ދުނިޔޭގެ މަސްރަހުގައި ރާއްޖެ "ބޮދާ" އޮތް އޮތުން ދޫކޮށް، ހައްގު މަގާމަށް އާދެއްވިއްޖެ: ޝާހިދު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު: މިއަހަރު ތެރޭ ރާއްޖެއަށް ދުނިޔޭގެ މަސްރަހުގައި ހައްގު މަގާމު ހޯދިފައިވާ ކަމަށް ވިދާޅުވި --- ފޮޓޯ/ ފޮރިން މިނިސްޓްރީ

މި ނިމިގެންދާ 2019 ވަނަ އަހަރު ތެރޭ ދުނިޔޭގެ މަސްރަހުގައި ރާއްޖެ "ބޮދާ" އޮތް އޮތުން ދޫކޮށް، ހައްގު މަގާމަށް އެދެވިއްޖެ ކަަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އާ އަހުރުގެ ތަހުނިޔާ ފޮނުވާ ޓްވީޓާއަށް ދޫކޮށްލެއްވި ކުރު ވީޑިއޯ މެސެޖް ގައި ޝާހިދު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް މިވީ އެއް އަހަރުގެ ތެރޭ ޚާރިޖީ ދާއިރާއަށް ރާއްޖެއަށް އެތަކެއް ކުރިއެރުންތަކެއް ލިބިފައިވާ ކަމަަށެވެ. ޝާހިދު ވިދާޅުވީ، އާ އަހަރަކަށް މަރުހަބާ ކިޔަނީ މުޅި އާ ހަރުފަތްތަކެއް ގިރާ ކުރުމަށް އާ އުންމީދުކޮށްގެން ކަމަށެވެ.

"ދުނިޔޭ ސިޔާސީ މަޝްރަހުގައި ބޮދާ، ގަލެއްގެ ދަށުގައި ފިލަން އޮތް އޮތުން ދޫކޮށް، ރާއްޖެ އަލުން މިވަނީ އަނެއްކާވެސް ދިވެހިންގެ ޝަރަފްވެރި ހައްގު މަގާމު ހޯދާފައި،" ޝާހިދު ވިދާޅުވިއެވެ.

ޒަމާންވީ ގުޅުން އޮތް ގައުމުތަކާ މި ވޭތުވެދިޔަ އެއް އަހަރު ތެރޭ އިތުރަށް ގުޅުން ބަދަހިކޮށް، އިތުރު ގައުމުތަކާ ގުޅުން ގާއިމްކޮށް، ދުނިޔޭގެ އިހުތިރާމާއި ގަދަރު ލިބޭ ފަޚްރުވެރި ގައުމަކަށް ރާއްޖެ ވެފައިވާ ކަމަށް ޝާހިދު ވިދާޅުުވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ މިނިވަންކަމާއި ސަރަހައްދުގެ ރައްކާތެރިކަން ހިމާޔަތް ކުރުމަށް ޑިޕްލޮމެސީގެ އައްޑަނަ ހުށިޔާރު ކަމާ އެކު ވަރުގަދަ ކުރުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ، މި ފެށޭ 2020 ވަނަ އަހަރުގައި، ރާއްޖެ އަކީ އެހެނިހެން ކުދި ޖަޒީރާ ގައުމުތަކުގެ އުއްމީދުތަކާއި ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމަށް ވަކާލާތުކުރާ ގައުމަކަށް ހެދުމަކީ އަމާޒެއް ކަމަށެވެ. އަދި ބައިނަލްއަގްވާމީ މަސްރަހުގައި ރާއްޖެ އާއި ރައްޔިތުންނަށް އާ ފުރުސަތުތައް ފަހިކޮށް، އެ ފުރުސަތުތަކުގެ ބޭނުން އެންމެ ފައިދާ ކުރާނެ ގޮތަށް ހިފުމަށް ދޮރުތައް ހުޅުވައި ދިނުމަކީ ވެސް އަމާޒެއް ކަމަށެވެ.

އޭގެ އިތުރުން ރެއްޖެއިން ބެެރުގައި އުޅޭ ދިވެހިންނަށާއި ދަތުރު ކުރާ ފަރާތަކަށްވެސް މި ފެށޭ އަހަރު ލުއި ފަސޭހަތައް ހޯދައި ދިނުމަށްޓަކައި މިނިސްޓްރީން މަސައްކަތް ކުރައްވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

"އިންސާނީ ހައްގުތައް ހިމާޔަތްކޮށް، ކުރިއަރުވައި، ޑިމޮކްރަސީގެ ހަމަތައް ނެގެހެއްޓުމަށް މަސައްކަތްކުރުން. އަދި ހާރިޖިއްޔާ އަކީ ދިވެހިން ފަހުރުވެރިވާ ހުނަރުވެރި ގާބިލު ފޮރިން ސާވިސް އަކަށް ހެދުން،" އަންނަ އަހަރުގެ ލަނޑުދަޑިތަކަށް އަލި އަޅުވާލަމުން ޝާހިދު ވިދާޅުވިއެވެ.

comment ކޮމެންޓް