އަޖުފާން ފަހުވަގުތު ޖެހި ގޯލުން ޓީސީއަށް މޮޅެއް

ދިރާގު ދިވެހި ލީގުގައި މިއަދު ޓީސީއާއި ފޯކައިދޫ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

މުހައްމަދު އަޖުފާން ފަހު ވަގުތު ޖަހައިދިން ގޯލާ އެކު ށ. ފޯކައިދޫ އަތުން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކުލަބުން ތިންވަނައިގައި އޮތް ގްރީން ސްޓްރީޓްސްގެ ފަހަތުގައި ވިއްދައިފި އެވެ.

މިއަދު ހަވީރު ކުޅުނު އެ މެޗުން ވާދަވެރި ކުޅުމަކަށްފަހު ފޯކައިދޫ އަތުން ޓީސީ ކުރި ހޯދީ 0-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު ޓީސީ މިވަގުތު ތާވަލުގެ ހަތަރުވަނައިގައި އޮތީ 25 ޕޮއިންޓާ އެކު އެވެ. ތިންވަނައިގައި އޮތް ގްރީނަށް ރޭ ވިކްޓަރީއާ ދެކޮޅަށް ކުޅެން އޮތް މެޗުން ލިބުނު ތިން ޕޮއިންޓާ އެކު 26 ޕޮއިންޓް ލިބިފައިވާ އިރު ދެވަނައިގައި އޮތް އީގަލްސް ވަނީ 27 ޕޮއިންޓް ހޯދައިފަ އެވެ. މިއަދުގެ މެޗުން ބަލިވި ފޯކައިދޫ ތާވަލުގެ ފަސް ވަނަައިގައި އޮތީ 20 ޕޮއިންޓާ އެކު އެވެ.

ދިރާގު ދިވެހި ލީގުގައި މިއަދު ޓީސީއާއި ފޯކައިދޫ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

މިއަދުގެ މެޗު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއް ޓީމަކަށް ވެސް ނުރައްކާތެރި ހަމަލާތަކެއް އުފެއްދިފައި ނުވާ އިރު ގޯލު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޓީސީގެ ފޯވާޑް އިޝާން އިބްރާހިމް (ސައްޓު) އަށެވެ. އެކަމަކު އޭނާއަށް ވެސް އެ ފުރުސަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފިގެން ނުދިޔައެވެ.

ފުރަތަމަ ހާފާ ޚިލާފަށް ދެވަނަ ހާފު ފެށިގެން ދެ ޓީމުން ވެސް ކުޅުނީ އެޓޭކިންގް ގޭމެކެވެ. ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް އެ ހާފުގައި ލިބުނު އިރު މެޗުގެ 72 ވަނަ މިނަޓުގައި ޓީސީގެ ފޯވާޑް އިސްމާއިލް އީސާ (މެސީ) އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާ ފޯކައިދޫގެ ގޯލްކީޕަރު ސާގިބް ހަނީފް ވަނީ ދިފާއު ކޮށްފަ އެވެ. އެކަމަކު އެ ބޯޅަ ރިބައުންސަށް ނުކުތް އިރު ހުސްކޮށް ހުރި އާދަމް އިޝާމް (ސަން) ފޮނުވާލި އިރު ބޯޅަ ޖެހުނީ ދަނޑީގަ އެވެ.

އޭގެފަހުން 78 ވަނަ މިނެޓުގައި ސައްޓު ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު، އޭގެ މިނެޓެއް ފަހުން ފޯކައިދޫގެ ލަމާނަށް ވަނީ ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލް 87 ވަނަ މިނެޓުގައި އަބްދުލް ވާހިދު އިބްރާހީމް (ވާޑު) ނަގައިދިން ހުރަހަކުން ކާމިޔާބުކޮށްދިނީ ޑިފެންޑަރު މުހައްމަދު އަޖުފާނެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލު ކުރާނީ ޑެ ގްރާންޑޭއާއި ޔުނައިޓެޑް ވިކްޓަރީ އެވެ.

comment ކޮމެންޓް