އިރާގާއި ސީރިއާގައި ހުރި އީރާނާ ގުޅުން ހުރި އަމާޒުތަކަށް އެމެރިކާއިން ހަމަލާދީފި

އެމެރިކާގެ އެޔާ ފޯސްގެ ފައިޓާ ޖެޓުތަކެއް -- ފޮޓޯ: ރޮއިޓާސް

ބަޣުދާދު (ޑިސެމްބަރު 30): އިރާގާއި ސީރިއާގައި ހުރި، އީރާނާ ގުޅުން ހުރި ޖަމާއަތަކަށް ނިސްބަތްވާ ފަސް މަރުކަޒަކަށް އެމެރިކާއިން އިއްޔެ ހަމަލާދީފި އެވެ.

އެމެރިކާގެ އަސްކަރިއްޔާއިން އެ ވައިގެ ހަމަލާތައް ދިނީ އީރާނާ ގުޅުން ހުރި ކަތާއިބު ހިޒްބުﷲ ކިޔާ ހަނގުރާމަވެރި ޖަމާއަތަކުން މިދިޔަ ހުކުރު ދުވަހު އިރާގުގެ އަސްކަރީ މަރުކަޒަކަށް ރޮކެޓު ހަމަލާއެއް ދިން ފަހުންނެވެ. އެ ހަމަލާގައި އެމެރިކާ މީހަކު މަރުވެ، އެގައުމުގެ ހަތަރު ސިފައިން ޒަހަމްވި އެވެ.

ޕެންޓަގަންގެ ތަރުޖަމާނު ޖޮނަތަން ހޮފްމަން ވިދާޅުވި ގޮތުގައި އެމެރިކާއިން އިރާގުގެ ތިން އަމާޒަކަށާއި ސީރިއާގެ ދެ އަމާޒަކަށް ދިނީ ދިފާއީ ހަމަލާތަކެކެވެ. އަދި އޭގެ ސަބަބުން އެޖަމާއަތުން އިތުރު ހަމަލާތައް ދިނުމުގެ ގާބިލުކަން ކުޑަވެގެންދާނެ އެވެ.

އެސްޕާ ވިދާޅުވި ގޮތުގައި އެ ހަމަލާތައް އަމާޒު ކުރީ ހަތިޔާރު ރައްކާ ކުރާ ގުދަންތަކަށާއި ކޮންޓްރޯލު ސެންޓަރުތަކަށެވެ.

އިރާގުގެ ސަލާމަތީ ބާރުތަކާ ގުޅުން ހުރި އޮފިޝަލުން ވިދާޅުވި ގޮތުގައި އެމެރިކާއިން އެގައުމުގައި ދިން ހަމަލާތަކުގައި ކަތާއިބު ހިޒްބުﷲގެ 25 ހަނގުރާމަވެރިން މަރުވެ، 55 މީހުންނަށް އަނިޔާވެފައިވެ އެވެ.

އެމެރިކާއިން އެ ހަމަލާތައް ދީފައި ވަނީ އިރާގުގައި ސަރުކާރާ ދެކޮޅަށް ވަރުގަދަ މުޒާހަރާތައް ކުރަމުންދަނިކޮށެވެ. މީގެ ދެމަސްކުރިން އެގައުމުގެ އެކި ކަންކޮޅުތަކުގައި ސިލްސިލާ ގޮތެއްގައި މުޒާހަރާތައް ފެށީ ކޮރަޕްޝަން އާންމުވެފައިވުމާއި ސަރުކާރުން ރައްޔިތުންނަށްދޭ އާންމު ޚިދްމަތްތަކުގެ ފެންވަރު އާދަޔާ ޚިލާފަށް ދަށްވުމާއި ވަޒީފާގެ ފުރުސަތުތައް ނެތުމާއި ރައްޔިތުންގެ އަތްމަތި ދަތިވެ ފަގީރުކަން އާންމުވުމުގެ ސަބަބުންނެވެ.

އެ މުޒާހަރާގެ ބައިވެރިން ވަނީ އީރާނުން އިރާގުގެ ދާހިލީ ކަންތައްތަކަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ ނުރުހުން ފާޅުކޮށްފަ އެވެ. އަދި އެމީހުން ވަނީ އިރާގުގައި ހުންނަ އީރާނުގެ ދެ ކޮންސިއުލޭޓެއްގައި ރޯކޮށްފަ އެވެ.

comment ކޮމެންޓް