މެލޭޝިޔާ އެމްބަސީގެ ކާރު ބޭނުމެއް ނުކުރަން، ނުވެސް ދެކެން: ޝިދާތާ

ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް -- ފޮޓޯ/ ޖެންޑާ މިނިސްޓްރީ

ޗުއްޓީ ދަތުރެއްގައި މެލޭޝިޔާއަށް ވަޑައިގެން، މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީގެ ކާރެއް ބޭނުންކުރައްވާފައިވާ ނުވާނެ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝިދާތާ މިހެން ވިދާޅުވެފައި ވަނީ ޗުއްޓީ ދަތުރެއްގައި މިނިސްޓަރު އާއިލާއާ އެކު މެލޭޝިޔާއަށް ވަޑައިގެން، ދައުލަތުގެ ވަސީލަތްތައް ބޭނުންކުރި ކަމަށް ބުނެ، އެކަން ބަލައިދިނުމަށް އެދި އަމިއްލަ ފަރާތަކުން އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެންނެވެ.

އޭސީސީއަށް މައްސަލަ ހުށަހަޅާފައި ވަނީ ޗުއްޓީ ދަތުރެއްގައި ޝިދާތާ މެލޭޝިޔާގައި އުޅުއްވަމުން ދިވެހި އެމްބަސީގެ ކާރެއް ބޭނުންކުރައްވާފައިވާ ކަމަށްބުނެ އެވެ.

އެމައްސަލާގައި ޝިދާތާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އެމްބަސީގެ ކާރު ބޭނުންކޮށްފައި ނުވާނެ ކަމަށާއި، އެ ކާރު ދެކިފައި ވެސް ނުވާ ކަމަށެވެ. އަދި ކަމާބެހޭ ފަރާތްތަކުން އެކަން ބެލުމުން އެކަން ރަނގަޅަށް ސާފުވާނެ ކަމަށެވެ.

"މެލޭޝިޔާ އެމްބަސީގެ ކާރު ބޭނުންކޮށްފައެއް ނުވާނެ އަދި ނުވެސް ދެކެން. އެ ކަން ކަމާބެހޭ ފަރާތްތަކުން ބެއްލެވެމުން ވެސް ސާބިތުވާނެ،" ޝިދާތާ ވިދާޅުވި އެވެ.

ޝިދާތާ ވިދާޅުވީ ސަރުކާރުން ވައުދުވީ ހިޔާލުފާޅުކުރުމާއި މީޑިއާގެ މިނިވަންކަން ހޯދައިދިނުމަށް ކަމަށާއި މިއަދު ފެނިގެން މިދަނީ ސަރުކާރުގެ ވަޒީރަކާ މެދު ވެސް ކުރެވޭ ތުހުމަތެއް އޮތްކަމުގައިވާ ނަމަ، އެފަދަ މައްސަލަތައް ކަމާ ބެހޭ މުއައްސަސާތަކަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔުމުގެ ފުރުސަތު ހުޅުވިފައި އޮތްކަން ކަމަށެވެ.

ޝިދާތާގެ މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވާކަން އެ ކޮމިޝަނުން ކަށަވަރުކޮށްދިން ނަމަވެސް، މައްސަލައާ ގުޅޭ ތަފްސީލު ހާމަކޮށްފައެއް ނުވެ އެވެ.

މިނިސްޓަރު ޝިދާތާގެ މައްސަލައެއް އޭސީސީއަށް ހުށަހަޅާފައި ވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ މިފަދަ މައްސަލައެއް ވެސް އޭސީސީ އަށް ވަނީ ހުށަހަޅައިފަ އެވެ.

ނަޝީދުގެ މައްސަލައެއް ހުށަހެޅީ މިދިޔަ އޮކްޓޯބަރު މަހު އެކްޓިވިސްޓުންނާ ބައްދަލު ކުރަން ދެކުނުގެ އަތޮޅުތަކަށް މަޖިލީހުގެ ހަރަދުގައި މަޖިލީހުގެ ރަސްމީ ދަތުރެއްގެ ގޮތުގައި ކުރި ކަމަށް ބުނެ އެވެ.

comment ކޮމެންޓް