ރިންގް ރޯޑްގައި ނުރައްކާތެރި އެކްސިޑެންޓެއް، އެކަކު ހޭނެތިފައި

އެކްސިޑެންޓްވި ސައިކަލް ބުރައިގެން ގޮސްފައި -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ރާޅުގަނޑު ސަރަހައްދުން މާލޭގެ ރިންގް ރޯޑްގައި ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހެއްގެ ހާލު ސީރިއަސްވެ، ފަރުވާދޭން ފަށައިފި އެވެ.

އެކްސިޑެންޓު ހިންގާފައިވަނީ، މިރޭ ދަންވަރު 1:25 ހާއިރު އެވެ.

ރިންގްރޯޑްގައި ހުންނަ، އޮކްސިޖަން ރެސްޓޯރެންޓް ކައިރީ އެކްސިޑެންޓް ހިނގީ، ޕީޕީއެމް އޮފީސް ކުރިމަތީ ކޮންސްޓްރަކްޝަން މަސައްކަތެއް ކުރުމަށް ކެރޭނެއް ބާއްވައި، މަގު އެއްފަޅި ބަންދުކޮށްފައި ވަނިކޮށެވެ.

އަނިޔާ ލިބިފައިވަނީ ހަމައެކަނި ސައިކަލު ދުއްވަން އިން ފިރިހެން މީހާއަށެވެ. އޭނާ ކާރަށް ލަދިން މީހުން "ސަން"އަށް ބުނި ގޮތުގައި އޭނާ އޮތީ ހަރަކާތް ހުއްޓިފަ އެވެ. ބޮލުންނާއި ކަރުން ކޮންމެވެސް ވަރަކަށް ލޭ އަންނަމުން ދިޔަ ކަމަށް އެ މީހުން ކިޔައިދިނުނެވެ.

ކާރު އައީ ބުރިޖު ވިއު ޕޮއިންޓުން އާޓިފިޝަލް ބީޗާ ދިމާލަށެވެ. އަދި ސައިކަލު އައީ، އާޓިފިޝަލް ބީޗުން ބުރިޖު ވިއު ޕޮއިންޓާ ދިމާލަށެވެ.


މަންޒަރު ދުށް މީހުން ބުނި ގޮތުގައި، އެކްސިޑެންޓު ހިނގަން މެދުވެރިވީ، މަގު ބަންދުކޮށްފައި އޮތުމުން ސައިކަލު ހަނި ދޭތެރެއިން ދެމި ގަންނަން އުޅުމުގެ ތެރޭގައި ކާރުގެ ކަނާތް ފާރާތުން ލޯގަނޑުގައި އަޅައި ގަނެ ސައިކަލު ވިއްސައިގެން ދިޔުމުން ކަމަށެވެ. ލޯގަނޑުގައި ޖެހުމުގެ ސަބަބުން ސައިކަލާއެކު އަނިޔާ ލިބުނު މީހާ 80 ވަރަަކަށް ފޫޓު ދުރަށް ވިއްސައިގެން ދިޔަ ކަމަށް އެމީހުން ބުންޏެވެ.

"ސަން" ގެ ނޫސްވެރިން އެ ސަރަހައްދަށް ދިޔަ އިރު، ސައިކަލު އޮތީ، ކާރާ 80 ވަރަކަށް ފޫޓު ދުރުގައި ރާޅުގަނޑާ ދިމާލުގަ އެވެ. ކާރު އޮތީ އޮކްސިޖަން ކުރިމަތީ ރާޅުގަނޑު ފަާރާތުގަ އެވެ. އެ ސަރަހައްދުގައި ކޮންމެވެސް ވަރަކަށް ލޭ ހުރި އިރު، ސައިކަލު ހުރީ ވަރަށް ބޯޑަށް ބިންމަތީގައި ކޭތި އެކި ވަރުގެ ގެއްލުން ވެފަ އެވެ. އަދި ކާރުގެ ކަނާތު ލޯގަނޑު ތަޅައިގެން ގޮސް، ކާރުގެ ކަނާތު ފަރާތުން ތިރިން ހުރީ ރޮގު އެޅިފަ އެވެ.

މިއަހަރު މިހާތަނަށް އެކްސިޑެންޓުގެ 2،287 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި މިމަހު މިހާތަނަށް ހުށަހެޅުނު 121 މައްސަލައެއް ހިމެނެ އެވެ. މިދިޔަ އަހަރު ފުލުހުންނަށް ރިޕޯޓު ކުރެވުނު އެކްސިޑެންޓުގެ އަދަދަކީ، 3،272 މައްސަލަ އެވެ.

comment ކޮމެންޓް