ޓޫރިޒަމް ކުރިއަރައި، އުފެއްދުންތެރިކަމުގެ ނިސްބަތް 7.5 ޕަސެންޓަށް އަރާނެ

ގަވަރުނަރު އަލީ ހާޝިމް --- ސަންފޮޓޯ/ ފަޔާޒު މޫސާ

ޓޫރިޒަމް ސިނާއަތް ކުރިއަރައި އަންނަ އަހަރު އުފެއްދުންތެރިކަމުގެ ނިސްބަތް 7.5 ޕަސެންޓަށް އަރާނެ ކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭ އިން ބުނެފިއެވެ.

އެމްއެމްއޭ އިން މިއަދު އާންމުކުރި އިގްތިސޯދީ މައުލޫމާތުގައި ބުނެފައިވާގޮތުން މިއަހަރު ނިމޭއިރު ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ހުރީ 5.7 ޕަސެންޓުުގައެވެ. އެމްއެމްއޭ އިން ބުނީ މިއީ މިއަހަރު އުފެއްދުންތެރިކަމުގެ ނިސްބަތް ހުންނާނެ ކަމަށް ލަފާކުރި 6.8 ޕަސެންޓަށްވުރެ ދަށް މިންވަރެއް ކަމަށާއި އުފެއްދުންތެރިކަމުގެ ނިސްބަތް ދަށްވީ ކޮންސްޓްރަކްޝަން ދާއިރާ އަށް އައި ހީނަރުކަމުގެ ސަބަބުން ކަމަށެވެ.

އެގޮތުން ރާއްޖޭގައި ކުރިއަށްގެންދިޔަ އިންފްރާސްޓްރަކްޗާގެ ބޮޑެތި މަޝްރޫއުތައް 2018 ވަނަ އަހަރު ނިމިފައިވާއިރު، 2019 ވަނަ އަހަރު މިފަދަ ބޮޑު މަޝްރޫއެއް ފެށިގެން ގޮސްފައި ނުވުމަކީ ދާއިރާ އަށް މަޑުޖެހުން އައި ކަމެއްކަން ފާހަގަކޮށްފައި ވެއެވެ. މީގެ އިތުރުން 2019 ވަނަ އަހަރު ފެށުމަށް ނިންމާފައިވާ މަޝްރޫއުތައް ނުފެށި ލަސްވުމަކީވެސް އުފެއްދުންތެރިކަން ދަށްވި ސަބަބެއް ކަމަށް އެމްއެމްއޭ އިން ފާހަގަ ކޮށްފައިވެއެވެ.

މިއަހަރު ރާއްޖޭގެ އިގްތިސޯދު އެއްވަރެއްގައި ހިފެހެއްޓިފައިވަނީ ޓޫރިޒަމް ދާއިރާ އާއި ދަތުރުފަތުރު އަދި މުވާސަލާތީ ދާއިރާ އަށް އައި ކުރިއެރުންތަކުގެ ސަބަބުން ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ.

އަންނަ އަހަރު ޓޫރިޒަމް ދާއިރާ ކުރިއަރާނެ ކަމަށް ލަފާކޮށްފައިވާއިރު އިންފްރާސްޓްރަކްޗާގެ މަޝްރޫއުތައް ފެށި ކޮންސްޓްރަކްޝަން ދާއިރާވެސް ކުރިއަރާނެ ކަމަށް އެމްއެމްއޭ އިން ވަނީ ލަފާކޮށްފައެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއުތައް އަންނަ އަހަރު ފެށިއްޖެނަމަ މި ކުރިއެރުން ފެންނާނެ ކަން ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް