ޓިއުޝަން ފީ ނުދެއްކޭ ކުދިންނަށް ސްކޫލުން މާލީ އެހީތެރިކަން ދެނީ!

ލަންޑަންސްކޫލަކުން ކުދިންގެ ޓިއުޝަންފީ ދައްކަނީ

އީސްޓް ލަންޑަން ސެކަންޑްރީ ސްކޫލެއްގައި ޖީސީއެސްއީ ހަދާ ކުދިންގެ ތެރެއިން ޓިއުޝަން ނެގުމަށް، މާލީ ގާބިލްކަން ނެތްކުދިންނަށް ސްކޫލުން ފައިސާ ދަައްކައިގެން ޕްރައިވެޓް ޓިއުޝަން ނަގާދޭން ފަށައިިފި އެވެ. އުރްސްވިކް ނަމަކަށް ކިޔާ މި ސްކޫލުން ކުދިންގެ ޓިއުޝަނަށް ޚަރަދުކުރަނީ "ޕިއުޕިލް ޕްރިމިއަމް" ބަޖެޓުންނެވެ.

މި ބަޖެޓަކީ ސްކޫލުގައި އުޅޭ، ޑިސްއެޑްވާންޓޭޖްޑް ނުވަތަ އިތުރު އެހީތެރިކަން ބޭނުންވާ ކުދިންނަށް ޚަރަދުކުރުމަށް ކަނޑައެޅިފައި އޮންނަ ބަޖެޓެކެވެ. ސްކޫލްގެ އެސިސްޓެންޓް ހެޑް، ނައޯމީ ޑިއުސް ވިދާޅުވަނީ، މުއްސަނދި އަދި ތަނަވަސް އާއިލާތަކުގެ ކުދިންނަށް ލިބޭ ޕްރައިވެޓް ޓިއުޝަންތަކުން އެފަދަ ތަނަވަސްކަން ނެތް ކުދިން މަހުރޫމް ވެގެން ނުވާނެ ކަމަށެވެ.

ލަންޑަންގައި ސާނަވީ އިމްތިހާނު ހަދާ ކުދިންގެ 41 އިންސައްތަ ކުދިން ޓިއުޝަން ނަގާކަމަށް ސަޓަން ޓްރަސްޓް އެޑިއުކޭޝަން ޗެރިޓީގެ ދިރާސާއިން ދައްކާއިރު، އުރްސްވިކް ސްކޫލުގެ މި ނިންމުމަށް ތާއީދު ނުކުރާ ފަރާތްތަކެއް ވެސް ވެ އެވެ.

މިގޮތުން، ނެޝެނަލް އެޑިއުކޭޝަން ޔޫނިއަން އިން މިކަމާއި ޚިޔާލުތަފާތުއިރު، އެ ޔޫނިއަންގެ ކޯ-ލީޑަރު ކެވިން ކޯޓްނީ ވިދާޅުވަނީ ޕިއުޕިލް ޕްރިމިއަމް ފައިސާއިން ޓިއުޝަނަށް ޚަރަދުކުރުމަކީ އެދެވިގެންވާ ގޮތެއް ނޫނެވެ. އޭގެ ބަދަލުގައި ސްކޫލުގެ މުވައްޒިފުންނަށް ޚަރަދުކުރުން ވެސް މާ ރަނގަޅުވާނެ އެވެ.

ކުދިންގެ އިމްތިހާނާއި ދިމާކޮށް އާންމުކޮށް ބެލެނިވެރިން ޕްރައިވެޓް ޓިއުޝަންތަކަށް ޚާރަދުކުރިނަމަވެސް، މިފަދައިން އަމިއްލައަށް އިސްނަގައިން ސްކޫލަކުން މިފަދަ ޕްރޮޖެކްޓެއް ހިންގުމަކީ ވަރަށް އާ އަދި ތަފާތުކަމެކެވެ.

އުރްސްވިކް ސްކޫލުގައި އާންމުކޮށް ކިޔަވާ އުޅެނީ އެހާ ތަނަވަސްނޫން ކުދިންކަމުގައިވާ އިރު، ސްކޫލް ގަޑިތަކުންބޭރުން ވަކިން ޓީޗަރެއް ކައިރިއަށް ގޮސް ކިޔަވައިދިނުމަށް ބޭނުންވާ މާލީ ގާބިލްކަން އެކުދިންގެ ނުހުރެ އެވެ.

މި ސްކޫލުން ބުނާގޮތުން އަހަރެއްގެ މައްޗަށް ހިސާބު މާއްދާއިން އެކަނި ވެސް ދިހަހާސް ޕައުންޑް ޕްރައިވެޓް ޓިއުޝަން ނެގުމަށް އެ ސްކޫލުން ކުދިންނަށް ޚަރަދުކުރެ އެވެ. މިސް ޑިއުސް ބުނާގޮތުން، އިނގިރޭސި އަދި ހިސާބުން އެކަނި ފާސްވުމަކީ ވެސް ކުދިންނަށް ރަނގަޅު މުސްތަގުބަލެއް ހޯދުމަށް ކޮށާދެވޭނެ މަގެކެވެ.

މި ހާޢްސަ ޕްރޮގްރާމުގެ އެހީގައި ސްކޫލުން ފައިސާ ދައްކަނީ، މައިޓިއުޓާ ކިޔާ އޮންލައުން ޓިއުޝަން ފާމް އަކާއި އެވެ. މިއީ ކްލާސްރޫމުގައި ކިޔަވައިދޭ ފިލާވަޅު އަލުން އަނެއްކާ އަޑުއަހާލެވި، އިތުރު ސުވާލުކޮށް އެކުއްޖެއްގެ ސްޕީޑުގައި ފިލާވަޅު ދޭހަކޮށްދޭން އެހީވެދޭނެ ޕްލެޓްފޯމެކެވެ.

އިންގްލެންޑްގެ ސްކޫލްތަކަށް އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 2.4 ބިލިއަން ޕައުންޑްގެ ޕިއުޕިލް ޕްރިމިއަން ބަޖެޓެއް ދެވޭއިރު، މި ޕްރޮގްރާމުގެ ސަަބަބުން ކުދިންގެ ނަތީޖާ ރަނގަޅުވެ އިމްތިހާނުގައި ފާސްވުމަށް އިތުރު ހިތްވަރެއް ލިބިގެންދާކަން އުރްސްވިކް ސްކޫލުން ފާހަގަކުރެވެ އެވެ.

މި ފައިސާ މިހެން ޚަރަދުކުރުމުގެ ބަދަލުގައި ސްކޫލުގެ މުދަައްރިސުން ބޭނުންކޮށްގެން އިތުރު ގަޑި ނެގުމަށް ޚަރަދު ނުކުރަނީ ކީއްވެތޯ ފާޑުކިޔުންތެރިން ސުވާލުކުރުމުން ސްކޫލުން ބުނެފައި ވަނީ، އެފަދައިން މަސައްކަތްކުރާނެ މުވައްޒަފުން މަދުކަމަށާއި، އަދި އިތުރު މުދައްރިސަކު ނެގުމަށްވުރެ، މިހެން އޮންލައިން ޕްރައިވެޓް ޓިއުޝަނަށް ފައިސާ ދިނުން މާ ޚަރަދު ކުޑަކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު