ރައީސް ޔާމީނު ޖަލުގައި އޮންނެވި އިރު އިދިކޮޅު އޭސީގައި ތިބުން ރީއްޗެއް ނޫން: އުމަރު

އުމަރު ނަސީރު -- ސަން ފައިލް ފޮޓޯ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޖަލުގައި އޮންނެވި އިރު، އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޮންމެ ރެޔަކު އެއާކޮންޑިޝަނެއްގެ ދަށުގައި ތިބޭ ކަމަށް ވިދާޅުވެ ކުރީގެ ހޯމް މިނިސްޓަރު އަދި ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

މިރޭ ސީއެންއެމްގެ "އިތުރު ކާފު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އުމަރު ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް އިދިކޮޅުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށާއި، އަދި އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި އޮވެ ޕީޕީއެމް އަށް އެ މަސައްކަތް ނުކުރެވޭ ކަމަށް ވިދާޅުވެ އިދިކޮޅު ސިޔާސީ ލީޑަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އުމަރު ވިދާޅުވީ ކޮންމެ ރެޔަކު ވެސް ފެނިގެންދަނީ އިދިކޮޅުގައި ތިއްބެވި ފަރާތްތަކުން އެއާކޮންޑިޝަނެއްގެ ދަށުގައި ތިބެ، ޓީވީއަކަށް ވާހަކަ ދައްކާ މަންޒަރު ކަމަށާއި، އެއީ އިދިކޮޅު ސިޔާސީ ޕާޓީއަކުން އަމަލުކުރަން ވާނެ ގޮތް ނޫން ކަމަށެވެ.

"އެއާކޮންޑިޝަންގެ ދަށަށް ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ އެއްވެގެން އެމީހުންގެ ލީޑަރު ޖަލަށް ލައިގެން އުޅޭ ވާހަކަ ދެއްކުން އެއީ އެހާ ރީތިކަމެއް ނޫން،" އުމަރު ވިދާޅުވިއެވެ.

ޕީޕީއެމް-ޕީއެންސީން މަސައްކަތް ކުރާ ގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން އުމަރު ވިދާޅުވީ މިހާރު އިދިކޮޅުގައި އޮތް ލީޑަޝިޕްގެ ފަރާތުން ފެނިގެންދަނީ ވަރަށް އާދައިގެ، ދެރަ ފެންވަރުގެ މަންޒަރެއް ކަމަށެވެ.

އުމަރު ވިދާޅުވީ 2009 ވަނަ އަހަރު އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައި އޮތް ޑީއާރްޕީއާ ހަވާލުވިއިރު އެ ޕާޓީއަކީ މަގުމަތީ ހަރަކާތް ދަންނަ ބައެއް ނޫން ކަމަށެވެ. ނަމަވެސް ޕާޓީގެ އޭރުގެ ލީޑަޝިޕުން ކުރި މަސައްކަތުން ދެތިން އަހަރު ތެރޭގައި ސަރުކާރު "ކޮށިއަރުވާލައި" އޭރު ވެރިކަމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވާ ހިސާބަށް ހަރަކާތްތައް ވަރުގަދަ ކޮށްލާފައިވާނެ ކަމަށެވެ.

"އެހެންވީމަ އެވަރުގެ އެކްޓިވިޒަމް އާ އެވަރުގެ ހިތްވަރާއި، އެއްޗެހި އަޅުގަނޑަކަށް އަދި ނުފެނޭ މިހާރު ޕީޕީއެމްގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުންގެ ފަރާތުން،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ބާއްވައި، ޕީޕީއެމްގެ ތެރެއިން އެ ޕާޓީގެ ލީޑަޝިޕް އަތުލުމުގެ ވިސްނުމުގައި މަސައްކަތް ކުރާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ޕީޕީއެމް-ޕީއެންސީއަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރެވިގެން އުޅެނީ ޕާޓީގެ ލީޑަޝިޕުގައި އެވަރުގެ ވަރުގަދަ ލީޑަރެއް ނެތުމުން ކަމަށެވެ. އެހެންކަމުން އެ ޕާޓީއަށް ވަރުގަދަ "ބާޒެއް" ނުވަތަ "ސިންގާ"އެއް ބޭނުންވާ ކަމަށް އުމަރު މިރޭ ވިދާޅުވިއެވެ.

