ބަނގުރާ ބޯން ތިބި ބަޔަކު، ބަނގުރަލާއެކު ށ. ފުނަދޫން ރޭ ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި އެރަށުން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހުން ހައްޔަރުކޮށްފައި ވަނީ ފުނަދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ރޭ 22:00 ހާއިރު އެރަށު އުތުރު ފަރާތު ވަލުތެރެއިންނާއި ބީޗް ސަރަހައްދުން ކަމަށެވެ.
ބަނގުރާ ބޯން ތިބިކަމުގެ ތުހުމަތުގައި ވަލުތެރެއިން ހައްޔަރުކުރީ އެކަކެވެ. އަނެއް ދެމީހުން ހައްޔަރުކޮށްފައި ވަނީ ބަނގުރާ ބޮއެ، މަސްތުގެ ހާލަތުގައި ތިއްބައި، އަތިރިމަތިންނެވެ.
އެމީހުން ތިބި ސަރަހައްދުން ބަނގުރާކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ފަސް ލީޓަރުގެ ފުޅި އަކާއި، 500 މިލިލީޓަރުގެ ތިން ފުޅީގެ އިތުރުން ބަނގުރާ ފުޅިއެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އާ އަހަރާ ދިމާކޮށް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނުގައި ރޭ ރާއްޖޭގެ އެކި ސަރަހައްދުތަކުން ގިނަ އަދަދެއްގެ ބަނގުރާ ވަނީ ހޯދައިފައެވެ.
އެގޮތުން އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ބަނގުރާ ކައްކައި ރައްކާކުރާ ތިން ތަނަކުން 11 ލީޓަރުގެ ބަނގުރާ ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ތަކެތި ހޯދާފައި ވަނީ ހިތަދޫ ވަލުތެރިންނާއި ފަޅު ގެއަކުންނެވެ.
ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ބަލާއިރު މާފުށިން ބަނގުރާ އަޅާފައި ހުރި ފޮއްޓެއް ފުލުހުން ހޯދާފައިވެއެވެ. އަދި ރޭ ލ. ގަމުން ކުޑަކުއްޖަކާ އެކު ބަނގުރާ ބޯން އުޅުނު ތިން މީހަކު ހައްޔަރުކޮށްފައިވެއެވެ.