އާ އަހަރާ ދިމާކޮށް ހިންގި އޮަޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރާ ހޯދައިފި

ފުލުުހުން އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނުގައި ހޯދި ބަނގުރާ ކައްކާ ފަޅުގޭގެ އެތެރެ -- ފޮޓޯ/ ފުލުހުން

އާ އަހަރާ ދިމާކޮށް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ގިނަ އަދަދެއްގެ ބަނގުރާ ހޯދައިފި އެވެ.

ފުލުހުން މިއަދު ބުނީ އާ އަހަރާ ދިމާކޮށް ހިންގި އޮޕަރޭޝަނުގެ ތެރެއިން، ބަނގުރާ ކައްކައި ރައްކާކުރާ ތިން ތަނަކުން 11 ލީޓަރުގެ ބަނގުރާ ހޯދާފައިވާ ކަމަށެވެ. އެ ތަކެތި ހޯދާފައި ވަނީ ހިތަދޫ ވަލުތެރިންނާއި ފަޅު ގެއަކުން ކަމަށް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން، ރަށުތެރޭގެ އަމާންކަން ގެއްލޭ ގޮތަށް އުޅުނު 13 މީހަކު އޮޕަރޭޝަނުގެ ތެރެއިން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ހިތަދޫ ފިހާރައަކަށް ގެއްލުންދިން ދެ މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

ފުލުހުން އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނުގައި އަތުލައިގަތް ތަކެތި -- ފޮޓޯ/ ފުލުހުން

އެހެންނަމަވެސް، ފުލުހުން ބުނީ އާންމުގޮތެއްގައި އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައިވެސް އާންމު ހާލަތު ރަނގަޅު ކަމަށެވެ.

ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ބަލާއިރު މާފުށިން ބަނގުރާ އަޅާފައި ހުރި ފޮއްޓެއް ފުލުހުން ހޯދާފައިވެއެވެ. އަދި ރޭ ލ. ގަމުން ކުޑަކުއްޖަކާ އެކު ބަނގުރާ ބޯން އުޅުނު ތިން މީހަކު ހައްޔަރުކޮށްފައިވެއެވެ.

މާލެއިން ދެ ދަޅު ބިއަރާއި އެއް ފުޅި ބަނގުރަލާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ދެ ތެޔޮ ޕީސް އަދި ފަސް ރަބަރު ޕެކެޓް ފުލުހުން ހޯދާފައިވެއެވެ. އެ ހާދިސާގައި ފުލުހުން އެ ތަކެތި ފެނުނު ގެއަށް ދަނިކޮށް، ބަޔަކު ވަނީ އެ ގެއިން ރާފުޅިތައް އަޅާފައި ހުރި ދަބަހެއް މަގުމައްޗަށް އެއްލާލާފައެވެ.

އާ އަހަރާ ދިމާކޮށް ރާއްޖޭގައި ރަލާއި މަސްތުވާތަކެތީގެ މައްސަލަތައް ގިނަ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. މި އަހަރެކޭ އެއްގޮތަށް އެހެން އަހަރުތަކުގައި ވެސް ފުލުހުން އާ އަހަރާ ދިމާކޮށް އޮޕަރޭޝަންތައް ހިންގައެވެ.

comment ކޮމެންޓް