2020 އަށް މަރުހަބާ، މިއީ އާ ފެށުމެއް!

އެއް ދަހަރު ނިމި، މުޅީން އާ އަހަރެއް ފެށުނީ އެވެ. ވިހި ވިއސަށް މަރުހަބާ އެވެ!

މިއަދުގެ ތާރީހު އަހަރެމެން ލިޔާނީ މުޅީން އާ ހިތްވަރަކާއި އަޒުމަކާ އެކީގަ އެވެ. މިއީ އާ ފެށުމެކެވެ. ވެދިޔަ ކަމެއްވެ ނިމުނު ގޮތަކަށް ދޫކޮށްލާށެވެ. އާ އުންމީދަކާ އެކީ، އާ ހުވަފެންތަކެއް ހަގީގަތަކަށް ހެދުމަށް ޓަކައި އަތުކުރި އޮޅާލަންވީ އެވެ. އަބަދުވެސް ވިސްނުމުގައި ބަހައްޓަންވީ، ތިމާގެ ގޯލްސްތަކާއި ލަނޑުދަނޑިތައް ހާސިލްކުރަން މަސައްކަތް ކުރަން ޖެހޭނީ ހަމަ ތިމާކަމެވެ. ނިކަން ރީތިކޮށް އަދި މިއަހަރު މިވެނި ކަމެއް ކުރާނަމޭ ބުންޏަސް، ފަރުޖައްސާލެވޭކަން ނޯންނާނެ އެވެ. ކާމިޔާބީއަކީ މަސައްކަތްކުރާ މީހުންގެ ހައްޤެކެވެ.

މި އަހަރަށް ކަނޑައެޅި ރިޒޮލިއުޝަންސް ނުވަތަ ލަނޑުދަނޑިތައް ހާސިލްކުރަން ކުރެވިދާނެ ދެތިންކަމެއް ފާހަގަކޮށްލާނަމެވެ.

އެ ލަނޑުދަނޑިއެއް ސެޓްކުރީ ކީއްވެކަން ހަނދާންކުރާތި!

މިއަދުން ނިކަން ހަރުއަޑުން ތިމާ މިވެނި ކަމެއް މިއަހަރު ތެރޭ ކުރާނަމޭ ބުންޏަސް، ތިން ހަފްތާވާއިރު އޮންނާނީ އެކަމުގެ މަތީން ހަނދާން ނެތިފަ އެވެ. ސައިކޭޓްރިސްޓެއް އަދި ލިޔުންތެރިއެއްކަމުގައިވާ ޑރ. މައިކަލް ބެނެޓް ވިދާޅުވާ ގޮތުގައި، އެ ވަގުތެއްގެ ޖަޒުބާތުގައި އަދި ވަކިކަމެއް ކުރާނަމޭ ބުނުމަކީ ވަރަށް ފަސޭހައިން އެކަމުގެ މަތީން ހަނދާންނެތޭނެ ކަމެކެވެ. އެހެންނަމަވެސް ތިމާ އެކަމެއް ކުރަން އަޒުމް ކަނޑައަޅަނީ ކީއްވެގެންކަމާއި، އޭގެ ނަތީޖާ ނުވަތަ ވާސިލްވާން ބޭނުންވާ މަންޒިލަކީ ކޮބައިކަން ސާފުވާ ނަމަ އެ މިސްރާބަށް ދަތުރުކުރަން ވަރަށް ފަސޭހަވާނެ އެވެ. އަދި ދުވަސްތައް ދާހެން ތިމާ ކުރާ ހުރިހާކަމެއް ވެސް އަދި ނިންމާ ކޮންމެ ނިންމުމެއް ވެސް ގުޅޭނީ އެކަމަކާ އެވެ.

ކިތަންމެ ބޮޑުކަމެއް ކުރަންވިޔަސް، ފަސްޖެހޭނެ ކަމެއް ނެތް!