"ނުބައި ނިޔަތެއް އޮންނާނެ ހެނެއް ހިޔެއް ނުވެ. އެބޭފުޅުންނަށް ބޭނުންވަނީ ވަރުގަދަ ލީޑަރެއް. އެބޭފުޅުންނަށް ބޭނުންވޭ އެބަ ވަރުގަދަ ބާޒެއް. އެބޭފުޅުންނަށް އެބަ ބޭނުންވޭ ސިންގާއެއް، އެފަދަ ބާޒެއް ނުވަތަ ސިންގާއެއް އައިސް އެބޭފުޅުން ގޮވައިގެން ލީޑު ކުރަން އެބަ ޖެހޭ،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ވަރުގަދަ ލީޑަރަކާއެކު މަގު މައްޗަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މަގުމައްޗަށް ނުކުމެގެން ވެސް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. އަދި އެވަރުގެ ލީޑަރެއް އިދިކޮޅަށް ލިބޭ ހިސާބުން މަންޒަރު މުޅިން ބަދަލުވެގެންދާނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

މީގެ އިތުރުން އުމަރު ވަނީ ރައީސް ޔާމީންގެ ދިފާއީ ވަކީލުންނަށް ވެސް މިރޭ ފާޑުވިދާޅުވެފައެވެ. އުމަރު ވިދާޅުވީ ރައީސް ޔާމީން ދިފާއުކުރައްވަން އެމަނިކުފާނުގެ ވަކީލުން އެކަށީގެންވާ މަސައްކަތްތަކެއް ކުރި ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އެކަށީގެންވާ އާގިއުމަންޓެއް ނުދެވޭ ހަގީގަތުގައި. ރައީސް ޔާމީނަކަށް ވެސް އަދި ޑިފެންސަކަށް ވެސް އެކަށީގެންވާ ކައުންޓާ އާގިއުމަންޓެއް ނުދެވުނު،" އުމަރު ވިދާޅުވިއެވެ.

މައްސަލަ މިހާރު އިސްތިއުނާފުކޮށްފައި ވާއިރު، ހައިކޯޓުގައި ވަކީލުންގެ ފަރާތުން ހަރުދަނާ ރަނގަޅު ދިފާއެއް ފެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވަނީ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވަމުން ގެންދަވާ ވާހަކަ މިރޭ ވެސް ތަކުރާރު ކުރައްވައިފައެވެ.

އުމަރު ވިދާޅުވީ ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންފިނަމަ، ކުރިއަށް ވަޑައިގަންނަވާނީ އެގޮތަށް ކަމަށާއި، އެހެން ނުވެއްޖެ ނަމަ އެކަނިވެސް އިންތިހާބަށް ނުކުންނަވާނެ ކަމަށެވެ.

"ޕީޕީއެމްގެ ލީޑަޝިޕްގެ ދޮރު ހުޅުވައިފިއްޔާ، އެ ދޮރުން ވަންނަން އަޅުގަނޑު މަސައްކަތް ކުރާނަން. އެކަމު ޕީޕީއެމްގެ ލީޑަޝިޕްގެ ދޮރު ބަންދުކޮށްފައި އޮތްހާ ހިނދަކު، އަޅުގަނޑު މަސައްކަތެއް ނުކުރާނަން އެ ދޮރު ފަޅާފައި ވަންނާކަށް ވެސް މަސައްކަތެއް ނުކުރާނަން އަދި އެ ދޮރު ކައިރީ ހުރެ ޓަކި ޖަހާ އެކަހަލަ ކަމެއް ވެސް ނުކުރާނަން،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އެއްވެސް ސިޔާސީ ލީޑަރެއްގެ ފަހަތަށް އަރައިގެން މަސައްކަތް ނުކުރައްވާނެ ކަމަށާއި، މަސައްކަތް ކުރާނީ ލީޑަރެއްގެ ގޮތުން ކަމަށެވެ. އެގޮތަށް މަސައްކަތް ނުކުރެއްވާ ނަމަ މަސައްކަތް ނުކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑުގެ އުންމީދަކީ ޕީޕީއެމްގެ ލީޑަޝިޕްގެ ދޮރު ހުޅުވިގެން، ޕީޕީއެމްގެ ތެރެއިން ނުކުތުމުގެ ފުރުސަތު ލިބުން. އެ ފުރުސަތު ނުލިބުނަސް އަޅުގަނޑު ކަންބޮޑެއް ވެސް ނުވޭ،" އުމަރު ވިދާޅުވިއެވެ.

comment ކޮމެންޓް