ފަތުރުވެރިން ގުނުމުގައި ކަނޑުމަގުން އަންނަ މީހުންވެސް ހިމަނަނީ

ކްރޫޒްލައިންނާ އަކުން މާލެއަށް ފޭބި ޓޫރިސްޓުންތަކެއް -- ސަން ފޮޓޯ

ރާއްޖެ އަންނަ ފަތުރުވެރިން ގުނުމުގައި މީގެ ކުރިން ކަނޑުމަގުން އަންނަ މީހުން ނުހިމެނި ނަމަވެސް މިއަހަރުން ފެށިގެން ފަތުރުވެރިން ގުނުމުގައި ކަނޑުމަގުން އަންނަ މީހުންވެސް ހިމަނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މިއަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖުގައި ބޭއްވި ހަރަކާތުގައި މީޑިއާ އާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިހާތަނަށް ރާއްޖެ އަންނަ ފަތުރުވެރިން ގުނުމުގައި ކަނޑުމަގުން އަންނަ ފަތުރުވެރިން ނުގުނާ ކަމަށާއި ނަމަވެސް މިއަދުން ފެށިގެން ފަތުރުވެރިން ގުނުމުގައި ކަނޑުމަގުން އަންނަ މީހުންވެސް ހިމެނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

"ކްރޫޒްތަކުގައި އަންނަ މީހުންނަކީވެސް ހަމަ ފަތުރުވެރިން ފަތުރުވެރިކަމުގެ ވިސާގައި އަންނަ މީހުން. އެހެންނަމަވެސް ކުރީގައި ސްޓެޓިސްޓިކްސް ގެންގުޅުމުގެ ތެރޭގައި ސަރުކާރުތަކުން އެކަން ގެންގުޅެފައެއް ނެތް،" މިނިސްޓަރު ވިދާޅުވިއެވެ.

މިއަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔުން -- ސަން ފޮޓޯ: އަހުމަދު އައުޝަން އިލްޔާސް

މިދިޔަ އަހަރު ރާއްޖެ ގެންނަން ކަނޑައެޅި ފަތުރުވެރިކަމުގެ ޓާގެޓު ކަމަށްވާ 1.5 މިލިއަން ފަތުރުވެރިންގެ ޓާގެޓު އަހަރު ނިމުމުގެ 38 ދުވަސް ކުރިން ވަނީ ހާސިލް ކޮށްފަ އެވެ. އެމްއެމްޕީއާރުސީ އިން ބުނީ އަހަރު ނިމުނު އިރު 1.67 މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކަނޑުމަގުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ހާއްސަކޮށްގެން ހަރަކާތްތައް ހިންގަން ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުން އެބަހުރި ރާއްޖޭގެ ފަންނުވެރިންނަށް އެމީހުންގެ ފަންނު ދައްކާލުމުގެ ފުރުސަތު ދޭން. ފަންނުވެރިން ބޭނުންވަނީ ހަމައެކަނި މައުރަޒެއްގައެއް ނޫން އެމީހުންގެ އެއްޗެހި ދައްކާލާކަށް. އަޅުގަނޑުމެން މަސައްކަތް ކުރާނަން ރާއްޖެ އަށް ކަނޑުމަގުން އަންނަ ފަތުރުވެރިން އެ އަންނަ ދެތިން ދުވަހު އެމީހުންނަށް ރަނގަޅު އެކްސްޕީރިއަންސެއް ދޭން،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވިޒިޓް މޯލްޑިވްސް ގެ ޝޯތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި މިއީ ރާއްޖޭގެ އާޓިސްޓުންނާއި ފަންނުވެރިންނަށް އޮތް ފުރުސަތުތަކެއް ކަމަށެވެ.

comment ކޮމެންޓް