ޓީމުން ބުނާ ފަދަ ލިޔުމެއް ނުދޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވެއްޖެ

އޮގަސްޓް 21، 2019: މަޖިިލިސް މާލިޔަތު ކޮމެޓީގައި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވާހަކަ ދައްކަވަނީ-- ސަން ފޮޓޯ/ ފަޔާޒު

ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) އިން ދެމުންދާ އިންޒާރުތަކަށް ބޯ ނުލަނބާނެ ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ރިސޯޓުތަކުން ސާވިސް ޗާޖު ނުދޭ މައްސަލަ ހޫނުވެފައި ވަނިކޮށް މިނިސްޓަރު އަލީ ވަހީދު މިރޭ ޓުވީޓެއް ކުރައްވައި ވިދާޅުވީ ޓީމުން އޭނާއަށް އިންޒާރުތަކެއް ދެމުންދާ ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ ކޮންމެ ރިސޯޓެއްގެ މެނޭޖްމެންޓުން ޓީމަށް ނުވަތަ ލޭބާ ޕާޓީއަށް ސްޓާފެއްގެ ބޮލަށް 6.50 ޑޮލަރު ދައްކަން މަޖުބޫރު ކުރުވާ ސިޓީއެއް އޭނާ ނުދެއްވާނެ ކަމަށެވެ.

ނަމަވެސް އެ ވިދާޅުވާ ވާހަކައިގެ މާބޮޑު ތަފްސީލެއް އަލީ ވަހީދު ނުދެއްވަ އެވެ. އެ ވާހަކައިން އެނގެނީ ޓީމަށް ސްޓާފެއްގެ ބޮލަށް ވަކި އަދަދެއްގެ ފައިސާ ދެއްކުމަށް މިނިސްޓަރު ރިސޯޓުތަކަށް އަންގަން ޓީމުން މަޖުބޫރު ކުރަމުން ދާ ކަމެވެ.

"ސާވިސް ޗާޖާއި އޮޑިޓުން މައްސަލަ ފާހަގަވި ރިސޯޓުތަކަށް ޑިއު ޕްރޮސެސް ފޮލޯކޮށް ފިޔަވަޅު އަޅާނަން." މިނިސްޓަރު އަލީ ވަހީދު ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.

އޭގެ އިތުރުން އަލީ ވަހީދު ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި މަސައްކަތް ކުރާ ދިވެހި އަދި ބޭރު މުވައްޒަފުންނަށް ބިރު ދެއްކުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނޯންނާނެ ކަމަށެވެ. އަދި މިވީ އެއް އަހަރު ކުރި މަސައްކަތް އޮޅުވާ ނުލެވޭނެ ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.

ނިމިދިޔަ ހަފްތާގައި ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައި ވަނީ އިންޑަސްޓްރީގެ ކީ ކުންފުނިތަކުން ސާވިސްޗާޖުގެ ގޮތުގައި ދޭ އަދަދު ރަނގަޅު ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ ގިނަ ރިސޯޓުތަކުގެ ސާވިސްޗާޖު ދޭ ގޮތް ފެންނަން އެބައޮތް ކަމަށެވެ.

"އަޅުގަނޑުމެން މިހެދި އިންސްޕެކްޝަނަށް ފަހު ރާއްޖޭގެ ގިނަ ރިސޯޓުތަކުން ހިފަހައްޓަން ޖެހޭ ޕެރިޓީ ވެސް އޮތީ ރަނގަޅަށް. ސާވިސް ޗާޖު ދޭ ވެލިއުތައް ވެސް އަޅުގަނޑުމެން އަތުގައި ފެންނަން އެބަހުރި. އަދި ސަރުކާރަކުން ނިންމާފައެއް ނެތް ރޭޓު ކުރާކަށް، ރާއްޖޭގެ ކީ ވިޔަފާރި ކުންފުނިތައް، އިންޑަސްޓްރީގައި އިންވެސްޓު ކޮށްފައި ތިބި ރާއްޖޭގެ ކުންފުނިތަކަށް ބަލާއިރު ވެސް ބޭރުގެ ވިޔަފާރިތަކުން ވެސް ސާވިސްޗާޖު ދޭ މިންވަރާއި ދިވެހިން [ކުންފުނިތަކުން] ހިފަހައްޓާ މިންވަރު ރަނގަޅު،" މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް މިނިސްޓަރުގެ އެ ވާހަކަފުޅަށް ބަޔަކު ވަނީ ފާޑުކިޔައިފަ އެވެ. އެއާ އެކު މިނިސްޓަރު ފަހުން ވިދާޅުވީ އެ މަނިކުފާނު ދެއްކެވި ވާހަކަފުޅު ބަޔަކަށް އޮޅޭ ނަމަ އެކަމަށް މައާފަށް އެދޭ ކަމަށެވެ.

comment ކޮމެންޓް