ހާވާޑް މެޑިކަލް ސްކޫލުން ބުނާގޮތުން ކިތަންމެ ބޮޑު އަމާޒެއް އޮތަސް އެކަން ހާސިލްކުރަން ފަސްޖެހޭނެ ކަމެއް ނެތެވެ. އެކަން ކުރާނެ ހިތްވަރެއް ހުރިއްޔާ އެއީ ހަމަވުން އެކަށީގެންވާ ކަމެކެވެ. މިސާލަކަށް މެރެތަންއެއްގައި ދުވުން، ފޮތެއް ލިޔުން، ބަރުދަން މިވެނި ވަރަކަށް ލުއިކުރުން ކަމުގައިވިޔަސް، ބޮޑުކޮށް އަމާޒުކޮށް އޭގެ 70 އިންސައްތަ ކާމިޔާބުވިޔަސް އެއޮތީ ހަމަ ވަރަށް ބޮޑު ކާމިޔާބީއެކެވެ. އަދި އެކަމެއްގައި އެހެންމީހުންގެ އެހީތެރިކަން ބޭނުންނަމަ ހޯދުމަކީ ވެސް މުހިންމުކަމެކެވެ.

އެ ކަމެއް ކާމިޔާބުކުރަން ކޮންމެ ދުވަހަކު ކުރަންވީ ކޮން ކަމެއް؟

އެންމެ ފުރަތަމަ ގޮސް ކުރިބޯށީގައި ހިފަން ނޫޅުމަށް މީހުން ބުނެއެއް ނޫން ހެއްްޔެވެ. މިއީ އެކަހަލަ ވާހަކައެކެވެ. ތިމާ ވަކިކަމެއް މިއަހަރުތެރޭގައި ކާމިޔާބު ކުރަން ބޭނުންވާ ނަމަ އަދި ގާތްގަނޑަކަށް 364 ދުވަސް އެބައޮތެވެ. ލަސްލަހުން މަޑުމަޑުން އެކަމެއް ކުރުމަށް ޓަކައި، ކޮންމެ ދުވަހަކު ކުރާނެ ކަމެއް، ނުވަތަ މިނީ ޓާގެޓްތަކެއް ކަނޑައަޅާށެވެ. އެންމެ ސިމްޕަލްކޮށް ކޮންމެ ދުވަހެއްގެ ވެސް 'ޓު ޑޫ ލިސްޓެއް' ތައްޔާރުކޮށް ކަންކަން ކޮށް ނިމޭވަރަކުން ފާހަގަލަމުން ދާށެވެ. އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ޔަގީންކޮށްދީ، އަ ހިތްވަރެއް ލިބޭނެއެވެ.

ކާމިޔާބު ވަމުންދާ މިންވަރު ފާހަގަކުރަމުންދާތި!

ތެދަށް ބުނާ ނަމަ، ކޮންމެ މީހަކަށް ވެސް އެމީހަކު ކުރަންބޭނުންވާ ކަމެއް އެބަކުރެވެއޭ، ނޫނީ ދާން ބޭނުންވާ ހިސާބަށް އެބަދެވެއޭ ހިތަށް އަރާ ނަމަ އެއީ އެކަމެއް ހަގީގަތުގައި ވެސް ހާސިލްކުރުމަށް ލިބޭނެ އެންމެ ބޮޑު ހިތްވަރެވެ. ކުދިކުދި ސެލެބްރޭޝަންތަކާއި، މި ދެންނެވި ފަދަ ހިތްވަރުދިނުމުގެ ބަސްތަކާއި ހަދިޔާތަކަަކީ އެކަމެއް ކުރުމުގައި ދެމިހުރުމަށް އޮތް އެންމެ ބޮޑު ހިތްވަރެވެ. މިކަން ކުރަން އެންމެ ފަސޭހަވާނީ، ކުރިން ބުނިހެން ބޮޑު ގޯލް ކުދިކުދިކޮށް އެހިސާބަށް ދާން މިނީ ޓާގެޓްތަކެއް ކަނޑައަޅައިގެންނެވެ.

އެހެންކަމުން މިހާރު ދެން މި އާ އަހަރަށް ތައްޔާރުހެއްޔެވެ. އަހަރެމެންގެ އުންމީދަކީ 2020 އަކީ ހުރިހާ އެންމެނަށް ވެސް ވަރަށް ކާމިޔާބު ފާގަތި އަހަރަކަށްވުމެވެ.

comment ކޮމެންޓް