ކުނި އުކާލުމުގެ ހިދުމަތަށް ގޭބިސީތަކުން ފީ ނުދޭތީ ވެމްކޯއަށް 30 މިލިއަނުގެ ގެއްލުމެއް

ސްޓޭޓް އޯންޑް އެންޓަޕްރައިސިސް ކޮމެޓީގައި ވެމްކޯގެ އިސްވެރިން --- ސަން ފޮޓޯ: ފާޔާޒު މޫސާ

މާލޭގެ ގޭ ބިސީތަކަށް ވެމްކޯއިން ދޭ ކުނިއުކާލުމުގެ ހިދުމަތަށް ދައްކަން ޖެހޭ ފީ ނުދެއްކުމުގެ ސަބަބުން، 30 މިލިއަން ރުފިޔާގެ ގެއްލުމަށް އަރާފައިވާ ކަމަށް ވެމްކޯއިން ބުނެފި އެވެ.

ޓީވީއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ވެމްކޯގެ މެނޭޖިންގް ޑައިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ ވެމްކޯ އިން ދޭ ހިދުމަތަށް ފީ ދެއްކުމުގައި ބައެއް ރައްޔިތުން ފަރުވާކުޑަ ކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އޭނާ ވެމްކޯގެ އެމްޑީ ކަމާ ހަވާލުވިއިރު ވެސް މާލޭގޭ ގޭ ބިސީތަކުން އެކުންފުންޏަށް ދައްކަން ޖެހޭ 25 މިލިއަން ރުފިޔާ ނުލިބިއޮތް ކަމަށް އާދަމް ވިދާޅުވި އެވެ.

"މިއަދު އެ އަދަދު އެ އަރަނީ ގާތްގަނޑަކަށް 30 ހަކަށް މިލިއަނަށް. އެހެންވީމަ ވަރަށް ގިނަ ރައްޔިތުން މިކަމަށް އެބަޖެހޭ ސަމާލުކަން ދެއްވައި އަޅުގަނޑުމެންނަށް އެއްބާރުލުން ދެއްވަން." ވެމްކޯގެ އެމްޑީ އާދަމް މުހައްމަދު ވިދާޅުވި އެވެ.

މިޙާރު ވެމްކޯގައި ކުނިއުކާލުމުގެ ހިދުމަތަށް އެދި ރެޖިސްޓްރީކޮށްފައި ވަނީ 19،000 ވަރަކަށް ގޭ ބިސީ ކަމަށް އާދަމް ވިދާޅުވި އެވެ. އަދި އޭގެތެރެއިން ގަވައިދުން ފީ ދައްކަމުން ދަނީ 10،000 ގޭ ބިސީއިން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސާވިސް ކޮންމެވެސް ވަރަކަށް ސަސްޕެންޝަންއަކަށް ގެންދަން ފީ ނުދެއްކީމާ. ސަސްޕެންޝަންއަކަށް ގެންދިޔައިމާ ބައެއް ބޭފުޅުން އެ ހުންނަ ޕެންޑިންގް ބިލުތައް ކްލިއާ ކުރައްވާ. އަނެއްބައި ބޭފުޅުން މި ހައްދަވާ ގޮތަކީ ހަތަރުފްލޯއެއް އިންނަ ގެއެއް ވިއްޔާ ހުރިހާ ފްލޯއެއްގެ ކުނި އެއް ފްލޯއަކަށް ޖަމާކުރަނީ." ވެމްކޯގެ އެމްޑީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެގޮތަށް އޮޅުވާ ލުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ. އަދި އެހެން ނުހެދުމަށް އާދަމް އިލްތިމާސް ކުރެއްވި އެވެ.

ވެމްކޯގައި ރެޖިސްޓްރީނުކޮށް 14000 ގޭ ބިސީއަކުން އެބަތިބި ކަމަށް އާދަމް ވިދާޅުވި އެވެ. އެމީހުންނަށް ވެސް ވެމްކޯ މެދުވެރިކޮށް ނޫނީ ކުނި އުކޭނެ ގޮތެއް ނޯންނާނެ ކަން ފާހަގަކޮށް އޭނާ ވިދާޅުވީ އެ ފަރާތްތައް ވެސް ރެޖިސްޓްރީކޮށްގެން ގަވައިދުގެ ތެރެއިން ކުނިއުކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެދޭ ކަމަށެވެ.

އާދަމް ވިދާޅުވީ މިހާރު ވެމްކޯ އިން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެއްވިފައިވާ ކަމަށެވެ. އެކަން އެނގެނީ މިހާރު ވެމްކޯއަށް ޝަކުވާ ހުށަހަޅާ މީހުންގެ އަދަދު މަދުވުމުން ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ކުރިން ދުވާލަކަށް 500 ޝަކުވާ އެ ކުންފުނީގެ ހިދުމަތާ ބެހޭ ގޮތުން ހުށަހެޅިއިރު މިހާރު ދުވާލަކަށް ހުށަހަޅަނީ 75 ޝަކުވާ ކަމަށް އާދަމް ވިދާޅުވި އެވެ.

comment ކޮމެންޓް