އަށް ރަށެއްގެ ދަނޑުގެ ސަބް ބޭސް އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

ދަނޑުތަކުގެ ސަބްބޭސް އެޅުމަށް އެކި ފަރާތްތަކާ އެކު އެއްބަސް ވުމުގައި ސޮއި ކުރެއްވުމަށް މިއަދު ޔޫތު މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން ---

އަށް ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި އެވެ.

މިއަދު މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގައި ބޭއްވި ރަސްމިއްޔާތެއްގައި ށ. މިލަންދޫ، ށ. ފޯކައިދޫ، ށ. ފުނަދޫ، އދ. މާމިގިލި، ކ. ގުޅި، ކ. ގުރައިދޫ އަދި ނ. ވެލިދޫގެ އިތުރުން ހއ. ދިއްދޫ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރު ކުރުމަށް ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ.

އެގޮތުން ހއ. ދިއްދޫ އާއި ށ. ފޯކައިދޫ އަދި ނ. ވެލިދޫ ދަނޑުގެ ސަބް ބޭސް މަސައްކަތް ހަވާލުކޮށްފައި ވަނީ ޓޫއޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރު އަހްމަދު މަހްލޫފް ސޮއިކުރެއްވި އިރު ޓޫއޭ ކޮންޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖަރު އަހްމަދު އިހްސާން އެވެ. މި ތިން އެއްބަސްވުމުގެ ޖުމްލަ އަދަދު ފަސް މިލިއަން ރުފިޔާއަށް އަރަ އެވެ.

ށ. މިލަންދޫ ދަނޑުގެ ސަބް ބޭސް މަސައްކަތް ޓީއޭ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފައިވާ އިރު މި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ތައުފީޤް އެވެ. މި އެއްބަސްވުން އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 1.8 މިލިއަން ރުފިޔާ އަށެވެ.

ށ. ފުނަދޫ ދަނޑުގެ ސަބް ބޭސް މަސައްކަތް އާކާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވާއިރު މިއީ 1.75 މިލިއަން ރުފިޔާގެ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ އިސްމާއީލް ޖައުފަރެވެ.

މީގެ އިތުރުން ކ. ގުޅި އަދި ކ. ގުރައިދޫގެ އިތުރުން އދ. މާމިގިލީ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކޮށްދިނުމަށް އާރުކޭއެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ އިރު މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުޒައިމާ ހަސަން އެވެ. މި އެއްބަސްވުންތަކުގެ ޖުމްލަ އަގު 4.8 މިލިއަން ރުފިޔާއަށް އަރަ އެވެ.


ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ފުޓްބޯޅަ ދަނޑުތައް ގާއިމްކުރުމަށް ރައީސް ސާލިހް ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް މި 2019 ވަނަ އަހަރުގެ ތެރޭގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ވަނީ ގިނަ ދަނޑުތަކެއްގެ މަސައްކަތް ފަށައިފަ އެވެ.

comment ކޮމެންޓް