ފުލުހުންނާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން މަޑުއްވަރީގައި ދީނީ ނަސޭހަތް ދެނީ

މަޑުއްވަރީ މީހުންނަށް ދީނީ ނަސޭހަތް ދިނުމާ ބެހޭގޮތުން ކައުންސިލާއި އިސްލާމިކް މިނިސްޓްރީއިން މަޝްވަރާ ކުރަނީ --- ފޮޓޯ/ މަޑުއްވަރީ ކައުންސިލް

ފުލުހުންނާއި އިސްލާމިކް މިނިސްޓްރީ އަދި މަޑުއްވަރީގެ މުއައްސަސާތައް ގުޅިގެން އެރަށުގެ ރައްޔިތުންނަށް ދީނީ ނަސޭހަތް ދިނުމަށް ހާއްސަ ޕްރޮގްރާމެއް ފަށައިފި އެވެ.

ދާދި ފަހުން ފުލުހުން ވަނީ މަޑުއްވަރީގައި "އައްސޭރި" ނަމުގައި ބޮޑު އޮޕަރޭޝަނެއް ހިންގާފަ އެވެ. އެއީ މަޑުއްވަރީގައި ދީނީ ހަރުކަށި ފިކުރުގެ ގިނަ ބަޔަކު އުޅުމާއި އެ ފިކުރަށް މީހުން ވަންނަމުންދާ ކަމަށް ކުރެވުނު ތުހުމަތު ތަކާއި ގުޅިގެންނެވެ. އަދި އެ އޮޕަރޭޝަނުގެ ތެރެއިން ވަނީ ތިން މީހަކު ހައްޔަރުވެސް ކޮށްފަ އެވެ.

މަޑުއްވަރީ ކައުންސިލުން މިރޭ ކުރި އިއުލާނެއްގައި ބުނެފައިވަނީ އެރަށުގެ ރައްޔިތުންގެ މެދުގައި ދީނީ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ހާއްސަ ޕްރޮގްރާމެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ. އެއީ އެރަށުގައި ދިރިއުޅޭ ކުދި ބޮޑު އެންމެނަށް އަމާޒުކޮށްގެން ހިންގާ ހަރަކާތެއް ކަމަށް މަޑުއްވަރީ ކައުންސިލުގެ އިއުލާނުގައި ވަނީ ބުނެފަ އެވެ.

މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމުގައި ކޮންމެ ދުވަހެއްގެ އަސުރު އަދި މަޣްރިބް ނަމާދަށް ފަހު މިސްކިތުގައި ދީނީ ނަސޭހަތް ދިނުމަށް ވަނީ ތާވަލުކޮށް އެކަން އިއުލާނުކޮށްފަ އެވެ. ދީނީ ނަސޭހަތް ދިނުމަށް މަޑުއްވަރީއަށް ގޮސްއުޅޭ ޝެއިހުންގެ ތެރޭގައި ޝެއިހު ނަސްރުއްﷲ އަލީ އާއި ޝައިހު ހުސައިން އަބްދުﷲ ސައީދުގެ އިތުރުން ޝެއިހު އަހުމަދު ފަހުމީ ދީދީ ހިމެނެ އެވެ.

"މީގެ އިތުރުން މި ތިން ދުވަހުގެ ހެނދުނާއި ހަވީރުގެ ވަގުތު ތަކުގައި ޝެއިހުން އެކި ސަރަހައްދުތަކަށް ޒިޔާރަތްކުރުމަށްވެސް ވަނީ ރޭވިފައި. މި ޒިޔާރަތުގައި މިރަށުގައި ދިރިއުޅޭ ފަރާތްތަކާއި ބައްދަލުކޮށް ދީނީގޮތުން އޮޅުން ފިލުވަން ބޭނުންވާ ކަންކަން އޮޅުންފިލުވައިދިނުމަށްވެސް ވަނީ ހަމަޖެހިފައި." މަޑުއްވަރީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން ދީނީގޮތުން އޮޅުން ފިލުވަން ބޭނުންވާ ކަންކަމާއި އޮޅުން އަރާ ކަންކަން އޮޅުން ފިލުވުމަށް ޝެއިހުންނާއި ގުޅިގެން ކުރިއަށް ގެންދިއުމަށްވެސް މަޑުއްވަރީ ކައުންސިލުން ވަނީ އެދިފަ އެވެ.

މަޑުއްވަރީ މީހުން ބުނާގޮތުން އެރަށުގައި ދީނީ ހަރުކަށި ފިކުރުގެ ގިނަ ބަޔަކު އުޅެ އެވެ. ފުލުހުން އެރަށުގައި ހިންގި އޮޕަރޭޝަނަށް ފަހު ބުނެފައިވަނީ ކުދިންނަށް ވެކްސިން ނުދިނުމާއި، ޝަރުއީ ކޯޓުތަކުން ބޭރުން ކައިވެނީގެ ނަމުގައި ގުޅުންތައް ހިންގުން ފަދަ ކަންކަން ހަރުކަށި ފިކުރުގެ މީހުންގެ ފަރާތުން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

comment ކޮމެންޓް