އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ދެ މިސްކިތް އޭސީ ކުރަނީ

އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ދެ މިސްކިތް އޭސީ ކުރަން ބަޔަކާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިޢާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ދެ މިސްކިތެއް އޭސީ ކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އެ ދެ މިސްކިތަކީ ނ. ކެނދިކުޅުދޫ މަސްޖިދުލް އީމާން އަދި ޏ. ފުވައްމުލަކު މަސްޖިދުލް އިނާރާ އެވެ. އެ މަސައްކަތް ކުރަން ހަވާލުކުރީ އަވި ޓެކްނޮލޮޖީ ޕްރައިވެޓް ލިމިޓެޑްއާ އެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިވެސްކޮށްފަ އެވެ. އެ އެއްބަސް ވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ. އަދި އަވި ޓެކްނޮލޮޖީސްގެ ފަރާތުން އެ ކުންފުނީގެ އެކައުންޓެންޓް އާސިފް މުޙައްމަދެވެ.

އެ މަސައްކަތުގެ ތެރެއިން ކެނދިކިޅުދޫ މިސްކިތުގައި ސޯލާ ޕެނަލް ހަރުކޮށް، ކަރަންޓުވިއުގައާ ގުޅުމުގެ މަސައްކަތް ޖުމްލަ 827،500 ރުފިޔާއަށް ހަވާލުކުރި އިރު އަދި ޏ. ފުވައްމުލަކު މިސްކިތުގެ މަސައްކަތް ހަވާލުކުރީ 920،500 ރުފިޔާ އަށެވެ.

އެ ދެ މިސްކިތުގެ މަސައްކަތްތައް ނިންމުމަށް ހަމަޖެހިފައި ވަނީ 20 ދުވަހުގެ ތެރޭގަ އެވެ.

comment ކޮމެންޓް