ކަރެކްޝަންސްގެ އިންސްޕެކްޓަރު ރައީސް ޔާމީން އާ ބައްދަލުކުރައްވައިފި

އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް، އަހުމަދު މުހައްމަދުފުޅު -- ފޮޓޯ/ ހޯމް މިނިސްޓްރީ

އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް، އަހުމަދު މުހައްމަދުފުޅު، މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.

އަހުމަދު މުހައްމަދުފުޅު ވަނީ އިއްޔެ މާފުށީ ޖަލަށް ވަޑައިގެން، ޖަލުގެ ހާލަތާއި ގައިދީންގެ ހާލަތު ބައްލަވައިފަ އެވެ.

ޖަލަށް ޒިޔާރަތްކުރެއްވުމަށް ފަހު އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިއްޔެ މާފުށީ ޖަލުގެ ހައި ސެކިއުރިޓީ ޔުނިޓާއި އަންހެނުންގެ ޔުނިޓް ބައްލަވައި އެތަނުގައި ތިބި ހަތް ގައިދީއަކާ އިންޓަވިއުކޮށްފައިވާނެ ކަމަށެވެ.

"އޭގެ އިތުރުން ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އާ ވެސް ބައްދަލުކުރިން،" އަހްމަދު މުހައްމަދުފުޅު ވިދާޅުވި އެވެ.

އިންސްޕެކްޓާ ވިދާޅުވީ ގައިދީން ހިއްސާކުރި ޝަކުވާތަކާއި ފާހަގަކުރި މައްސަލަތައް ހޯމް މިނިސްޓަރުގެ ސަމާލުކަމަށް ގެންނަވާނެ ކަމަށެވެ. އަދި ކަރެކްޝަނަލް ސާވިސް އާ ގުޅިގެން އެ މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްގެ މަގާމަށް އަހުމަދު މުހައްމަދުފުޅު އައްޔަންކުރެއްވީ މި އަހަރުގެ މެއި މަހު އެވެ. އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްގެ ޒިންމާއަކީ މީހުން ބަންދުކުރާތަންތަނުގެ ހާލަތާއި އެތަންތަނުގައި ކަންހިނގާގޮތް ބަލައި ހޯމް މިނިސްޓަރަށް ރިޕޯޓުކުރުމެވެ.

comment ކޮމެންޓް