ސީޕްލޭން ޓާމިނަލްގެ ޖާގަ ކުއްޔަށް ދިނުމުގެ މަޝްވަރާތައް މަޑުޖައްސާލައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އަލަށް ގާއިމް ކުރާ ސީޕްލޭން ޓާމިނަލް --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ގައި ގާއިމް ކުރާ އާ ސީޕްލޭން ޓާމިނަލްގެ ޖާތައް ކުއްޔަށްދިނުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މަޑުޖައްސާލައިފިއެވެ.

އެމްއޭސީއެލް އިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އާ ސީޕްލޭން ޓާމިނަލް އާއި ވީވީއައިޕީ އިމާރާތް ހިންގާ ބަލަހައްޓާނީ އެކުންފުނިން ކަމަށެވެ. ނަމަވެސް އެކި އެކި ސީޕްލޭން އޮޕަރޭޓަރުންގެ އޮޕަރޭޝަން ހިންގާނީ، އޮޕަރޭޝަނަށް ބޭނުންވާ ޖާގަ އެޓާރމިނަލްއިން ކުއްޔަށް ހިފައިގެން ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

އެމްއޭސީއެލް އިން ބުނީ އެ ކުންފުންޏާއި ސީޕްލޭން އޮޕަރޭޓަރުންނާއި ދެމެދު ޓާމިނަލްއިން ޖާގަ ކުއްޔަށް ދިނުމަށް މަޝްވަރާތަކެއް ކުރެވުނު ކަމުގައި ވީނަމަވެސް މިހާތަނަށް އައި އިރު، އެއްވެސް އޮޕަރޭޓަރަކާއެކު އާ ސީޕްލޭން ޓާމިނަލްއިން ޖާގަ ކުއްޔަށް ދިނުމަށް އެއްބަސްވެވިފައެއްނުވާ ކަމަށެވެ. އަދި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުގެ މަތިން މިވަގުތު އެ މަޝްވަރާތައް މަޑުޖައްސާލާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

"އަލަށް ބިނާކުރަމުންދާ ސީޕްލޭން ޓާމިނަލަކީ ކުރިމަގަށް، ސީޕްލޭންގެ އޮޕަރޭޝަން އިތުރަށް ތަރަށްގީ ކުރުމަށްޓަކައި އެޅޭވަރަށް މުހިންމު ފިޔަވަޅެކެވެ،" އެމްއޭސީއެލްގެ ބަޔާނުގައިވެއެވެ.

އެ އިމާރާތަކީ ޓާމިނަލެއްގައި ހުންނަން ޖެހޭ ޚިދުމަތްތައް ކަމުގައިވާ ވީވީއައިޕީ، ލައުންޖު، ޕެސެންޖަރ އަދި ބެގޭޖް ހެންޑްލިން ފެސިލިޓީ، ރީޓޭލް ވިޔަފާރި، އެފްއެންޑްބީ ގެ ޚިދުމަތް ފަސޭހަ ކަމާއެކުލިބޭ ގޮތަށް ތައްޔާރު ކޮށްފައިވާ އަދި އެއާލައިން އޮޕަރޭޓް ކުރާ ފަރާތްތަކާއި ޓާމިނަލް މެނޭޖްކުރާ ފަރާތްތަކުގެ އިދާރީ މަސައްކަތް ކުރާނެ ޖާގައިގެ އިތުރުން، މުވައްޒަފުންގެ ރެސްޓް ރޫމް ފަދަ ތަންތަންވެސް ހިމެނޭ، ޒަމާނާ އެއްގޮތަށް ފަރުމާ ކުރެވިފައިވާ އިމާރާތެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެކުންފުނިން ބުނިގޮތުގައި ސައްބީސް މިލިއަން ޑޮލަރު ޚަރަދުކޮށްގެން އިމާރާތް ކުރެވޭ އެ ކޮމްޕްލެކްސްގައި ހަތަރު ފަންގިފިލާގެ ޓާމިނަލް ފަރުމާ ކުރެވިފައިވަނީ މަލްޓި އޮޕަރޭޓަރުންނަށް މަސައްކަތްކުރެވޭ ގޮތަށެވެ.

"ޖުމްލަ 000 ،28 އަކަމީޓަރު ސީޕްލޭން ޓާމިނަލް އަކާއި 1 ފަންގިފިލާގެ 120 އަކަމީޓަރު ވީވީއައިޕީ އިމާރާތެއް ހިމެނެއެވެ،" އެމްއޭސީއެލް އިން ބުންޏެވެ.

އެމްއޭސީއެލް އިން ބުނީ އެ އިމާރާތުގެ މަސައްކަތް ފުރިހަމަކުރުމަށް ގަސްތު ކޮށްފައި ވަނީ މި އަހަރުގެ ދެވަނަ ކުއާޓަރުގައި ކަމަށެވެ. އަދި އެ ޓާމިނަލް ހުޅުވިގެންދާއިރު ވާނީ ދިވެހި ރައްޔިތުން ފަޚުރުވެރިވާނެ ދުނިޔޭގެ އެންމެ ބޮޑު ސީޕްލެންގެ އޮޕަރޭޝަންސް ހިންގާ އިމާރާތަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެމްއޭސީއެލް އިން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހެދިފައިވާ އާ ރަންވޭ އޮޕަރޭޓްކުރަން ފެށުމަކީ އެއާރޕޯޓުގެ އޮޕަރޭޝަނަށް މިވަގުތު ވަރަށް މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް އާ ރަންވޭ އޮޕަރޭޓްކުރެވެން އަންނަނީ މިވަގުތު ރަންވޭއާއި އިންވެގެން ހުރި އެންމެބޮޑު ސީޕްލޭން އޮޕަރޭޓަރު ކަމަށްވާ ޓީއެމްއޭގެ ފެސިލިޓީސްއާއި އެ ސަރަހައްދުގައިވާ އެހެނިހެން އިމާރާތްތައް ހުސްކުރެވިގެން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"ޓީއެމްއޭގެ އިމާރާތްތައް ފިޔަވައި އެހެނިހެން އިމާރާތްތައް ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ހުސްކުރުމަށްވަނީ ހަމަޖެހިފައެވެ. ނަމަވެސް، ޓީއެމްއޭގެ އިމާރާތްތައް ހުސްކުރެވެން އަންނަނީ މިވަގުތު މަޑުޖައްސާލެވިފައިވާ މަޝްވަރާތަކަށް ހައްލެއް ލިބި، ޓީއެމްއޭގެ ފެސިލިޓީސްތައް ރިލޮކޭޓް ކުރެވިގެންނެވެ،" އެމްއޭސީއެލް ގެ ބަޔާނުގައިވެއެވެ.

comment ކޮމެންޓް