ހަ ރަށެއްގެ މަގު ހެދުމަށް ބޭނުންވާ އީއައިއޭގެ މަސައްކަތް ކުރަން ބަޔަކާ ހަވާލުކޮށްފި

ހަ ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ އީއައިއޭ ހެދުމަށް ބަޔަކާ ހަވާލު ކުރުން -- ފޮޓޯ: ޕްލޭނިން

ހަ ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ އީއައިއޭ ހެދުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

މިއަދު ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މަސައްކަތް ހަވާލުކޮށްފައިވަނީ އަލް ހަބްޝީ އިންޖިނިއަރިން ކޮންސަލްޓެންޓްސް އޮފީސް ކިޔާ ބަޔަކާއެވެ. 3.17 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ހއ. ކެލާ، ރ. އަލިފުށި، ހުޅުދުއްފާރު، މ. މުލި، ލ.ގަން އަދި ތ. ގުރައިދޫގެ މަގު ހެދުމުގެ މަސައްކަތް ކުރާނެއެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން މި ހަ ރަށުގެ މަގުހެދުމަށް ބޭނުންވާ ސާވޭ އާއި ޑީޓެއިލްޑް ޑިޒައިން އަދި އީއައިއޭގެ މަސައްކަތް ވެސް ކުރާނެއެވެ.

އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ޝާނާ ފާރޫގެވެ. އަލް ހަބްޝީގެ ފަރާތުން ސޮއިކުރެއްވީ ކަންޓްރީ ޑިރެކްޓާ އަބްދުއްރައްޒާގު އިދުރީސް އެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ 120 ދުވަސް ތެރޭ ނިންމާގޮތަށެވެ.

މަގު ހެދުމުގެ މަސައްކަތްތަކަށް 1.5 ބިލިއަން ރުފިޔާ ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފަ އެވެ.

comment ކޮމެންޓް