ޕާސްޕޯޓު ހިފަހައްޓާފައިވާ ބަޔަކު ފުރުވާލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު: ހަނަފީ

މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ދެ މައްސަލައެއްގައި ދައުވާ އުފުލައި ޕާސްޕޯޓު ހިފަހައްޓާފައި އޮތް ދެ ބިދޭސީއެއް ރާއްޖެއިން ފުރުވާލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށް އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) ވިދާޅުވެއްޖެ އެވެ.

އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ވަނީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅައިފަ އެވެ.

މައްސަލައާ ގުޅިގެން ހަނަފީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއީ ނޮވެމްބަރު 2018ގައި ހިނގާފައިވާ ކަމެއް ކަމަށާއި އެފަދަ މައްސަލަތައް ހައްލު ކުރުމަށް އިމިގްރޭޝަނުން ކަމާ ގުޅުން ހުރު އިދާރާތަކަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ.

އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމަށް ހަނަފީ އައްޔަން ކުރައްވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ. ހަނަފީ އެ މަގާމަށް އައްޔަން ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި، މުހައްމަދު އަންވަރު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ އެ ދެ ބިދޭސީއިން ފުރުވާލީ ކުރިމިނަލް ކޯޓުގައި އޮތް، މަސްތުވާތަކެތި އެތެރެ ކުރުމުގެ ދެ މައްސަލައެއްގައި ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް ކަމަށެވެ. އެއީ ބަންގްލަދޭޝްގެ ދެމީހުންނެވެ.

ޕާސްޕޯޓު ހިފަހައްޓާފައިވާ ދެމީހުން ފޮނުވާލި މައްސަލައިގައި އިހުމާލުވަނީ ކޮން ބައެއް ކަމެއް ޕީޖީ އޮފީހުން ބުނެފައެއް ނުވެ އެވެ.

comment ކޮމެންޓް