އައްޑޫއިން ފަތުރުވެރިކަމަށް ހުޅުވާލި 63 ބިމަކަށް ބިޑު ހުށަހަޅައިފި

އައްޑޫ ސިޓީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީގައި ޓޫރިޒަމް ޒޯންގެ ގޮތުގައި ކަނޑައެޅި ސަރަހައްދުތަކުން ގެސްޓްހައުސް އަދި ސިޓީ ހޮޓާ ތަރައްގީކޮށް ހިންގުމަށް ބިންތައް ކުއްޔަށް ދޫކުރުމަށް ނިންމައި، އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތުގައި 63 ބިމަކަށް ބިޑު ވިކިފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

ޓޫރިޒަމަށް އައްޑޫ އިން ބިޑު ކުރީ، 96 ބިމުގެ 4000 އެނދަށެވެ. ނަމަވެސް މީދޫ ރައްޔިތުން އެދިގެން ލޮކޭޝަން ބަދަލުކުރުމަށް މީދޫގެ 16 ބިމުގެ 320 އެނދު މަޑުޖައްސާލުމުން، މި ބުރުގައި ބިޑަށް ހުޅުވާލާފައި ވަނީ 80 ބިމަކަށް 3680 އެނދަށެވެ.

ސިޓީ ކައުންސިލުން މިއަދު ބުނީ މީގެ ތެރެއިން ބިޑު ވިއްކުމުގެ މުއްދަތު ހަމަވި އިރު 63 ބިމަކަށް 3390 އެނދު ވިކިފައިވާ ކަމަށެވެ. މުއްދަތު ހަމަވިއިރު ނުވިކެނީ 17 ބިމަކަށް 290 އެނދެވެ.

އެހެންކަމުން އެ 17 ބިމުގައިވާ އެނދުތައް ޓޫރިޒަމް ޒޯންތަކުގެ ކޮމަން ފެސިލިޓީތައް އެއްކޮށް ތަރައްގީކުރެވިދާނެ ގޮތްތައް ބަލަމުން އަންނަ ކަމަށް ކައުންސިލުން ބުންޏެވެ.

އަދި ބިޑު ކާމިޔާބުކުރާ ފަރާތްތަކުން މަސައްކަތް ފަށާއިރު 17 ބިމުގެ މަސައްކަތާއި ކޮމަން ފެސިލިޓީތަކުގެ މަސައްކަތް އަދި ލޭންޑްސްކޭޕިންގ އާއި ބީޗު ހެދުމުގެ މަސައްކަތްވެސް އެކު އެކީގައި ފެށިގެން ކުރިއަށް ދާނެ ކަމަށް ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ މި މަޝްރޫއު ކާމިޔާބު ކަމާއެކު ގެންދިއުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ލިބުމަކީ އައްޑޫގެ ތަރައްގީ އަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

comment ކޮމެންޓް