ރާވާލެވޭ ޖަލު ކާށިދޫ ވަލު ތެރޭގައި ވީރާނާ ވަނީ!

ކާށިދޫގައި ފްރީފެބް ޖަލެއް އަޅަން އެ ރަށަށް ގެންދިޔަ ސާމާނު އަޅާފައި ހުރި ކޮންޓެއިނަރުތައް: އެ ތަކެތި މިހާރު ދަނީ ވީރާނާ ވަމުން --

ކާށިދޫގައި ރާވާލެވޭ ޖަލެއް ހަދަން ރައީސް ޔާމީންގެ ސަރުކާރުގައި އެރަށަށް ގެންދިޔަ ތަކެތި ބޭނުންނުކޮށް އެ ރަށުގެ ވަލުތެރޭގައި ވީރާނާވަމުންދާން ދޫކޮށްލާފައިވާތީ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އޭނާގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖަލުތަކުގެ ޖާގައިގެން ދަތިކަން ހައްލު ކުރުމަށްޓަކައި އާދައިގެ ކުށްވެރިން ގެންގުޅުމަށް ޗައިނާއިން "ޕްރީފެބް" ޖަލު (ރާވާލެވޭ ޖަލު) ރައީސް ޔާމީންގެ ސަރުކާރުގައި ގެނައި ކަމަށެވެ. އެ ޖަލު ގެނައީ 16.6 މިލިއަން ރުފިޔާއަށެވެ.

އެފަދަ ޖަލެއް ކާށިދޫގައި އަޅަން ނިންމައި އެ ތަނަށް ކޮންޓެއިނަރުތަކުގައި ތަކެތިވެސް ގެންދިޔައެވެ. އެކަަމަކު، އެފަހުން ތިން ވަރަކަށް އަހަރުވެފައިވާ އިރު އަދިވެސް އެ ޖަލު އަޅާފައި ނުވެއެވެ.

ކާށިދޫ ކައުންސިލުގެ ރައީސް އަލީ ސުލްތާން "ސަން"އަށް ވިދާޅުވީ، އެ ޖަލު އަޅަން ގެނައި ތަކެތި ހުރީ ކާށިދޫ ވަލު ތެރޭގައި ކަމަށެވެ. އެ ތަކެތި ބަހައްޓާފައި ހުރި ކޮންޓެއިނަރުތައް ފަޅާލައި އެއިން މީސް މީހުން ވައްކަން ކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި ކޮންޓެއިނަރުތަކުގެ ބޭރުގައި ބަހައްޓާފައި ހުރި ތަކެއްޗަށް ގެއްލުންވުމުގެ އިތުރުން ބައެއް ސާމާނުގައި ދަބަރު ޖަހާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެެވެ.

ކާށިދޫގައި ފްރީފެބް ޖަލެއް އަޅަން އެ ރަށަށް ގެންދިޔަ ސާމާނު އަޅާފައި ހުރި ކޮންޓެއިނަރުތައް: އެ ތަކެތި މިހާރު ދަނީ ވީރާނާ ވަމުން --

ސުލްތާން ވިދާޅުވި ގޮތުގައި ޖަލު ހަދަން ބޭނުންވާ ތަކެތި އެންމެ ފުރަތަމަ ގެނައި އިރު އެތަން އަޅަން ބިންވެސް ސާފުކުރިއެވެ. އެކަމަކު، މިހާރު އަހަރުތަކެއް ފާއިތުވެފައިވާ އިރު އެތަނުގައި ގަސް ފަޅައި ފުރިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެންމެ ފުރަތަމަ އެތަނުގައި ކަރެކްޝަންސްގެ މުވައްޒަފުން ސެކިއުރިޓީ ބެލެހެއްޓި ނަމަވެސް، ފަހުން ފަހުން ސެކިއުރިޓީ ނުބަހައްޓައި އެތަން މުޅިންހެން ދޫކޮށްލާފައި އޮތީ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ކަރެކްޝަންސްއަށް ގުޅުމުން އެ ސާވިސްގެ މީޑިއާ އޮފިސަރު ވިދާޅުވީ، އެކަން މިއަދާ ހަމައަށް ވެފައި އޮތް ގޮތް ބަލަމުންދާ ކަމަށެވެ. އަދި ކާށިދޫގައި އަޅަން ނިންމި ޖަލާ ގުޅޭ ގޮތުން އަންނަ އަހަރުގެ ކުރީ ކޮޅު މީޑިއާއަށް މައުލޫމާތު ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޖަލުތައް ފުރި އިތުރު ކުށްވެރިންތައް ޖަލަށްލެވޭނެ ގޮތެއް ނެތް ކަމަށް އެ މުއައްސަސާއިން ފުލުހުންނަށް ވަނީ އަންގައިފައެވެ. ޖަލުތައް ފުރިފައިވާ މައްސަލަ ހައްލު ކުރަން ސަރުކާރުން ނިންމާފައި ވަނީ ނޭކުރެންދޫގައި ޖަލެއް އެޅުމަށެވެ. އުމަރު ނަސީރު ވިދާޅުވީ، ޖަލުތައް ފުރުމުގެ މައްސަލައަށް ހައްލެއް ލިބޭނީ ރޫޅާލެވޭ ޖަލުތައް ހަދައި، ނުރައްކާތެރި ކުށްވެރިން ޓެގް އަޅުވައިގެން ކަމަށެވެ.

comment ކޮމެންޓް