިންމާފައިވާ ޗާނދުރަޔާން-3 ކާމިޔާބު ވެއްޖެނަމަ އިންޑިއާވާނީ ހަނދަށްދާ 4 ވަަނަ ގައުމަށެވެ. މީގެކުރިން ކާމިޔާބުކަމާއިއެކު ހަނދުގައި ޖައްވީ އުޅަނދެއް ލޭންޑްކުރީ އެމެރިކާ، ރަޝިއާ، އަދި ޗައިނާއިންނެވެ.

comment ކޮމެންޓް