ކްރިކެޓް ބޯޑުގެ އަހަރީ އާއްމު ޖަލްސާ އަންނަ ފެބުރުއަރީއަށް ތާވަލުކޮށްފި

ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު މެޗުގެ ކުރިން މަޝްވަރާ ކުރަނީ --- ފޮޓޯ// އެމްއޯސީ

ކްރިކެޓް ބޯޑު އޮފް މޯލްޑިވްސްގެ އަހަރީ އާއްމު ޖަލްސާ (އޭޖީއެމް) ނުބޭއްވި އޮންނަތާ ދުވަސްތަކެއް ވެފައި ވަނިކޮށް އޭޖީއެމް ބޭއްވުމުގެ ހުއްދަ ކޮމިޝަނަރ އޮފް ސްޕޯޓްސް އިން ދިނުމުން އަންނަ އަހަރުގެ ފެބްރުއަރީ މަހު އެ ޖަލްސާ ބާއްވާ ގޮތަށް ތާވަލުކޮށްފި އެވެ.

ކްރިކެޓް ބޯޑު އޮފް މޯލްޑިވްސްގެ އޭޖީއެމް މާރޗުމަހުގެ ތެރޭގައި އެއްމެ ފުރަތަމަ ބޭއްވުމަށް މަސައްކަތް ކުރި ނަމަވެސް އެ ފަހަރު ނުބޭއްވި ދިޔައީ ކޯރަމް ހަމަނުވުމުގެ ސަބަބުންނެވެ. އޭގެ ފަހުން ދެ ފަހަރު ބޭއްވުމަށް މަސައްކަތް ކުރި ނަމަވެސް ސްޕޯޓްސް ކޮމިޝަނާ ވަނީ ގަވައިދާ އެއްގޮތައް އޭޖީއެމް ބޭއްވުމަށް އަންގައި ހުއްޓުވާފައެވެ.

ކްރިކެޓް ބޯޑު އޮފް މޯލްޑިވްސްގެ ރައީސް އަޙްމަދު އަފްލާހު (އަފޫ) މީގެ ކުރިން ވިދާޅުވެފައި ވަނީ އޭޖީއެމް ނުބޭއްވިދާ ކޮންމެ ދުވަހަކީ ކްރިކެޓަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި ފުޅާދާއިރާއެއްގައި އަތޮޅުތެރޭގައި ކްރިކެޓްގެ އެތައް ހަރަކާތްތަކެއް ކުރިޔަށްދާއިރު ބަޖެޓް ފާސްނުކުރެވި އޮތުމުން ކޮންމެ ދުވަހަކުވެސް އިދާރީ ހިންގުމަށް ދަތިތައް ކުރިމަތިވަމުންދާ ކަމަށެވެ.

ކޮމިޝަނާ އޮފް ސްޕޯޓްސްގެ ހުއްދަ މިދިޔަ މަހު ލިބުމާ އެކު 2019 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ބޭއްވުމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އެޤްޒެކިއުޓިވް ކޮމިޓީގެ 13 ވަނަ ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފަ އެވެ. އަދި އެޤްޒެކިއުޓިވް ކޮމިޓީގެ ބައްދަލުވުމުގައި 2019 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާ އާއި 2020 ވަނައަހަރުގެ އަހަރީ އާއްމު ޖަލްސާ އެކުގައި 20 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ވަނީ ފާސް ކޮށްފަ އެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އެޤްޒެކިއުޓިވް ކޮމިޓީން މިގޮތަށް ނިންމާފައި ވަނީ އެ ބޯޑުގެ އަސާސީ ޤަވާއިދަށް ބެލުމަށްފަހު އަހަރީ އާއްމު ޖަލްސާ ބޭއްވުމަށް މެންބަރުންނަށް އެންމެ ކުޑަމިނުން 30 ދުވަހުގެ ނޯޓިސް ދޭންޖެހޭނެތީ އާއިއެކު އަހަރީ އާންމު ޖަލްސާއަށް ތައްޔާރުވާން 2019 ވަނަ އަހަރުގެ ބާކީ އޮތް މުއްދަތަކީ އެކަށޭނަ މުއްދަތެއް ނޫން ކަމަށް ފެންނާތީ ކަމަށް ބުނެފައިވެ އެވެ.

ކްރިކެޓް ބޯޑަކީ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ)ގެ ވަރަށް ބޮޑު އެހީތެރިކަމާއި އެކު ކުރިޔަށްގެންދާ އެތައް ޕްރޮގްރާމެއް ހިމެނޭ ތަނަކަށްވާއިރު އައިސީސީ އިން ވެސް އޭޖީއެމްގެ މިނެޓްސް ހޯދަން މީގެ ކުރިން އެދިފައިވެ އެވެ.

comment ކޮމެންޓް