ލިވަޕޫލަށް ޕްރިމިއާ ލީގު ދޫކޮށް ސިޓީގެ އަމާޒު ޗެމްޕިއަންސް ލީގަށް

މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ --- ފޮޓޯ// ސަޗާ ޕިސަނީ

ވޭތުވެ ދިޔަ ދެ ސީޒަނުގެ ވެސް އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި އުފުލާލި މެންޗެސްޓާ ސިޓީއިން މިފަހަރުގެ ލީގުގެ ތަށި ހޯދުމަށް ވުރެން އިސްކަން ދޭނީ ޗެމްޕިއަންސް ލީގަށް ކަމަށް ބާސެލޯނާގެ ކުރީގެ މިޑްފީލްޑަރު ޒަވީ ހަނެންޑޭޒް ބުނެފި އެވެ.

ލީގުގެ ފުރަތަމަ ބުރު ނިންމާ، ދެވަނަ ބުރު ފެށި އިރު، ޗެމްޕިއަން ސިޓީ އޮތީ ތާވަލުގެ ތިންވަނައިގަ އެވެ. އެއްވަނައިގައި އޮތް ލިވަޕޫލުން އެއް މެޗު މަދުން ކުޅުނު އިރު މިހާރު ވަނީ ސިޓީއާ ދެމެދު 14 ޕޮއިންޓްގެ ބޮޑު ފަރަގެއް ގާއިމުކޮށްފަ އެވެ. އެހެން ކަމުން ލިވަޕޫލް އަތުން މިފަހަރުގެ ލީގު އަތުލުމަކީ ނާދިރު ކަމެކެވެ. ލިވަޕޫލްއަށް ލީގު ދެން ގެއްލޭނީ ބާކީ އޮތް 17 މެޗުގެ ތެރެއިން ހަ މެޗުން ބަލިވެ ސިޓީ ނުވަތަ ދެވަނައިގައި އޮތް ލެސްޓާ ސިޓީ ބާކީ އޮތް ހުރިހާ މެޗަކުން މޮޅުވެއްޖެ ނަމަ އެކަންޏެވެ.

ސިޓީއާ އެކު އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ހަދާފައިވާ އެއްބަސްވުން އަލުން އައު ކުރުމަށް އެ ކުލަބުން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮތުންނަމަ ގާޑިއޯލާގެ އެއްބަސްވުން ދެން އޭނާ އަލެއް ނުކުރާނެ އެވެ. ސަބަބަކީ އޭނާ އަލުން އަނބުރާ ކުރީގެ ކުލަބު ބާސެލޯނާއަށް ދިއުމަށް ހުށައެޅުންތަކެއް އައިސްފައިވާތީ ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.

ގާޑިއޯލާ ވަނީ ބާސެލޯނާގައި އޭނާ ހޭދަ ކުރި ދުވަސްވަރު އެ ކުލަބާ އެކު ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެގޮތުން ދެ ޗެމްޕިއަންސް ލީގާއި ތިން ލީގު ތަށި ހިމެނެ އެވެ. އަދި 2009 ވަނަ އަހަރު އޭނާ ވަނީ ބާސެލޯނާއާ އެކު ބައިވެރިވި ހުރިހާ މުބާރާތެއްގެ ތަށި ހޯދައިފަ އެވެ.

ގާޑިއޯލާގެ ބާސެލޯނާ ދުވަސްވަރު ޓީމުގައި ހިމެނުނު އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށްވާ ޒަވީ ބުނީ ގާޑިއޯލާގެ ވިސްނުން ދެން މިފަހަރުގެ އިނގިރޭސި ލީގު ހޯދުމަށް ނުގެންގުޅޭ ކަމަށެވެ. އަދި އޭނާގެ ވިސްނުން މިހާރު ހުރީ މި އަހަރުގެ ޗެމްޕިއަންސް ލީގަށް ކަމަށް ޒަވީ ބުންޏެވެ.

"ގާޑިއޯލާ އަކީ އުފެދުމުގައި ވެސް ޗެމްޕިއަނެއް. ލިވަޕޫލްގެ ފަހަތުގައި ސިޓީ އޮތުމަކީ އޭނާއަށް ލިބޭނެ ވޭނެއް،" ގަތަރުގެ އަލް ސައްދު އަށް މިހާރު ކޯޗުކަން ކޮށްދެމުން އަންނަ ޒަވީ ބުންޏެވެ.

ޒަވީ ބުނީ ލީގު ހޯދުމަށް ސިޓީން ކުރާ މަސައްކަތް އަދި ވެސް ކުރިއަށް ގެންދާނެ ކަމަށެވެ. ސަބަބަކީ ގާޑިއޯލާ އަކީ ފަސޭހައިން ބަލި ގަބޫލު ކުރާނެ މީހެއް ނޫން ކަމަށް ޒަވީ ބުންޏެވެ.

"ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ މިހާރު އޮތް ގޮތުން ނަމަ ސިޓީއަށް ދެން ތިން ތަށި ނުލިބޭނެ ކަން. ލިވަޕޫލުން މިހާރު އޮތީ އެއަށްވުރެ މާ ބޮޑު ފަރަގެއްގައި. ގާޑިއޯލާގެ ވިސްނުން މިހާރު ހުންނާނީ ޗެމްޕިއަންސް ލީގަށް."

މެންޗެސްޓާ ސިޓީން ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ވާދަ ކުރާނީ ސްޕެއިންގެ ރެއާލް މެޑްރިޑާ އެވެ. ސިޓީ މިދިޔަ ފަހަރު ސެމީއިން ކެޓީ ޓޮޓެންހަމް އަތުން ބަލިވެގެންނެވެ.

comment ކޮމެންޓް